" އަހަރެންދެކެ ލޯބި ވަންޏާ އަހަރެން ދޫކޮށްލާ! އޭރުން އަހަރެން ޤަބޫލު ކުރާނަން އަހަރެންދެކެ ހާރޫންވަނީ ޙަޤީޤީ ލޯބިކަމަށް.. އަހަރެންދެކެ ތިހާ ލޯބިވާއިރު، އަހަރެންގެ އުފަލަށްވުރެ ތިމާގެ އަމިއްލަ އުފަލާ އަމިއްލަ އެދުން އިސްކުރާނެ ކަމަކަށް އަހަރެން ޤަބޫލެއް ނުކުރަން! އަހަންނަށް މި ދިރިއުޅުމަކުން ދުވަހަކުވެސް އުފަލެއް ނުލިބޭނެ..އަހަރެން މިނިވަންކުރޭ! އޭރުން އަހަންނަށް ޔަޤީންވާނެ ހާރޫން އަހަރެންދެކެ ތިވަނީ ވަރަށް މާތް ލޯތްބެއްކަން.."
ޔަޝްމީ އެހެން ބުނި އިރު ހާރޫންއަށް ކޮޅަށްވެސް ތެދުވެވިއްޖެއެވެ. ނަމަވެސް ހާރޫންގެ މޫނަށް ބަލައިލުމެއްނެތި ޔަޝްމީގޮސް އޭނާގެ ކޮޓަރިއަށް ވަދެއްޖެއެވެ. އޭރުވެސް ހާރޫންއަށް ހުރެވުނީ ހުރި ފިޔަވަޅުމަތީގައެވެ. އޭނާގެ މޫނުމަތީގައިވަނީ ބަނަކަމެވެ. ހިތްއޮތީ ވިންދު ނުލިބިގެން އުޅޭ ފަދަ ގޮތަކަށް ތެޅިތެޅިއެވެ. ހަށިގަނޑު ވަރުބަލިވާކަމުގެ އިޙްސާސް ކުރެވުނީ ސިކުނޑިއަށް ކުރި ބާރެއްގެ ބޮޑުކަމުންނެވެ. އެހެންކަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކޮޓަރިއާ ދިމާލަށް އޭނާ ހިނގައިގަތެވެ.
***
ޖެހިގެން އައި ދުވަހެވެ. ޔަޝްމީ ކޮޓަރިން ނިކުތީ މެންދުރުވާން ކައިރިވެފައި ވަނިކޮށެވެ. ޔަޝްމީއަށް ނިކުމެވުނު ވަގުތަކީ ހާރޫންވެސް އެ ކޮޓަރިން ނިކުތް ވަގުތެވެ. އެއާއިއެކު ދެމީހުންގެ ނަޒަރު ސީދާވިއެވެ. ހާރޫންގެ މޫނުމަތީގައިވާ ނުތަނަވަސްކަމާއި ވަރުބަލިކަމުގެ އަސަރުތައް ޔަޝްމީއަށް ދެނެގަނެވުނެވެ. އެހެންކަމުން ހާރޫން ރޭގައި ނުނިދާކަން އޭނާއަށް އެނގުނެވެ. ކޮޓަރި ދޮރުމަތީގައި އިރުކޮޅަކު ހުރެލުމަށްފަހު ޔަޝްމީ ބަދިގެ މޭޒާއި ދިމާއަށް ހިނގައިގަތީ ހާރޫންއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. ހާރޫން އޭރުވެސް ހުރީ އޭނާގެ ކޮޓަރީގެ ދޮރުމަތީގައެވެ. އޭނާ އޮފީހަށް ނުދާކަން އެނގުމުންވެސް ޔަޝްމީ އެއްވެސް ސުވާލެއް ނުކުރުމުން ހާރޫން އިންތިހާއަށް ދެރަވެސް ވިއެވެ.
މޭޒުމަތީގައި ހުރި ނާސްތާޕެކް ކަނޑާލުމަށްފަހު ފަރުވާކުޑަ ގޮތަކަށް ޔަޝްމީ ކާންފެށިއެވެ. އެމަންޒަރު ބަލަން އިރުކޮޅަކު ހުރުމަށްފަހު ހާރޫން ކޮޓަރިއަށް ވަނެވެ. އެއާއިއެކު ޔަޝްމީއަށް އެދިމާލަށް ބަލައިލެވުނެވެ. އޭރު ކަމުންދިޔަ ސޭންޑްވިޗްވެސް ހުސްވެއްޖެއެވެ. އެހެންކަމުން އޭނާ އަވަސް އަވަހަށް މޭޒުމަތި ސާފުކޮށްލީ ހާރޫން ނިކުތުމުގެ ކުރިން ކޮޓަރިއަށް ދާން ބޭނުންވާތީއެވެ. ނަމަވެސް ކަންތައްވީ އޭނާ ހީކުރި ގޮތަކަށް ނޫނެވެ. ނުގޮސް އުޅެނިކޮށް ހާރޫން ނިކުމެއްޖެއެވެ. އެއާއިއެކު ޔަޝްމީގެ ނަޒަރު ހުއްޓުނީ ހާރޫންގެ އަތުގައިވާ ކަރުދާހަށެވެ. ލަސް ފިޔަވަޅުތަކެއްގައި އައިސް މޭޒުގެ އެއްފަރާތެއްގައި ހާރޫން ހުއްޓުނެވެ. ޔަޝްމީއަށް ހުރެވުނީ ހާރޫންގެ މޫނަށް ބަލަހައްޓައިގެން ނޭވާ ހިފަހައްޓާލައިގެންނެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި މޭޒުމަތީގައި އެ ކަރުދާސް ބާއްވާލަމުން ހާރޫން ޔަޝްމީއަށް ބަލައިލީ ފުން ނަޒަރަކުންނެވެ. އޭރުވެސް ހިތުތެރޭގައި ބުނެދޭން ނޭނގޭ ފަދަ ބިރުވެރިކަމެއް އުފެދެމުންދާކަން ޔަޝްމީއަށް އެނގެއެވެ.
" ޔަޝްމީދެކެ އަހަރެން ވާ ލޯބި މިފަދަ ގޮތަކަށް އިންސާފު ކުރާނެކަމަކަށް އަހަރެން ހިއެއް ނުކުރަން! "
ހާރޫންގެ އެ ޖުމްލައިން ޔަޝްމީގެ ކަޅި ހުއްޓުނީ މޭޒުމަތީގައި އޮތް ކަރުދާހަށެވެ. އެއާއިއެކު ކަރުދާހުގެ މަތީގައި ފަލަ އަކުރަކުން ލިޔެފައިވާ ނަން ޔަޝްމީއަށް ކިޔައިލެވުނެވެ. އެއީ ވަރިކުރުމަށް އެދި ހުށަހަޅާ ފޯމެކެވެ. އެހިނދު ޔަޝްމީއަށް އަނެއްކާވެސް ހާރޫންގެ މޫނަށް ބަލައިލެވުނެވެ.
" މި ފޯމު ރަނގަޅަށް ކިޔާލާ! "
އެހެން ބުނުމަށްފަހު ހާރޫން އަވަސް އަވަހަށް ޔަޝްމީއަށް ފުރަގަސް ދިނެވެ. މަޑުމަޑުން ޔަޝްމީ އެ ކަރުދާސް ނެގީވެސް ހާރޫންއަށް ބަލަމުންނެވެ.
" އަހަރެން ޔަޝްމީ މި ދޫކޮށްލަނީ މި ދިރިއުޅުމުގައި ޔަޝްމީއަށް އެއްވެސް އުފަލެއްނެތޭ ބުނީމަ! އަދި އަހަރެންގެ އުފާތައް މިގޮތަށް ޤުރުބާންކުރީމަ ނޫނީ އަހަރެން ވާ ލޯބި ޔަޝްމީއަށް ޤަބޫލެއް ނުކުރެވޭނެޔޭ ބުނީމަ! އަހަރެން ހީކުރީ މަޑުމަޑުން ޔަޝްމީ ހަމައަކަށް އެޅިދާނެ ކަމަށް.. އަދި އަހަންނާމެދު ތަފާތު ނަޒަރަކުން ބަލާނެކަމަށް... އެކަމަކު... އެހެންނެއްނުވި! ފާޅުގައި ދޫކޮށްލަން އެދި އަހަރެން ގާތު ރޭގައި އާދޭސްކުރީ.. ޔަޝްމީ ހިތާމަ ކުރާކަށް އަހަންނެއް ނޭދެން.."
ފުރަގަސްދީގެން ހުރެ ހާރޫން ދައްކަމުން ދިޔަ ވާހަކަތައް އަޑުއަހަން ޔަޝްމީ ހުރީ ނެގިމަޑުވެފައެވެ.
" ފޯމު ޗެކް ކޮށްލާފައި އަހަންނާ ޙަވާލްކޮށްލާ! އޭރުން ވަރަށް އަވަހަށް މިކަންތައް ނިންމައިދޭނަން.."
އަނެއްކާވެސް ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީ އިސްޖަހާލީ އިތުރަށް ބުނާނެ އެއްޗެއް ނެތީމައެވެ.
" އަދި އެއްވާހަކަ! "
ހާރޫން އެހެން ބުނެލީ ފަސްއެނބުރި ޔަޝްމީއަށް ބަލައިލަމުންނެވެ. އެއާއިއެކު އަވަސް އަވަހަށް ޔަޝްމީއަށްވެސް ހާރޫންގެ މޫނަށް ބަލައިލެވުނެވެ. އޭނާ ބުނަން އުޅޭ ކޮންމެ ޖުމްލައެއް މިއަދު އަޑުއަހަން ބޭނުންވަނީ ކީއްވެކަމެއް ޔަޝްމީއަކަށްވެސް ނޭނގުނެވެ. އަވަހަށް ބުނާށޭ ބުނާފަދަ ގޮތަކަށް ޔަޝްމީއަށް ހުރެވުނީ ހާރޫންއަށް ބަލަހައްޓައިގެންނެވެ.
" ޝަހާނާ މިރޭ އަންނާނެ ވާހަކަ ޖާވިދް ބުނެފި! އަހަރެންގެ ކޮޓަރިއަށް ޔަޝްމީ ބަދަލު ނުވިޔަސް އެންމެ ރަނގަޅު.. ދެން ރަނގަޅުވާނީ އާއިލާއަށްވެސް އެންގީމަ.."
އެއްއަތް ޖީބަށް ޖަހާލައިގެން ހުރެ ހާރޫން ބުންޏެވެ. އެއާއިއެކު ޔަޝްމީއަށް ދެފަރާތަށް ބޯ ހޫރާލެވުނީ މަޑުމަޑުންނެވެ.
" ނޫން.. މަންމަމެން އަހަރެންދެކެ ވަރަށް ރުޅި އަންނާނެ.. މަންމަމެން ލަދުވެސް ގަންނާނެ.. ރަށު މީހުން ފާޑުފާޑުގެ އެއްޗެހި ކިޔާނެ"
ޔަޝްމީ ހުރިހާ ޖުމްލައެއް އަމުނާލީ އެއް ރާގަކަށެވެ. ޔަޝްމީގެ ކަންބޮޑުވުން ހާރޫންއަށް އިޙްސާސްކުރެވުނެވެ. އެހެންކަމުން އޭނާ ތަންކޮޅެއް ކުރިއަށް ޖެހިލުމަށްފަހު ބުނެލިއެވެ.
" ދެން އަހަރެން ކިހިނެއް ހަދަންވީ؟ ބުނެބަލަ! އަހަރެން ކަންތައް ކުރަންވީގޮތް ޔަޝްމީ އަހަންނަށް އަދިވެސް ކިޔައިދީބަލަ! އަހަންނަށް ކުރެވުނު ކުށަކީ ޔަޝްމީގެ ނުޤަބޫލުގައި ކައިވެނި ކުރެވުންކަން! އެކުށް ޤަބޫލުކޮށް އެ ލޯބީގެ ޙައްޤުގައި މިއަދު އަހަރެން ޔަޝްމީ މި ދޫކޮށްލަނީ ޚުދު ޔަޝްމީގެ އެދުމުގެ މަތިން.. އެކަމަކު އެގޮތެއްވެސް ކަމަކު ނުދިޔަ! ދެން ބުނެބަލަ! އަހަރެން އަމިއްލައަށް މަރުވާންވީތަ؟"
ބާރުބާރަށް ހާރޫންއަށް ބުނެވުނެވެ. އެހިނދު ގަތް ބިރުން ޔަޝްމީއަށް ފަހަތަށް ޖެހިލެވުނެވެ. އޭރު އޭނާގެ ދެލޮލުގައި ކަރުނައިގެ ތެތްކަން އެކުލެވިގެންވެއެވެ.
" ހެޔޮނުވާނެ ޔަޝްމީ! ވާހަކަ ދައްކަބަލަ! "
އަނެއްކާވެސް ވާހަކަ ދެއްކީ ހާރޫންއެވެ. އޭނާ ހުރީ ގޮތް ހުސްވެފައެވެ. ހަދާނެ ގޮތެއް ނޭނގި މާޔޫސްވެފައެވެ.
" މަންމަމެންނަށް ވިސްނައިދޭން އަހަރެން ބޭނުން.. އަހަންނަށް މި ދިރިއުޅުމުން އެއްވެސް އުފަލެއް ނެތްކަން ބުނެދޭން ބޭނުން.. ލޯބިނުވާ މީހަކާއިއެކު މުޅި ޙަޔާތް ވޭތު ކުރަން އުނދަގޫ ވާހަކަ ކިޔައިދޭން ބޭނުން! އަހަންނަށް ވަގުތުކޮޅެއްދީ! "
ކުއްލިއަކަށް ޔަޝްމީ ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އޭނާގެ ޖުމްލަތަކުން ހާރޫންގެ ހިތަށް އިތުރަށް ތަދުވިއެވެ. ޒަޚަމްވިއެވެ. ޔަޝްމީގެ ލޯބީގައި ޖެހި، އެހިތުގައި ލަމުންދާ ރެނދުތައް އިތުރަށް ފޭވާން ފެށިއެވެ. ނަމަވެސް އެއިން އެއްވެސް ކަމަށް ފަރުވާއެއް ނެތްކަން ހާރޫންއަށް ރަނގަޅަށްވެސް އެނގެއެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ކެތްތެރިކަން އިސްކުރިއެވެ. ހަމަހިމޭން ވަގުތު ކޮޅަކަށްފަހު މިފަހަރުވެސް ވާހަކަ ދެއްކީ ޔަޝްމީއެވެ.
" ދައްތައަށްވެސް އެއްވެސް ކަމެއް އަންގާކަށް އަހަރެން ބޭނުމެއް ނޫން! ރަނގަޅު ވަގުތެއް ބަލާފައި އަހަރެން މަންމައަށް ވިސްނައިދޭނަން.."
މަޑުމަޑުން ހިނގާފައި އައިސް ޔަޝްމީ ހުއްޓުނީ ހާރޫންއާއި އެއްހަމައެއްގައެވެ. އެހިނދު ހާރޫން އޭނާއަށް ބަލައިލިއެވެ.
" އަހަންނަށް ތި ކޮޓަރީގައި ވަކިން ހުރިހާ ކަމެއްވެސް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައިދޭނެކަމަށް ހީކުރަން!"
ޔަޝްމީ އެހެން ބުނުމަށްފަހު އޭނާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތީ ފޯމުވެސް ހިފައިގެންނެވެ. މާޔޫސްވެފައި ހުރެ ހާރޫންވެސް އިތުރަށް މަޑުނުކޮށް އޭނާގެ ކޮޓަރިއަށް ދިޔައެވެ.
***
" ޑޮކްޓަރަށް ދައްކާފައި އަވަހަށް އަންނައްޗޭ! "
ޖާވިދް ބޯ އަޅާލައިގެން އޮތީ ޝަހާނާގެ އުނގުގައެވެ. މަޑުމަޑުން ޝަހާނާ ޖާވިދްގެ ބޮލުގައި ފިރުމަމުން ދިޔައީ ހެވިފައި އިނދެއެވެ.
" އަހަރެން މިދަނީ މުޅި ޢުމުރަކަށް ނޫނޭ! އަހަންނަށްވެސް ޖާވިދާ ދުރަކު އެހާ ގިނަ ދުވަހަކު ނުހުރެވޭނެ."
ޝަހާނާ އެހެން ބުނުމާއިއެކު ކޮޓަރީގެ ދޮރުގައި ފާއިޒާ ޖަހާލި އަޑު އިވުނެވެ.
" ބޯޓު އައިއްސިޔޯ! ފާތުމަދައިތަމެން މިހާރު އެބަ ދޭ! "
ޖާވިދް އަވަސް އަވަހަށް ތެދުވިއެވެ. އޭރު ޝަހާނާގެ މޫނުމަތިން ފެންނަމުންދަނީ އުފާވެރިކަމެވެ. މާލެދެވޭތީ އޭނާ އެހުރީ އިންތިހާއަށް އުފާވެފައިކަން ޖާވިދަށް އެނގުނެވެ. ޝަހާނާގެ ދަބަސް ނަގާ ޖާވިދް، ކޮނޑުގައި އަޅުވާލި އިރު ޝަހާނާ ގޮސް ކޮޓަރިން ނިކުންނަނީއެވެ.
" އޭ! އޭ! ހާދަ ބާރަކަށް ތި ދަނީ؟ ޝަހާ ބަހައްޓާފައެއް ގައިމުވެސް ނުފުރާނެ"
ޖާވިދް ލާނެތް ގޮތަކަށް އެހެން ބުނުމާއިއެކު ދޮރުމަތީގައި ހުރި ފާއިޒާ ހީގަތެވެ.
" އެއީ ދޮގެއް ދަރިފުޅާ އަވަހަށް ދޭ! ގަޑިޔަށް ބޯޓު ނައްޓާލާނެ"
ޝަހާނާ ގޮސް ފާއިޒާއާ އަރާ ހަމަވުމުން އޭނާ ބުންޏެވެ. ބާރަށް ހީގަންނަމުން ޝަހާނާ ގޮސް ޖާވިދްގެ އަތުގައި ހިފިއެވެ.
" ދަބަހުގައި އޮންނާނެ މިގޭ ފޯނު! ބޯޓަށް އަރާފައި ނަގައްޗޭ.. އޭރުން ބޭނުން އިރަކު ގުޅޭނެއެއްނު"
ޖާވިދް އެހެން ބުނުމުން ޝަހާނާ އުފަލުން ހުރެ ޖާވިދްގެ ގައިގައި ބޯ ޖައްސާލިއެވެ.
***
ޑްރެސިންގޓޭބަލްގެ ވަތްގަނޑު ދަމާލުމަށްފަހު ޔަޝްމީ ބަލައިލީ އޭނާއަށް ހާރޫން ދީފައި އޮތް ފޯނަށެވެ. އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އޭނާ އެ ފޯނު ނަގައިގެން ގޮސް އެނދުމަތީގައި އިށީނދެލިއެވެ. ފޯނު ހުޅުވައިލުމަށްފަހު އޭނާ ޗެކްކޮށްލީ ހާރޫން ސޭވް ކޮށްފައި ހުންނާނެކަމަށް ބުނި ނަންބަރުތަކެވެ. އިސާހިތަކު އޭނާ ހޯދަން ބޭނުންވާ ނަންބަރު ފެނުނެވެ. އެއީ އޭނާގެ މަންމަގެ ނަންބަރެވެ. އެ ނަންބަރަށް ބަލަން އެތައް އިރަކު އިނދެވުނެވެ. މަންމައާ އަނގައިން ނުބުނާތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. އެހެންކަމުން އޭނާއަށް ފުރަތަމަ އިނދެވުނީ ގުޅަންވެސް ނުކެރިފައެވެ. ނަމަވެސް އޭނާގެ ޙާލަތު، ދުރުދުރުން ނަމަވެސް މަންމައަށް ކިޔައިދޭން ބޭނުމެވެ. އޭނާގެ ޖަޒްބާތުތަކުގެ މަޅީގައި މަންމަ ޖައްސަން ބޭނުމެވެ. އެ ދިރިއުޅުމުން ސަލާމަތްވެވޭނީ އޭރުންކަން ޔަޝްމީއަށް ޔަޤީން ކުރެވެއެވެ.
މަންމަގެ ނަންބަރަށް ދެތިން ފަހަރު ގުޅާލި އިރުގައިވެސް ގުޅޭސަރަހައްދުން ބޭރުގައިކަމަށް ބުނާއަޑު އިވޭތީ ދެން އޭނާ ގުޅީ ޖާވިދްގެ ނަންބަރަށެވެ. އެންމެ ރިންގަކުން ޖާވިދް ފޯނު ނެގިއެވެ.
" ދޮ ދޮންބެ"
މަޑުމަޑުން ޔަޝްމީ ބުނެލިއެވެ. އެއާއިއެކު ޖާވިދްގެ އުފާވެރި އަޑު ޔަޝްމީގެ ކަންފަތުގައި ޖެހުނެވެ.
" ހަނދާންވެއްޖެދޯ ދޮންބެމެން މަތިން! ކޮއްކޮ އޯކޭތަ؟ "
ޖާވިދް ލޯތްބާއިއެކު ވާހަކަ ދެއްކުމުން ވަގުތުން ޔަޝްމީއަށް ރޮވިއްޖެއެވެ. ނަމަވެސް އަޑު ކޮންޓްރޯލް ކުރުމަށްފަހު އޭނާވެސް ހެވިފައި ވާހަކަ ދައްކަން ފެށިއެވެ.
" ހޫމް. ހަމަ ރަނގަޅު! ދައްތަ އަންނަ ވާހަކަ ހާރޫން ބުނި.. "
ޔަޝްމީ ބުންޏެވެ.
" އާނ! ހާރޫންގާތު ބުނިން ޑޮކްޓަރަށް ދައްކާލާފަ ފޮނުވާލަދޭށޭ! ދޮންބެ ކޮންމެ ދުވަހަކުވެސް ހާރޫންއަށް ގުޅަން. އަސްލު ވަރަށް ޖެހިލުންވޭ! ކޮއްކޮ ދިޔައީ ދާހިތުން ނޫންކަން އެނގޭތީ ހާރޫންއަށް ގުޅަނީވެސް ކަންތައްތައް ރަނގަޅުތޯ ބަލަން.. އެކަމަކު މިހާރު މިހުރީ ވަރަށް ހިތްހަމަޖެހިފައި! ހާރޫންއަކީ ހަމަ ވަރަށް ރަނގަޅު މީހެއް... ބުނެބަލަ މިބުނީ ދޮގެއްތަ؟"
ޖާވިދްގެ ވާހަކަތަކަށް އިންކާރު ކުރާކަށް ޔަޝްމީއަކަށް ނުކެރުނެވެ.
" އޭނަ ރަނގަޅު... އެކަމަކު..."
ކިތަންމެ ބުނަން ބޭނުންވި ނަމަވެސް ޔަޝްމީއަކަށް އެ ހިތްވަރެއް ނުލިބުނެވެ. ކައިވެނި ރުޅާލަން ބޭނުންވާ ވާހަކަ ބުނާކަށް ނުކެރުނެވެ.
" މިޒަމާނުގައި ރަނގަޅުމީހުން ވަރަށް ނުލިބޭނެ! މަންމަމެންނަށް ބަރާބަރަށް ހާރޫން ޚަރަދު ކުރާތީ މިހާރު ބައްޕަ މަހަކަށްވެސް ނުދޭ! "
ޖާވިދްގެ ޖުމްލައިން ޔަޝްމީއަށް ލިބުނީ ހައިރާންކަމެވެ.
" ޚަރަދޭ؟ "
" ހޫމް.. ބައްޕަ ބުނި ކޮންމެވެސް ރިސޯޓަކަށް މަސްދޯނި ކުއްޔަށް ނަގާ ވާހަކަ! ހާރޫން ހޯދައިދިން ފުރުޞަތެކޯ.. އޭރުން މަހަކު ވިއްސަކަށް ހާސް ރުފިޔާ ލިބޭނެޔޯ ބުނި"
ޖާވިދްގެ ވާހަކަތަކުން ޔަޝްމީއަށް ލިބެނީ މުޅިންވެސް ހައިރާންކަމެވެ. އެއީ ހާރޫންގެ ރިސޯޓްކަމެއް ޖާވިދަށްވެސް ނޭނގޭކަން ޔަޝްމީއަށް އެނގުނެވެ. ހާރޫން އެކިގޮތްގޮތުން އޭނާގެ މައިންބަފައިންނަށް އެހީތެރިކަން ފޯރުކޮށްދޭކަން ޔަޝްމީއަށް އެނގުނީ އަދިކިރިޔާއެވެ. އެހެންކަމުން އޭނާއަށް އިތުރަށް ވިސްނަން މަޖުބޫރު ވެއްޖެއެވެ.
" ދެން ދޮންބެމެން މާލެ ބަދަލެއް ނުވަންތަ؟ "
ޔަޝްމީ އަހާލިއެވެ.
" އާނ! ދޮންބެއަށް ވަޒީފާ ވަރަށް މުޙިއްމޭ ކޮއްކޯ! މިހާރުވެސް މި ވަންނަނީ އޮފީހަށް! އަބަދުވެސް މިތާ މި އުޅެން ޖެހެނީ! ދެން ނަސީބެއް މި ދުވަސްކޮޅު ދައްތަވެސް ދިޔަކަން! ހާރޫންއަށް ގުޅާނަން ޝަހާ ބަލައިދާންވީމަ.."
ޔަޝްމީ އާނއެކޭ ބުނުމާއިއެކު ޖާވިދް ފޯނު ކަނޑާލިއެވެ. އެއާއިއެކު އެނދު ހުރަހަށް ޔަޝްމީއަށް އޮށޯވެލެވުނެވެ. ނަމަވެސް މާ ގިނަ އިރަކު އޭނާއަކަށް އެހެންނެއް ނޯވެވުނެވެ. ކުއްލިއަކަށް ތެދުވެ، ބާރުބާރަށް ހިނގާފައި ގޮސް ހާރޫންގެ ކޮޓަރި ދޮރުގައި ޓަކި ޖަހާލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ހާރޫން ދޮރު ހުޅުވާލިއެވެ. އެއާއިއެކު ޔަޝްމީ ވަގުތުން ހާރޫންއަށް ފުރަގަސްދިނެވެ.
" އަހަރެންގެ މަންމަމެންނަށް ޚަރަދު ކުރުން ހުއްޓާލާ! ތިއުޅެނީ މުޅި ޢުމުރަށް އަހަރެން ދަރަނިވެރި ކުރުވަންތަ؟ "
ޔަޝްމީގެ ޖުމްލަތަކުން ހާރޫންއަކަށް އެތެރެޔަކު ނުހުރެވުނެވެ. އަވަސް އަވަހަށް އޭނާ ނިކުތެވެ.
" ޔަޝްމީ ދަރަނިވެރި ވާންވީ ކީއްވެ؟ އަހަރެން ޔަޝްމީއާ އިނދެގެން އުޅޭހާ ހިނދަކު ޔަޝްމީގެ މަންމަމެންނަށް އަޅާލުން އެއީ ކުށެއްތަ؟ އަހަރެން ދެކެނީ އެއީ އަހަރެންގެ ޒިންމާއެއްކަމުގައި! "
ހާރޫން ބުނެލީ އަސަރާއެކުއެވެ.
" ހެވޭ! އަހަރެންގެ މައިންބަފައިންނަށް ތި ހެޔޮކަން ދައްކާނެކަމެއްނެތް! ތިހެން ކަންތައް ކުރީމަ އަހަރެން އަބަދުވެސް ޖެހޭނީ މި ކޮށީގައި އިންނާކަށްނު"
ޔަޝްމީ އަނެއްކާވެސް ބުނެލީ ރުޅިވެރި ރާގަކަށެވެ.
" ދެން މި ކޮށީގައި އިންނާކަށް މާ ގިނަ ދުވަސްތަކެއް ނެތެއްނު! މިހާރު ހުރިހާ ކަމެއްވެސް އޮތީ ޔަޝްމީގެ އަތްމަތީގައި. އަހަރެން ހުރިހާ ކަމެއްވެސް މި ކުރަނީ ހަމަ ޔަޝްމީ ބުނާ ގޮތަށް! "
ހާރޫން އެހެން ބުނެލުމާއިއެކު ޔަޝްމީ ހާސްވާފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި އޭނާ ހިތްހަމަ ނުޖެހޭ ނަޒަރަކުން ހާރޫންގެ މޫނަށް ބަލައިލުމަށްފަހު ހިނގައިގަތެވެ.
****
ޔަޝްމީގެ ހުރިހާ އެއްޗެއް ހާރޫންގެ ކޮޓަރިއަށް ބަދަލުކުރީ ޚުދު ޔަޝްމީއެވެ. އޭރުވެސް ހާރޫން އޮތީ ސޯފާގައެވެ. އޭނާއަށް ބަލައިލުމުން ހީވަނީ ހަކަތަ ހުސްވެފައިވާ މީހެއް ހެންނެވެ. ނަމަވެސް ޔަޝްމީ ހާރޫންއަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. ހެދުންތައް އަލަމާރިއަށް ލުމަށްފަހު އޭނާގެ ރީތިވާ އެއްޗެހިތައް ޑްރެސިންގ ޓޭބަލްގައި އަތުރާލިއެވެ.
" އަހަރެން މިތާ އުޅޭނީ ކުޑަ ދުވަސްކޮޅަކު ކަން ހަނދާން ބަހައްޓައްޗޭ! "
ޔަޝްމީ ދެއަތް އުރާލަމުން ހާރޫންއަށް ބަލައިލިއެވެ. އޭރު ހާރޫން ތެދުވަނީއެވެ. އޭނާގެ ދެލޯވަނީ ކުޑަވެފައެވެ. ފެންނަ ފެނުމަށް އޭނާ ބަލިހެންވެސް ހީވެއެވެ.
" ހަނދާން ބަހައްޓާނަން! "
އާދައިގެ ރާގަކަށް ހާރޫން އެހެން ބުނުމަށްފަހު ތެދުވެ ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ދަނީ ކޮންތާކަށްތޯވެސް އަހައިނުލާ ޔަޝްމީ ހުރީ ބަލަހައްޓައިގެންނެވެ. ހާރޫން ނިކުތުމުން ޔަޝްމީ އެ ކޮޓަރި ތެރެއަށް ނަޒަރު ހިންގާލީ ހަމަޖެހުމުގެ ފުން ނޭވަޔާއެކުއެވެ. ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑި އެވަގުތު އޭނާއަށް ފެނުމާއިއެކު ހާރޫން އެދިޔައީ ޝަހާނާ ބަލައިކަން ޔަޝްމީއަށް ޔަޤީން ކުރެވުނެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ފެންވަރައި ތާޒާ ވެލާށެވެ.
ރީތިވެލައިގެން ޔަޝްމީ ސިޓިންގރޫމަށް ނިކުތް ވަގުތަކީ ޝަހާނާ އެތެރެއަށް ވަތް ވަގުތެވެ. ޝަހާނާގެ މޫނުމަތީގައިވާ އުފާވެރިކަން ފެނި ޔަޝްމީއަށްވެސް ހިނިތުން ވެވުނެވެ. އެގެއަށް ވަނުމާއިއެކު ޝަހާނާގެ ނަޒަރު ހުއްޓުނީ ގޭގެ އެކި ދިމަދިމާލަށެވެ.
" އޭ! ހާދަ ރީތިރީތި ގެއެއްގައޭ ތިއުޅެނީ ؟'
ޔަޝްމީގެ ކުރިމައްޗަށް އެރުމަށްފަހު ޝަހާނާ ބުނެލީ ދިމާކޮށްލާ ފަދަ ރާގަަކަށެވެ. އޭރު ޔަޝްމީއަށް ބަލަހައްޓައިގެން ހުރެވުނީ ދޮރާއި ދިމާލަށެވެ. ހާރޫން ފެންނަން ނެތުމުން ޔަޝްމީ ހުރީ ސުވާލު އުފެދިފައެވެ.
" އަހަރެން ކާރަކަށް ލައިފައި ހާރޫން ގޮއްސި ކޮންމެވެސް ފޯނެއް އައިސްގެން ކަންނޭނގެ! ޑްރައިވަރ އަތަށް ތަޅުދަނޑި ދީފައި ބުނީ މިގެއަަށް ގެންދާށޯ! ޑްރައިވަރު އެދިޔައީ މިތަނަށް އަހަރެން ގެނެސްދީފައި.. އެއީ ހަމަ ހާރޫންގެ ކާރެއްތަ ޔަޝްމީ؟ "
ޝަހާނާ ސޯފާއަށް ޖެހިގަތެވެ. ޔަޝްމީ ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
" ހާދަ އަރާމު ސޯފާއެއް؟ ހާރޫން ގާތު ބުނަންވީނު މީގެ ސޯފާއެއް ގަނެދޭން ރަށަށް ފޮނުވަން.."
ޝަހާނާ ސޯފާގައި އަތްހާކަމުން ދިޔައެވެ. އެގެއަށް ވަދެވުމާއިއެކު ޝަހާނާގެ ވަރުބަލިކަންވެސް ފިލައިގެން ދިޔަ ކަހަލައެވެ.
" ދައްތަ ފެންވަރާލަން ދާންވީނު"
ޔަޝްމީ ސޯފާގައި އީށީނދެލަމުން ބުންޏެވެ. އެއާއިއެކު ޝަހާނާ ބޯޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" ޔަޝްމީ ދެން ދައްތަ އަންނާތީ ކޯއްޗެއްތަ ކެއްކީ މިއަދު؟"
ޝަހާނާ އެހެން އަހައިލުމާއެކު ޔަޝްމީ އެއްމިޔަކަނުން ހީލިއެވެ.
" އަހަރެން އެއްވެސް އެއްޗެއް ނުކައްކަން! އަހަންނަށް ކައްކާކަށް ނުޖެހޭނެ.. ކޮންމެ އިރަކަށް ކާން ބޭނުންވާ އެއްޗެއް ބޭރުން ގެނެސްދޭނެ."
" އޭނ؟ ތިބުނީ.. ކިހިނެއް؟ "
ސޯފާގައި ލެނގިލައިގެން އިން ޝަހާނާ ކުއްލިއަކަށް ހަށިގަނޑު ތެދުކޮށްލުމަށްފަހު ދެވަނަ ފަހަރަށްވެސް ޔަޝްމީއާ ސުވާލު ކުރިއެވެ.
" މިބުނީ އަހަންނަށް ބަދިގެއަށް ވަނުން މަނަލޭ! ހާރޫން ބޭނުމެއްނުވޭ އަހަރެން އެއްވެސް އެއްޗެއް ކައްކާކަށެއް! އަހަންނަށް ކާއެއްޗެހި ފޮނުވާނެ.."
ޔަޝްމީ އެހެން ބުނުމުން ޝަހާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
" އެހެންދޯ؟! ދެން މިރޭ ކޯއްޗެއްތަ ކާން ގެންނަނީ؟ "
ޝަހާނާ ގަޔާވެލާފައި އެހިއެވެ. ޔަޝްމީ މިފަހަރުވެސް ވާހަކަ ދެއްކީ ހީލަމުންނެވެ.
" ނާސިގޯރެންގ ކިޔާ ބަތެއް! އޭތި އަހަންނަށް އެންމެ މީރީ"
ޔަޝްމީ އެހެން ބުނުމާއިއެކު ޝަހާނާ ހިންދިރުވާލީ މީރު އެއްޗެއް ކާހިތްވެގެންނެވެ. ކުރިމަތީގައި ހެވިފައި އިން ޔަޝްމީގެ ނަސީބާއިމެދު އޭނާގެ ހިތުގައި ހަސަދައިގެ ހުޅު ހިފާކަށް މާކަ ގިނަ ވަގުތެއް ނުނެގިއެވެ. އެގޭގެ ރީތިކަމާއި ޔަޝްމީގެ އަރާމު ދިރިއުޅުން އެނގުމުން އޭނާވެސް އެފަދަ ދިރިއުޅުމެއް ބޭނުންވިއެވެ. އެހާ ފަސޭހައިގައި އުޅެން ހިތް އެދެން ފެށިއެވެ.
" ދައްތަ! ފެންވަރާލަން ދާންވީނު އެ ކޮޓަރިއަށް"
ޝަހާނާ ސިހުނީ ޔަޝްމީގެ އަޑަށެވެ. އެހެންކަމުން ބޯ ޖަހާލަމުން އޭނާ އަވަސް އަވަހަށް ތެދުވެ ހިނގައިގަތެވެ.
***
އެނދުގައި ފުރޮޅިފުރޮޅި ޔަޝްމީއަށް އޮވެވުނީ ހާރޫން ގެއަށް ނައިސްގެންނެވެ. މިހާރު ގަޑިން ދަންވަރު އެކެއްވެސް ޖަހައިފިއެވެ. ހާރޫން ގެއަށް ނާންނަންވީ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ.
" އަހަންނާ އެއްކޮޓަރިއެއްގައި އުޅެން އެންމެފަހުން އޭނަތާ މި ބޭނުން ނުވަނީ؟ ގެއަށްވެސް ނައި! މިތަނަށް ނައިސް ރިސޯޓަށް ކަންނޭނގެ ނިދަން އެ ދިޔައީ! ދެން ގުޅާލަން އެންމެ ރަނގަޅުދޯ! "
ހާރޫންގެ ޚަބަރެއް ނުވެގެން ޔަޝްމީއަށް ރުޅި ގަދަވެވުނެވެ. އެތައް އިރަކު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރެވުނެވެ. ކޮޓަރި ސޯފާގައިވެސް އޮވެވުނެވެ. ދެތިން ފަހަރު ފޯނަށް ބަލައިލެވުނު ނަމަވެސް ހާރޫންގެ ނަންބަރު ނޭނގޭތީ ގުޅާނެ ގޮތެއް ނޭނގުނެވެ.
" އަހަންނަށް ހެޔޮ އޭނަ ގެއަށް ނަޔަސް..."
އެންމެ ފަހުން ލޮލަށް ނިދި ސަވާރުވާން ފެށުމުން ޔަޝްމީ ގޮސް އަނެއްކާވެސް ސޯފާގައި އޮށޯވެލިއެވެ. އޭރު ގަޑިން ފަހެއް ޖަހަނީއެވެ. މުޅި ރޭ އޭނާ ވޭތުކޮށްލީ ނުނިދައެވެ. ނަމަވެސް މިހާރު އެސްފިޔަތަކަށް ބަރުވެ ނިދި ޖެހެން ފެށިއެވެ. އެހެންކަމުން ބަންގިގޮވާ އަޑު އަހަން ފޯނު ކައިރިކޮށްގެން އޮތީ ނަމާދަށް ހޭލެވޭނެކަމުގެ އުއްމީދުގައެވެ.
ކުއްލިއަކަށް ސިހިފައި ހޭލެވުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެއާއިއެކު ގަދަކަމުން ދެލޯ ހުޅުވާލުމަށްފަހު ޔަޝްމީއަށް ބަލައިލެވުނެވެ. އޭރު ގައިން ހަކަތަ ހުސްވެފައިވާ ފަދަ ގޮތަކަށް ހުރެ ހާރޫން އެނދާއި ދިމާލަށް ދެއެވެ. ޔަޝްމީއަށް އެއްވެސް ސަމާލުކަމެއް ނުދީ ގޮސް އޭނާ އެނދުގައި އިށީނދެލިއެވެ. އަދި ހެޑްބޯޑުގައި ލެނގިލައިގެން އިނީ ދެލޯ މަރައިގެންނެވެ.
އެމަންޒަރު ބަލަން ޔަޝްމީ އޮތީ ނުތަނަވަސްވެފައިވާ ހިތަކައިގެންނެވެ. ސޯފާއިން ތެދުވެ ބޮލުގައި ހުޅިއެއް ޖަހާލުމަށްފަހު ޔަޝްމީ ހާރޫންއާ ދިމާލަށް ހިނގައިގަތީ ނުހަނު މަޑުންނެވެ. އޭރުވެސް ހާރޫން އިނީ ދެލޯ މަރައިގެން އެ އިން ގޮތަށެވެ. ބައެއްފަހަރު އޭނާ ގިސްލާހެންވެސް ހީވެއެވެ. ޔަޝްމީ ގޮސް އެނދު ކައިރީ ހުއްޓުމާއިއެކު ހާރޫން ބަލައިލިއެވެ. އޭރު އޭނާގެ ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ބިރުގަނެފައި ހުރި ޔަޝްމީއަށް ސިހުން ލިބުނީ ކުއްލިއަކަށް ތެދުވެ ހާރޫން ޔަޝްމީގެ މެދުހަށީގައި އޮޅުލައިގަނެ ގިސްލާން ފެށުމުންނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (28)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!