ކުރީގެ އަދަދާއިގުޅޭ،

" ބައްޕައަށް ޔަޝްމީ ތަޢާރަފް ކޮށްދޭނީ އަހަރެން ކީކޭ ކިޔާފައި؟ "

Ad
rt

ހާރޫންގެ އެ ސުވާލަށް ދޭނެ ޖަވާބެއް ނޭނގޭ ޙާލު ޔަޝްމީގެ މޫނުމަތީގައިވާ ހިނިތުންވުން ގެއްލުނެވެ.

" ތިއީ އަހަރެން އަނބިމީހާއޭ މިއަދު ބުނެފަ މާދަމާ ކީކޭ ބުނާނީ؟ "

ދޮރަށް ތަޅުދަނޑި ޖަހާލަމުން ހާރޫން އަނެއްކާވެސް ބުންޏެވެ. މިފަހަރު ޔަޝްމީއަށް ބަލައިލެވުނީ ދުރަށެވެ. ހާރޫންގެ މޫނަށް ބަލާނެ ހިތްވަރު އޭނާގެ ކިބައިގައި ނެތް ކަހަލައެވެ.

" އަހަރެން އެކަމާ ވިސްނާވަރަށް ، ބައްޕަ ވިސްނަން ވެއްޖެނަމަ، އިތުރަށް ބައްޕަ ބަލިވެދާނެ! މިހާރު ބައްޕަގެ ސިކުނޑީގައި އެހާ ބާރެއް ނުހުންނާނެ! ދެން.. ރަނގަޅުވާނެ ނުދިޔަޔަސް.. އޯކޭވާނެ! އަޅާނުލާ!"

ހިނިތުންވެލަމުން ހާރޫން ބުންޏެވެ. އެއަށްފަހު އިރުކޮޅަކު ޔަޝްމީގެ މޫނަށް ބަލަހައްޓައިގެން ހުރެ އޭނާ ނިކުމެގެން ދިޔައެވެ. ހާރޫން ނިކުތުމާއިއެކު ޔަޝްމީއަށް ދެލޯމަރާލެވުނެވެ. އޭރު އޭނާގެ ދެލޮލުގައި ތެތްކަން އެކުލެވިގެންވާކަން އޭނާއަށް އިޙްސާސްކުރެވުނެވެ. އޭނާ މަޑުމަޑުން ލޮލުގައި އަތުގެ އިނގިލިތައް ޖައްސާލިއެވެ. އެއަށްފަހު އަތް ތިރި ކޮށްލުމަށްފަހު ބަލައިލިއެވެ.

އަހަންނަށް މި ރޮވެނީ ކީއްވެ ހެއްޔެވެ؟ އަހަރެން ރޯކަށް ބޭނުމެއް ނޫނެވެ. އަހަރެންގެ ހިތަށް މިހާ އުނދަގޫ މިވަނީ ކީއްވެ ހެއްޔެވެ؟ އަހަރެން ބޭނުންވަނީ ހަމަޖެހިގެން ހުންނާށެވެ.

ހިތަށް އަރާ ފައިބަމުންދާ ވާހަކަތަކުން އިތުރަށް ޔަޝްމީ ހާސްވާގޮތް ވިއެވެ. އެހެންކަމުން ފުން ބޮޑު ނޭވާއެއް ދޫކޮށްލުމަށްފަހު ޔަޝްމީ، ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.

****

ލިފްޓުން ފޭބުމާއިއެކު ޝަހާނާގެ ފޯން ރިންގްވާން ފެށިއެވެ. އެއާއިއެކު އޭނާގެ މޫނުމައްޗަށް ހިނިތުންވުން ވެރިވިއެވެ. ޝަހާނާ ގެއަށް ވަނުމާއިއެކު އޭނާގެ ކައިރީގައި ހުރި އަންހެން ކުއްޖާ އެނބުރި ދިޔައެވެ.

" ޑޮކްޓަރު ބޭސްދިނީ! ބޭސްކައިފައި އަދި ދައްކާލަންވާނެޔޯ"

ފޯނު ނެގުމަށްފަހު ޝަހާނާ ބުނެލިއެވެ.

" އެކަނިތަ ދިޔައީ؟ "

ޖާވިދް އެހިއެވެ.

" ނޫނޭ! ހާރޫންގެ އޮފީސް މީހަކާއެކު ދިޔައީ! ޔަޝްމީ މާލޭގައި އުޅުނަސް އޭނައަކަށް ނޭނގެ އެއްވެސް ތާކަށް ދާކަށް.."

ޝަހާނާ މަލާމާތުގެ ރާގަކަށް ބުނެލިއެވެ. އެއާއިއެކު ޖާވިދް ހީގަތެވެ.

" ދެން އަންނަން އުޅޭ! ވަރަށް ފޫއްސޭ"

ޖާވިދް އެހެން ބުނުމުން ޝަހާނާގެ މޫނުމަތި ނުތަނަވަސް ވެގެން ދިޔައެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އިށީނދެލަމުން ވާހަކަ ދައްކަން ފެށިއެވެ.

" އަހަރެން ބޭނުން ކުޑަކޮށް ވިޔަފާރިކޮށްލަންވެސް. ޖާވިދް ދިން ދެހާސް ރުފިޔާ ހުސްކޮށްގެންނު ދާންވާނީ! އެއީ މަށަށް އެއްކޮށް ދިން އެއްޗެއްނު!"

ޝަހާނާގެ ޖުމްލައިން ޖާވިދް ބާރަށް ހޭންފެށިއެވެ.

" އޯކޭ އޯކޭ މެޑަމް! ބޭނުން އެއްޗެއް ގަނެގެން ވިޔަސް ދެން އަވަހަށް އާދޭ! ޝަހާ ނެތީމަ ފޫހިވަނީ އަނގަ ގަދަ ކުރާނެ މީހަކުވެސް ނެތްވިއްޔަ"

" އަހަރެން ހަމަ މިތާ އަރާމުގައި ހުރީމަ ނުގެންދެވިގެން ތިއުޅެނީ! ކީއްތަވާނީ އަހަންނަށް ރެސްޓެއްދޭން ދެތިން މަސްދުވަހު މާލޭގައި ބެހެއްޓިއްޔާ! "

ޝަހާނާ ރުޅި އައިސްފައި ބުންޏެވެ.

" ދެތިންމަސް ދުވަހޭ؟ އަހަރެން އޮފީހަށް ދާއިރު، އުނދަގޫވާނެއެއްނު ޝަހާ ނެތިއްޔާ! އެހެން ނޫނަސް ޑޮކްޓަރަށް ދައްކަންދޯ އަހަރެން މި ފޮނުވީ! ދެން ނިމިއްޖެއްޔާ އަންނަންވީނު!"

ޝަހާނާގެ ވާހަކަ ހުރިގޮތުން ޖާވިދަށްވެސް ވާހަކަ ދެއްކުނީ ހިތްހަމަ ނުޖެހިގެންނެވެ. ނަމަވެސް ޝަހާނާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. އޭނާ އަދިވެސް ބޭނުންވަނީ ބަހަނާ ދައްކައިގެން ނަމަވެސް މާލޭގައި މަޑުކުރާށެވެ.

" އެއީ ދެން އެހާވަރުގެ ކަމެއްތަ؟ އަހަންނާ އިނުމުގެ ކުރިންވެސް ޖާވިދްގެ ކަންތައްތައް ކޮށްދެނީ މަންމައެއްނު! "

" އަޅެ ދެން މަ މީހަކާ އިނީމަ އަނބިމީހާދޯ ޖެހޭނީ އަހަރެންގެ ހުރިހާ ކަމެއްވެސް ބަލަހައްޓަން.. ޝަހާ ރީތިކޮށް މާލޭގައި ބަހައްޓައިގެން މަންމައަށް މި ބުރަ ޖައްސާކަށް އަހަރެން ބޭނުމެއްނޫން.."

ޖާވިދް އަނެއްކާވެސް ޝަހާނާގެ އެދުމަށް އިންކާރު ކުރިއެވެ. އޭރު ޝަހާނާގެ ރުޅިގަނޑު ހުރީ އިންތިހާއަށް މައްޗަށް ގޮހެވެ.

" އާނ ދެން ހެވޭ! އެއްޗެކޭ ބުނާއިރަށް ޖާވިދުވެސް އަންނާނީ ރުޅި! އަހަރެން ދާނަމޭ ރަށަށް! ނޫޅެމޭ މާލެއަށް ރަޖިސްޓްރީ ބަދަލުކުރާކަށް.. ސާބަސް ޖާވިދަށް"

ފޯނު ކަނޑާލުމަށްފަހު ޝަހާނާ އެނދުމައްޗަށް ފޯނު ހޫރާލިއެވެ. އަދި ތުންދަމައިގެން އިނދެ ކުދި ކިޔަމުން ދިޔައެވެ.

" ވަރަށް ފޫހިވޭ! އޭނަ އުފާވާނެއެއްނު.. އޭނަ ކޮއްކޮ އެއުޅެނީ ރާނީއަކަށްވުރެވެސް އުހުގައި.. ހެޔޮ ކިތަންމެ ރުޅި އަޔަސް ނުދާނަން އަވަހަކަށް"

ޝަހާނާ އެނދުގައި އޮށޯވެލުމަށްފަހު ބާލީހުގައި ބައްދާލިއެވެ.

" އާހް! މިތާ އޮށޯވެލީމަވެސް ހާދަ އަރާމޭ! މިހާ އަރާމު އެނދެއްގައި ނިދަ ނިދާފައިގޮސް ހަރު ގާގަނޑެއް ކަހަލަ އެނދުގައި އަހަންނަކަށް ނުވެސް ނިދޭނެ ކަންނޭނގެ! "

އަނެއްކާވެސް ފޫހި ރާގަކަށް އޭނާ ބުނެލިއެވެ. ހަމަ އެވަގުތެވެ. ދޮރުގައި ޓަކި ޖަހާލިއަޑަށް ޝަހާނާ ބޯހިއްލާލުމަށްފަހު ދޮރާ ދިމާލަށް ބަލައިލިއެވެ. އެހާ ހަމަޖެހިލައިގެން އޮވެ ތެދުވަން ޖެހުމުން އޭނާ ހިތްހަމަ ނުޖެހުނެވެ. ދޮރު ހުޅުވާލުމާއެކު ދޮރުމަތީގައި ހުރި ޔަޝްމީ ފެނުމުން ޝަހާނާ ހިނިތުންވެލިއެވެ.

" ހިނގާ ކާން! "

ޔަޝްމީ އެހެން ބުނުމުން ޝަހާނާ ނިކުތެވެ. އެއާއިއެކު އިތުރަށް އެއްޗެއް ބުނުމެއްނެތި ޔަޝްމީ ހިނގައިގަތީ ކާމޭޒާއި ދިމާލަށެވެ.

" މިއަދު ހޮސްޕިޓަލްގައި އުޅެން ޖެހުނީމަ ވަރަށް ވަރުބަލި"

ޝަހާނާ ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ. އޭރު ޔަޝްމީވެސް ޝަހާނާގެ ކުރިމަތީގައި އިށީންނަނީއެވެ.

" ކައިގެން ގޮސް ރެސްޓްކޮށްލީމަ ރަނގަޅުވެދާނެ! ހުރިހާ ކަމެއްވެސް ރަނގަޅުތަ؟ "

ނޫޑްލްސްތަށި މަތި ނަގަމުން ޔަޝްމީ އަހާލިއެވެ. އެއާއެކު ޝަހާނާ ހޫމް ލައްވާލިއެވެ. ޝަހާނާ އިރުއިރުކޮޅުން ޔަޝްމީގެ މޫނަށް ބަލައިލައެވެ. ނަމަވެސް ޔަޝްމީ އިނީ އިސްޖަހާލައިގެން މަޑުމަޑުން ކާލަކާލައެވެ.

" ދައްތައަށް ހީވަނީ ޔަޝްމީ ދައްތަ ދެކެ ވެސް ރުޅި އައިސްފައިހެން ހުންނަނީ! މަންމައާއި ބައްޕަދެކެ ހިތްހަމަ ނުޖެހިފައި ހުންނަކަން އެމީހުންނަށްވެސް މިހާރު އެނގޭ! "

ޝަހާނާ އެފަދައިން ވާހަކަދައްކަން ފެށުމުން ތަށީގެ ތެރޭގައި ހާކާލަ ހާކާލަ ހުރި އޫ ޔަޝްމީ މަޑުޖައްސާލިއެވެ.

" މަންމަވެސް ބުނި ޔަޝްމީ އެމީހުންނާ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާ ވާހަކަ!"

ޝަހާނާ ހުއްޓާކަށް ނޫޅުނެވެ. އެންމެފަހުން ޔަޝްމީ ކެއުން ހުއްޓާލުމަށްފަހު ޝަހާނާގެ މޫނަށް ބަލައިލިއެވެ. އޭރު އޭނާ އިނީ ފެންކަޅިވެފައެވެ.

" އަހަރެން އެއްވެސް މީހެއްދެކެ ރުޅިއެއްނާދެ! އެކަމަކު އަދިވެސް އަހަރެން ބޭނުންވަނީ ހަމަޖެހިލަން. ނަފްސާނީގޮތުން އަހަންނަށް އަސަރުކޮށްފައިވާވަރު މަންމަމެންނަކަށް ނޭނގޭނެ! އަހަރެން ހިތްހަމަޖެހިގެން ގުޅާހިތްވީމަ ގުޅާނަން"

އެހެން ބުނުމަށްފަހު ޔަޝްމީ ތެދުވެގެން ކޮޓަރިއާ ދިމާލަށް ބާރުބާރަށް ހިނގައިގަތެވެ. ޔަޝްމީގޮސް ކޮޓަރިއަށް ވަތް ވަގުތަކީ ބޭރުން އައިސް ހާރޫންވެސް ގެއަށް ވަތް ވަގުތެވެ. އެއާއިއެކު މޭޒުކައިރީގައި އިން ޝަހާނާ ފެނި ހާރޫން ހުއްޓުނެވެ.

" ކޮބާ ޔަޝްމީ؟ ނާދޭތަ؟ "

ހާރޫންގެ އަޑަށް ޝަހާނާ ފަހަތް ބަލައިލިއެވެ. ހާރޫން ފެނުމާއިއެކު ޝަހާނާއަށް ހިނިތުންވެލެވުނެވެ.

" ޔަޝްމީވަނީ ކޮޓަރިއަށް! ހާރޫން ކައިފިންތަ؟ "

ޝަހާނާ ހެވިފައި އަހާލިއެވެ. އެއާއިއެކު ހާރޫން ދެފަރާތަށް ބޯ ހޫރާލަމުން ބުންޏެވެ.

" ނޫނޭ! އަހަރެން ރޭގަނޑު ވަރަށް ނުކަން. ތިރަށުން އެހާ ވަރަށް ކެވުނީމަ މިހާރު ތަންކޮޅެއް ބަރު ވެގެން މިއުޅެނީ.. އެހެންވެ މިއުޅެނީ ކެއުމަށް ބަލައިލައިގެން"

ހާރޫން އެހެން ބުނަމުން ކާމޭޒާއި ކައިރިވެލިއެވެ. އެވަގުތު ޔަޝްމީ ބަހައްޓާފައި ހުރި ނޫޑްލްސްތަށި ފެނި އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެކަން ޝަހާނާއަށް ފާހަގަ ކުރެވިގެން އޭނާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.

" މަންމަމެންނަށް ނުގުޅާ ވާހަކަ އަހަންނަށް ބުނެވުނީމ،ަ ރުޅި އައިސްގެން ކަންނޭނގެ ދިޔައީ! އެކަމަކު އެއީ މީހަކު ރުޅި އަންނަވަރުގެ ވާހަކައެއްވެސް ނޫނެއްނު.."

ޝަހާނާ ދެރަވާގޮތް ދައްކާލިއެވެ. އޭރު ހާރޫން ހުރީ ކޮޓަރިއާ ދިމާލަށް ބަލަހައްޓައިގެންނެވެ. ޝަހާނާގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ އޭނާ ބާރުބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭރު އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ޔަޝްމީ އިނީ ރޯށެވެ. ހާރޫން ވަނުމާއެކު އަވަސް އަވަހަށް މޫނު ފުހެލަމުން އޭނާ އިސްޖަހާލިއެވެ.

" ރޮނީތަ؟ "

ހާރޫން މަޑުމަޑުން އަހާލީ ޔަޝްމީއާ ދުރުގައި އިށީނދެލަމުންނެވެ. ޔަޝްމީގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ.

" އަހަންނަށް އެނގޭ އަދިވެސް އަހަރެންދެކެ ޔަޝްމީ ރުޅި އަންނަކަން.. އެކަމަކު މިއީ ޔަޝްމީގެ މައިންބަފައިންނާ ގުޅުން ކަނޑާލަން ޖެހޭ ސަބަބެއް ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން.. މިހާރު އަހަންނަށްވެސް އެބަ އިޙްސާސް ކުރެވޭ މިކުރެވުނީ ވަރަށް ބޮޑު ކުށެއްކަން! އާއިލާއެއްގައި ހުރި އެންމެ އަންހެން ދަރިއެއް މައިންބަފައިންނާމެދު ނަފްރަތު އުފެދުނީ ޚުދު އަހަރެންގެ ސަބަބުން.. މިހެން މިކަން ވާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަން.. "

ދަތްދޮޅިން ފެށިގެން މައްޗަށް މޫނުމަތީގައި ދެއަތް ހިންގާލަމުން ހާރޫން، ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ފަހަތަށް ވާގޮތަށް އެނދުގައި ދެއަތް ވިއްދައިގެން އޭނާ އިނީ ސީލިންގަށް ބަލަހައްޓައިގެންނެވެ. ފުން ވިސްނުމެއްގައި އެހެން އިރުކޮޅަކު އިނުމަށްފަހު އަނެއްކާވެސް ހާރޫން ޔަޝްމީއަށް ބަލައިލިއެވެ. އޭރުވެސް ޔަޝްމީ އިނީ އިސްޖަހާލައިގެންނެވެ.

" ޔަޝްމީ ރަށަށް ދާންވީނު"

ހާރޫން އެހެން ބުނުމުން ސިހިފައި ޔަޝްމީއަށް ބަލައިލެވުނީ ހާރޫންގެ މޫނަށެވެ. ޔަޝްމީގެ މޫނުމަތީގައި އެނބުރެމުންދާ ސުވާލުތައް ހާރޫންއަށް ރަނގަޅަށްވެސް އެނގޭ ކަހަލައެވެ.

" ޝަހާނާއާއިއެކު ރަށަށް ދާންވީނު! "

ހާރޫން ބޯޖަހާލަމުން ޖުމްލަ ތަކުރާރު ކޮށްލިއެވެ.

" އަހަރެން ރަށަށް ގޮސް..ދެން.. ނާންނަންވީތަ؟ "

ޔަޝްމީ އަހާލީ މަޑުމަޑުންނެވެ. އެއަޑުގައި އެކުލެވިގެންވާ މޮޅިވެރިކަން ހާރޫންއަށް ދެނެގަނެވުނެވެ.

" ނަޔަސް! އަންނަން ބޭނުން ނުވަންޏާ ރަށުގައި ހުއްޓަސް އަހަރެންގެ އެއްވެސް މައްސަލައެއްނެތް.. މިކަން ދެން ވަކި ގޮތަކަށް ނިމެންދެން ރަށުގައި މަޑުކުރޭ! "

ހާރޫންގެ ޖުމްލައިން ޔަޝްމީއަށް ލިބުނީ ހައިރާންކަމެވެ. އެހެންކަމުން އޭނާ އިތުރަށް އޮޅުންފިލުވަން ބޭނުންވެގެން ސުވާލުކުރިއެވެ.

" ކީކޭ ތިބުނީ؟ "

ޔަޝްމީގެ ސުވާލާއިއެކު ހާރޫން އެނދުން ތެދުވެގެން ގޮސް އެނދުމަތީގައި އިން ޔަޝްމީގެ ކުރިމަތީގައި ހުއްޓުނެވެ.

" މިބުނީ.. ޔަޝްމީ ރަށަށް ގޮސް އެނބުރިދެން ނާންނާށޭ! "

ހާރޫން އެހެން ބުނުމާއިއެކު ޔަޝްމީއަށްވެސް ކޮޅަށް ތެދުވެވުނެވެ. އޭރު ޔަޝްމީގެ މޫނުމަތި ރަތްވެއްޖެއެވެ. ކަންބޮޑުވެ ހާސްވެސް ވެއްޖެއެވެ.

" ދެން ޔަޝްމީ އުޅޭނީ ރަށުގައި! ޔަޝްމީ އެމީހުންނާ ވާހަކަ ނުދައްކާ އުޅުމަކީ އެއްވެސް ޙާލެއްގައި އަހަރެެން ބޭނުންވާ ގޮތެއްނޫން "

ހާރޫން އިތުރަށް ޔަޝްމީގެ ކުރިމަތީގައި މަޑުނުކޮށް އަލަމާރިއާ ދިމާލަށް ދާން ހިނގައިގަތެވެ. ޔަޝްމީއަށް ހުރެވުނީ ހާރޫންގެ ހަރަކާތްތަކަށް ބަލާށެވެ.

" އަހަރެން ޔަޝްމީއަށް ދިން ފޯމްކޮބާ؟ އޭތި މިރޭ އަހަރެންގެ އަތަށް ގެނެސްދޭތި.."

ތަންކޮޅެއް ބާރަށް ހާރޫން އެހެން ބުނުމާއިއެކު ޔަޝްމީއަށް އެނދުގައި އިށީނދެވުނެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދެއެވެ. ހާރޫން ކަންތައްކުރަން އުޅޭގޮތެއް އެއްގޮތަކަށްވެސް އޭނާއަކަށް ނޭނގުނެވެ. އެއާއިއެކު ކައިވެންޏަށްފަހު އޭނާއަށް ހާރޫންއާމެދު ކަންތައް ކުރެވުނުގޮތް ޚިޔާލަށް އަންނަން ފެށިއެވެ. ހާރޫންއާ ދިމާލަށް ކިޔުނު އެއްޗެހި އިވޭހެން ހީވާންފެށިއެވެ. ނަމަވެސް ހާރޫން އޭނާއާއިމެދު އެއްވެސް ޝަކުވާއެއް ނުކުރެއެވެ. ރުޅިއައިސްގެން އެއްވެސް އެއްޗެއް ނުބުނެއެވެ. އެހިނދު ޔަޝްމީއަށް އިޙްސާސްކުރެވެމުންދިޔައީ ހާރޫންގެ އޯގާތެރިކަމެވެ.

އަނެއްކާވެސް ޔަޝްމީއަށް ބަލައިލެވުނީ ހާރޫންއަށެވެ. އޭރު އަލަމާރިން ޓީޝާޓެއް ނަގައިގެން އޭނާ ފާޚާނާއާ ދިމާލަށް ދެއެވެ. ޔަޝްމީއަށް އެއްވެސް ސަމާލުކަމެއް ނެތްކަހަލައެވެ. ޔަޝްމީ ދެރަވިއެވެ. ނުހަނު އަސަރުވެސް ކުރިއެވެ. ވަރީގެ މައްސަލަ ކުރިއަށް ގެންދަން ހާރޫން ބޭނުންވީކަން ޔަޝްމީއަށް ޔަޤީންކުރެވުނެވެ. އެއީ ޔަޝްމީވެސް ކުރިން ބޭނުންވި ގޮތެވެ. ނަމަވެސް މިހާރު އޭނާގެ ހިތް އެކަމަށް އެއްބަސްވާނެހެން ހިއެއް ނުވެއެވެ. އެހެން ނޫންނަމަ އޭނާގެ ހިތް މިހާ ބާރަކަށް ނުތެޅޭނެޔޭ އޭނާގެ ހިތަށް އެރިއެވެ. ނަމަވެސް އެކަމާ ގުޅިގެން އިތުރަށް ވާހަކަ ދައްކާނެ ހިތްވަރެއް ޔަޝްމީގެ ކިބައިގައި ނެތް ކަހަލައެވެ.

***

އެނދުމަތީގައި އިނދެގެން އަތުގައި ހުރި ފައިސާތައް ގުނުމުގައި ޝަހާނާއިނެވެ. މާދަމާ ވިޔަފާރިކުރަން ދާން ބޭނުންވާތީ އޭނާ އުޅެނީ ލިސްޓެއްވެސް ހަދައިގެންނެވެ.

" ދެހާސް ރުފިޔާ! ހޫމް.."

އަަވަސް އަވަހަށް ވޮލެޓަށް ފައިސާތައް އަޅާލުމަށްފަހު އަލަމާރިއާ ދިމާލަށް އޭނާ ހިނގައިގަތެވެ. އަލަމާރިން ވަތްގަނޑެއް ދަމާލުމަށްފަހު ވޮލެޓް ބޭއްވީވެސް އަވަސް އަވަހަށެވެ. އަދި ވަތްގަނޑު ލައްޕާލެވުމާއިއެކު ޝަހާނާއަށް ދެލޯ ކުޑަކޮށްލެވުނެވެ. އޭނާ އަވަސް އަވަހަށް ދެވަނަ ފަހަރަށް އެ ވަތްގަނޑު ދަމާލުމަށްފަހު އެތެރެ ބަލައިލިއެވެ. އެއާއިއެކު ދެލޯ ބޮޑުކޮށްފައި އެހާމެ އަވަހަށް ވޮލެޓް ދަށުގައި އޮތް ކަރުދާސްގަނޑު ދަމައިގަތެވެ.

" ވަރި ކުރުމަށްއެދި ހުށަހަޅާ ފޯމް؟؟؟

ހައިރާންވެ، ސުވާލު އުފެދުނު ވަރުން ޝަހާނާގެ ދެބުމައަށް ރޫ އަރުވާލެވުނެވެ. އޭނާއަށް އަވަސް އަވަހަށް މުޅި ފޯމަށް ނަޒަރު ހިންގާލެވުނެވެ.

" އެކުގައި އުޅެން ބޭނުން ނުވާތީ ދެމީހުން ވާހަކަ ދައްކައިގެން ވަކިވާން ނިންމީ.."

ސަބަބެއްކަމުގައި ލިޔެފައިވާ ޖުމްލަ ކިޔާލުމަށްފަހު ޝަހާނާއަށް އެނދުގައި އިށީނދެވުނެވެ. ފަސް ހަފަހަރު އޭނާއަށް އެޖުމްލަ ތަކުރާރު ކުރެވުނެވެ. އެއާއިއެކު އޭނާގެ ތުންފަތްމައްޗަށް ވިހަ ހިނިތުންވުމެއް ވެރިކުރުވާކަށް މާގިނަ އިރުތަކެއް ނުނެގިއެވެ.

" އޯހް... ޔަޝްމީ ގޮތްދޫ ނުކުރީތާ! މޮޔަ އަންހެން ކުއްޖާ! "

ޝަހާނާއަށް ކޮޅަށް ތެދުވެވުނެވެ. އަދި ދެއަތް އުރާލުމަށްފަހުގައިވެސް އެއް އަތުގައި އޮތް ފޯމަށް ބަލަހައްޓައިގެން ހުރެ އޭނާއަށް ހިނިތުން ވެވުނެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ އަވަސް އަވަހަށް ފޯމު އޮތްތަނަށް ލިއެވެ. އަދި ވޮލެޓް ނެގުމަށްފަހު އޭނާގެ ދަބަސް ތެރެއަށް ކޮއްޕާލިއެވެ. އޭރުވެސް ޝަހާނާގެ މޫނުމަތީގައިވަނީ ލާނެތް ހިނިތުންވުމެކެވެ.

***

ޔަޝްމީ އޮތީ ސޯފާގައެވެ. މިއަދު އޭނާގެ މޫނުމަތިވަނީ މިލާ މޯޅިވެފައެވެ. ގައިގައި އެއްވެސް ވަރެއް ނެތެވެ. ތެދުވެ އުޅެލާނެ ހިތްވަރުވެސް ނެތް ކަހަލައެވެ.

" ޔަޝްމީ! "

ދެލޯމެރިމެރި އޮތް ޔަޝްމީ ސިހުނީ ޝަހާނާގެ އަޑަށެވެ.

" ހިނގާބަލަ ދައްތައާއެކު ފިހާރައަށް.."

ޝަހާނާ އެހެން ބުނި އިރު ކޮޓަރިން ހާރޫން ނިކުންނަނީއެވެ.

" އަހަރެން މިއަދު ކުޑަކޮށް ބަލިވެ މިއުޅެނީ.. ރަނގަޅިއްޔާ މާދަމާ ދެވިދާނެ"

ވަރަށް އުނދަގުލުން ތެދުވަމުން ޔަޝްމީ ބުނެލިއެވެ. އޭރު ހާރޫން ހުރީ ކޮޓަރިން ނިކުތްގޮތަށް ފޯނުން އެއްޗެއް ބަލާށެވެ.

" މާދަމާ ފުރާ ބޯޓުން ރަށަށް ދާން ދޮންބެ ބުނެފި! މިއަދު ފިހާރައަށް ނުދެވުނިއްޔާ ދައްތައަށް އެއްވެސް އެއްޗެއް ނުގަނެވޭނެއެއްނު"

ދުރުގައި ހުއްްްްޓި ހުރި ހާރޫންއަށް ލޮލުގެ ހިމަކޮޅުން ބަލައިލަމުން ޝަހާނާ ތަންކޮޅެއް ބާރަށް ބުނެލިއެވެ. އެއާއިއެކު އެމީހުންނާ ދިމާލަށް ހާރޫން ބަލައިލިއެވެ.

" އެހެންވިއްޔާ މިރޭ ދާން މަޑުކޮށްލަންވީނު! އަހަރެން ވަރަށް ބޮޑަށް ބޮލުގައި ރިއްސާތީވެ.."

ޔަޝްމީގެ ވާހަކަ އަޑު އަހަމުން ހާރޫން އައިސް ސޯފާ ކައިރީ ހުއްޓުނެވެ.

" ހިނގާ އަހަންނާއެކު "

ޝަހާނާއަށް ބަލައިލަމުން ހާރޫން ބުނެލިއެވެ. އެއާއިއެކު ޝަހާނާއަށް ބަލައިލެވުނީ ޔަޝްމީގެ އުދާސްވެފައިވާ މޫނަށެވެ.

" ކާރުގައި ވިޔަފާރިކުރަން ދާން ވަރަށް އުނދަގޫވާނެ! ސައިކަލްގައި ދާންޖެހޭނީ"

ހާރޫންގެ ޖުމްލައިން ޝަހާނާގެ ހިތް އުފަލުން ބޭރަށް ފުންމައިނުގަތީ ކިރިޔާއެވެ. ހިނިތުންވާން ބޭނުންވި ނަމަވެސް އޭނާގެ މޫނުމަތީގައިހުރީ ލަދުވެތިކަމުގެ އަސަރުތަކެވެ.

" ހިނގާފައި ވިޔަސް އަހަރެން ބޭނުން މިއަދު ފިހާރައަށް ދާން.. "

ޝަހާނާ ވަގުވަގަށް ޔަޝްމީއަށް ބަލައިލަމުން ބުނެލިއެވެ. އަދި ތައްޔާރުވެލައިގެން އަންނާނެކަމަށްބުނެ ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތެވެ. ޝަހާނާ ދިޔުމާއިއެކު ދެޖީބަށް އަތްޖަހާލަމުން ހާރޫން ޔަޝްމީއަށް ބަލައިލިއެވެ.

" ބޮލުގައި ރިއްސާތީކާ ބޭސް ހުންނާނީ ބޭސްފޮށިގަނޑުގައި.. ބޭސްގުޅައެއް ކާލީމަ އަވަހަށް ރަނގަޅުވާނީ.. ހެނދުނުވެސް ސައިނުބޮއި ތިއިންނަނީ.. "

އާދައިގެ ގޮތަކަށް ހާރޫން އެހެން ބުނުމުން ޔަޝްމީ އިސްއުފުލާލަމުން ހާރޫންގެ މޫނަށް ނަޒަރު ހިންގާލިއެވެ. މީގެ ކުރިން އޭނާ ބައްޔެއްވިޔަސް ބޭސް ގެނެސްދޭނީ ޚުދު ހާރޫންއެވެ. ނުކެޔަސް ކާ އެއްޗެހި ކައިރިއަށް ގެނެސްދީ އާދޭސްކުރާނީވެސް ހަމަ ހާރޫންއެވެ. ނަމަވެސް މިހާރު ހުރިހާ ކަމެއް ބަދަލުވަމުން ދާކަން ޔަޝްމީއަށް އިޙްސާސް ކުރެވުނެވެ.

" ހާރޫން ބޭނުންވާގޮތް ހަދާކަށްނު ތިއުޅެނީ؟ ދެން އަހަންނާމެދު ފިކުރު ކުރާކަށް ނުޖެހޭނެއެއްނު"

އެއާއިއެކު ހާރޫން އެއްމިޔަކަނުން ހީލަމުން ވާހަކަ ދައްކަންފެށިއެވެ.

" އަދި އަހަރެން ފިކުރުވެސް ކުރަން ޖެހޭނެ! ޔަޝްމީއަށް ޝަކުވާކުރަން ދަސްކޮށްދިނީ ކާކު؟ "

ހާރޫން އެހެން އަހާލުމުން ޔަޝްމީ ލަދުގަތެވެ. މީގެ ކުރިން އެފަދަ މޭރުމަކުން އޭނާ ޝަކުވާއެއް ނުކުރެއެވެ.

" އަހަރެން ދޫކޮށްލަން އުޅޭއިރު އަހަރެން ބަލިވިޔަސް ހާރޫންއަށް ކީއް؟ "

ހިތްހަމަ ނުޖެހޭ ރާގަކަށް ޔަޝްމީ ބުންޏެވެ. ކަނުލާ އަޑުއަހަން ހާރޫން ކުރިމަތީގައި ހުއްޓެވެ.

" ތިއީ އަދި މަގޭ އަނތްބެއް! ބަލިވީމަ ބޭސް ދިނުމަކީވެސް މިވަގުތު މަގޭ ޒިންމާއެއް.!"

ވާހަކަ އެހިސާބަށް ދިޔުމާއިއެކު ޝަހާނާ އަންނަތަން ފެނުނެވެ. އެހެންކަމުން ހާރޫން އަވަސް އަވަހަށް ނިކުންނަން ހިނގައިގަތެވެ. ޔަޝްމީއާ ދިމާލަށް ބަލައިވެސްނުލައި ޝަހާނާވެސް ހާރޫންގެ ފަހަތުން ހިނގައިގަތީ ބޮޑު ކާމިޔާބެއް ލިބިގެން ދާ ފަދަ ގޮތަކަށެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (30)

ސިލްސިލާ ވާހަކަ: ޝިކާޔަތު (30)

(ނިމުނީ)