މީޑިއާތަކުގެ މާލީ ގާބިލުކަމަށް ވަކި ފަރާތަށް ބަރޯސާވުން ނައްތާލުމަށްޓަކައި ގާނޫނުގައި ކަނޑައަޅާ ވަކި ޝަރުތުތަކެއް ފުރިހަމަވާ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ކަނޑައެޅޭ އިންސައްތައެއްގެ ފައިސާ އެލޮކޭޓްކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.
ރިޔާސީ އިންތިހާބަށް އެ ޕާޓީން ހެދި "ހެޔޮވެރިކަން" މެނިފެސްޓޯގައި ވަނީ، މީޑިއާތަކަށް ދޫކުރާ ފައިސާ ދޫކުރެވެނީ ހަމަހަމަކަމާއި ނުފޫޒުން އެއްކިބާވެފައިވާ ނިޒާމަކުންކަން ކަށަވަރުކުރުމަށް، ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލްތަކާއި އެއްގޮތަށް އޮންނަ ރޭޓިންގް ނިޒާމެއް ކަނޑައަޅާނެކަމަށެވެ.
އޭގެ އިތުރުން، މީޑިއާތަކުގެ ސެލްފް ގަވާނަންސް އަދި ރަޖިސްޓްރޭޝަން ޕްރޮސެސްގައި ހުރި މައްސަލަތައް ހައްލުކުރުމަށް މީޑިއާގެ ދަފްތަރުގައި ހުރި މައްސަލަތައް ހައްލުކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީޑިއާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ މައުލޫމާތަކީ ސައްހަ، ތެދު އަދި ވެރިފައިކުރެވިފައިވާ ހަބަރުތަކާ މައުލޫމާތުތަކެއްކަން ކަށަވަރުކުރުމަށްޓަކައި، ހަރުދަނާ އިންތިޒާމުތައް މީޑިއާ ކައުންސިލުން ގާއިމްކުރާނެކަމަށާއި ދިވެހި ސްޓްރީމިން ސާވިސް ތަކާއި، ޕޮޑްކާސްޓިން، އަދި އެހެނިހެން އޮންލައިން މީޑިއާ ޕްލެޓްފޯމް ތަކުގައި ކޮންޓެންޓް ކްރިއޭޓްކުރާ ފަރާތައް ކުރިއެރުމަށް ބެނުންވާ ގާނޫނީ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދެވޭނެކަމަށް ބުނެފައިވެއެވެ.
"ކޮމިއުނިޓީ-ބޭސްޑް ޖާނަލިޒަމް، ފްރީލާންސް ޖާނަލިޒަމް، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން ފަދަ ދާއިރާތަކުން ކުރިއެރުމަށް ބެނުންވާ، ތަމްރީނާއި، ތައުލީމީ ފުރުސަތު ފަހިކޮށްދެވޭނެ."
"ހެޔޮވެރިކަން" މެނިފެސްޓޯގައި ބުނެފައިވެއެވެ.
މީގެ އިތުރުން، ޑިޖިޓަލް ކޮންޓެންޓް ކްރިއޭޝަން، ސްޓްރީމިން ސާވިސްތަކާއި، ޕޮޑްކާސްޓިން، ޕަބްލިޝާޒް، ފިލްމް އަދި ޑޮކިއުމަންޓްރީ ޕްރޮޑިއުސަރުން އަދި ނޮވެލިސްޓުންނަށް ބޭނުންވާ މާލީ އެހީތެރިކަން SDFC މެދުވެރިކޮށް ފޯރުކޮށްދެވޭނެކަމަށާއި ދައުލަތުގެ މީޑިއާއިން ފޯރުކޮށްދޭ ހަބަރާ މައުލޫމާތުތަކަކީ ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކައް އެކްސެސިބަލް ކޮށް ފޯރުކޮށްދޭ ކޮންޓެންޓަށް ހަދާނެކަމަށް ވަޢުދުވެފައިވެއެވެ.
އައު ޖަރނަލިސްޓުން ތަމްރީނުކޮށް، ކެރިއަރެއްގެ ގޮތުގައި މީޑިއާގައި މަސައްކަތްކުރުމަށް ބޭނުންވާ އެކި ތަމްރީނު ފުރުސަތުތައް ފަހިކޮށްދެވޭނެކަމަށްވެސް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!