އއ. މަތިވެރި ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
މަތިވެރިއަކީ 1،051 މީހުންގެ އާބާދީއެއް އޮންނަ ރަށަކަށްވާއިރު އެ ރަށުގައި ބިމުގެ ދަތިކަމަކީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެކެވެ. އެގޮތުން ރަށުގެ 21.9 ހެކްޓަރުގެ ބިމުގައި އެއްކޮށްހެން މީހުން ވަނީ އާބާދުވެފައެވެ.
މި މަޝްރޫއުގެ ދަށުން ސޭންޑް ސަރޗް ސަރވޭއެއް ހަދައި، 26.50 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 142.99 މިލިއަން ރުފިޔާއަށް 390 ދުވަސް ތެރޭ ނިންމާގޮތަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!