ހއ. އަތޮޅުގެ ހަތަރު ރަށެއްގައި މަޝްރޫއުތަކެއް ހިންގުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
އިއްޔެ ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ސޮއިކޮށްފައިވަނީ ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ހއ. އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާއި، ހއ. ދިއްދޫ ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައެވެ.
މިމަޝްރޫއުތަކުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިން އޮފިސަރު، ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.
ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަޝްރޫއުގެ ދަށުން، 16,632 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 57,750 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 36 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 20 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 309 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ބޭރުތޮއްޓެއް ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 16.91 މިލިއަން ރުފިޔާއަށް 300 ދުވަސް ތެރޭގައި ނިންމާގޮތަށެވެ.
އުލިގަމު ބަނދަރު ތަރައްގީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ 10,400 ކިއުބިކް މީޓަރުގެ ސަރަހައްދުގެ، ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި 46,181 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއިި 21,708 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 238 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 180 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 300 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 183 މީޓަރުގެ ސަރަހައްދެއްގައި ވެލިފުރާފައިވާ އައުޓަ ބޭރުތޮއްޓެއް ލުމާއި 162 މީޓަރުގެ ސަރަހައްދެއްގައި ވެލިފުރާފައިވާ ބޭރުތޮއްޓެއް ލުމާއި 238 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިން ބޯއީސް ހަރުކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 25 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއ،ި 100 މީޓަރު ދިގު 2 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއ،ި 2200 ސްކޮޔާ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި 390 މީޓަރުގެ ކާބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ 73.88 މިލިއަން ރުފިޔާއަށް، 600 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ސޭންޑް ސާޗް ސާވޭއެއް ހެދުމާއި 8.16 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 1215 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ 152.04 މިލިއަން ރުފިޔާއަށް، 630 ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.
ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ސޭންޑް ސާޗް ސާވޭއެއް ހެދުމާއި 26 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރާނެއެވެ.
މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ 83.07 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
މި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!