" ހާދަ އަވަހަކަށް؟ ކާކު ހުރީ އިންނަން؟ "
ޖާވިދަށް ބުނެވުނެވެ.
" އެކަން ކުރަންވާނީ ނިކަން ރަނގަޅަށް ބޮލުން ކުޅެގެން.. ޖާވިދްއަކަށް އަދި ނުވިސްނޭނެ! އެކަން އަހަރެންގެ އަތްމައްޗަށް ދޫކޮށްލަބަލަ! "
އެނދުން ތެދެވެގެން ޝަހާނާ ކުރިއަށް ހިނގައިގަތެވެ. އޭރު އޭނާގެ ސިކުނޑީގައި ނިކަން މޮޅު ރޭވުންތަކެއް ރޭވިގެން ދެއެވެ.
" އަނެއްކާ މިކަމުގެ ތެރެއަށް ޝަހާ ވަންނަން އުޅެގެން މަންމަމެން ޝަހާދެކެވެސް ރުޅި އަތުވެދާނެ! ތިހެން އުޅޭނެ ކަމެއްނެތް. އަޅާނުލާ! މަންމައާއި ބައްޕަ އަދި އެކަމަށް އެއްބަސްވާނެ."
ޖާވިދް ވާހަކަ ދައްކަމުން ދިޔައިރުގައިވެސް ޝަހާނާ ހުރީ ޖާވިދަށް ފުރަގަސްދީގެންނެވެ. ކަރުގައި އަޅާފައި އޮތް ފަށަށް ދަމާލަމުން ޝަހާނާއަށް ހިނިތުންވެލެވުނެވެ.
" އެންމެ ރަނގަޅު! ޖާވިދްގެ ބަހަށް އަހަރެން މަޑުކޮށްލާނަން. އެކަމަކު ޖާވިދަށް އެކަން ނުވިއްޔާ އަހަރެން އެކަމާ އުޅޭނަން.. "
ބާރުބާރަށް އައިސް ޖާވިދާއި ޖެހި ފިތިގެން އިށީންނަމުން ޝަހާނާ ބުންޏެވެ.
***
" ކީކޭތަ ޖާވިދް ބުނީ؟ ވިސްނައިދިނިންތަ؟ "
ހޭލައިގެން އައިސް ޝަހާނާ ބަދިގެއަށް ވަނުމާއިއެކު ފާއިޒާ އެހިއެވެ. އޭރު ޝާކިރުވެސް އެތާ ހުއްޓެވެ. ފާއިޒާގެ ސުވާލުން ޝަހާނާ ޖެހިލުންވިއެވެ. ޝަހާނާ ކަންތައް ކުރީ ފާއިޒާ އެދުނު ފަދަޔަކުން ނޫނެވެ. އޭނާ އިސްކުރީ އޭނާގެ އަމިއްލަ އެދުމެވެ.
" އާނ! އެކަމަކު ޖާވިދް ހުރީ ވަރަށް ހިތްހަމަ ނުޖެހިފައި. ދުވަހަކުވެސް އޭނަ ބުނާ ގޮތެއް ނަހަދާނެޔޯ ބުނީ! ދެރަވެގެންވެސް އުޅުނު. އޭނަދެކެ އެހާ ލޯތްބެއްވެސް ނުވާނެޔޯ"
ޝަހާނާ ދޮގު ހަދައިގެން ވާހަކަ އެއް ދައްކާލިއެވެ. އޭނާ ހެދި ދޮގުގެ ސަބަބުން ޝާކިރާއި ފާއިޒާގެ ހިތަށް ކުރީ ނުހަނު ފުން އަސަރެކެވެ.
" ޖާވިދް ހަމަ ތިޔަކަހަލަ ވާހަކަ ދެއްކިތަ؟ ތިއީ ދުވަހަކުވެސް އޭނަ ބުނާނެ އެއްޗެއް ކަމަށް އަހަރެން އުއްމީދެއް ނުކުރަން. "
ޝާކިރު ބުންޏެވެ.
" އަނެއްކާ ބައްޕަ ޖާވިދަށް އެއްވެސް އެއްޗެއް ނުބުނައްޗޭ! އޭރުން އަހަރެންދެކެ ރުޅި އަންނާނެ. އަސްލު ޖާވިދް ދެރަވެގެން ބުނި އެއްޗެއް އެއީ! "
މޫނުމައްޗަށް ހިތާމައިގެ ކުލަވަރު ގެންނަމުން ޝަހާނާ އިސްޖަހާލިއެވެ.
" ޔަޝްމީ މީހަކާ އިނީީމަ މާލެ ބަދަލު ވެވިދާނެ! އަހަރެން، އަހަރެންގެ ދެދަރިންދެކެވެސް ލޯބިވަނީ ހަމަ އެއްވަރަކަށް... އެހެންވީމަ އެއްވެސް ދަރިޔަކު ދެރަކުރާކަށް ބޭނުމެއްނޫން "
އެހެން ބުނުމަށްފަހު ޝާކިރު ނިކުމެގެން ދިޔައެވެ. ރޮށި ފިހަން ހުރި ފާއިޒާވެސް ހުރީ މާޔޫސްވެފައެވެ.
***
އެންމެން ސައިބޯން އައި އިރުގައިވެސް ޖާވިދެއް ނައެވެ. ޖާވިދްގެ އިންތިޒާރުގައި އެތައް އިރެއްވަންދެން ޝާކިރު މަޑުވެސް ކުރިއެވެ.
" ޖާވިދް ސައިބޯހިތެއް ނެތޯ! "
ބޭރުން އައިސް ވަތް ޝަހާނާ ބުނެލިއެވެ. އެއާއިއެކު އަސަރާއިއެކު ޝާކިރަށް ބަލައިލެވުނީ ފާއިޒާގެ މޫނަށެވެ.
" ދެން ޝާކިރު ސައިބޯންވީނު! "
ފާއިޒާ އަވަސް އަވަހަށް ބުނެލިއެވެ. އެއާއިއެކު ޝާކިރު ބަލައިލީ ޔަޝްމީގެ މޫނަށެވެ. ޖާވިދްގެ އުފަލަށްޓަކައި ޔަޝްމީގެ އުފާތައް ޤުރުބާންކުރުމަކީވެސް ގޯހެއްކަމުގައި ޝާކިރަށް ވިސްނުނެވެ. އެހާ ޅައުމުރުގައި ޔަޝްމީ މީހަކާ ދެވުމަކީ އޭނާގެ ހިތަށްވެސް ކުޅަދާނަކަމެއް ނޫނެވެ. އޭރުވެސް ޔަޝްމީ އިނީ ލަސްލަހުން ސައިބޯށެވެ.
***
އޮފީހުން އައި ގޮތަށް ޖާވިދް އަވަސްވެގަތީ މަންމަ ހޯދާށެވެ. އޭރު ފާއިޒާ އުޅެނީ ގޭބިއްދޮށް ސާފު ކުރާށެވެ. ކުނިހަކަން އޮތް ފާއިޒާއަށް ޖާވިދް ދުންޖަހާފައި އަންނަތަން ފެނި، ހައިރާންވެވުނެވެ.
" ދަރިފުޅު ހާދަ ބާރަކަށް ތި އަންނަނީ؟ އަނެއްކާ ކަމެއްވީތަ؟ "
ފާއިޒާ ސުވާލުކުރިއެވެ.
" އަލަށް ހެދި ކޮޓަރި ވަރަށް އަވަހަށް ތައްޔާރުކޮށްލަން ޖެހިގެން! ކޮންމެވެސް ކޮމްޕެނީއެއްގެ ބަޔަކު އެބަ އާދެޔޯ މިރަށަށް! ކުއްޔަށް ކޮޓަރިއެއް ހޯދަން ވެގެން މީހަކު ގުޅީމަ މިއައީ! ދުވާލަކަށް ދުއިސައްތަ ރުފިޔާއަށް ރަނގަޅެއްނު.. މަހެއްހާ ދުވަސް ވާނެޔޯ!"
ޖާވިދްގެ ވާހަކައިން ފާއިޒާއަށްވެސް ހިނިތުންވެލެވުނެވެ. އަވަސް އަވަހަށް އިލޮށިފަތި ބާއްވާފައި އޭނާވެސް ޖާވިދްގެ ފަހަތުން ހިނގައިގަތެވެ.
" މަންމާ! އެއްކަލަ ކަންތަކާއިމެދު ބައްޕަ ފަހުން އެއްޗެކޭ ނުކިޔާތަ؟ "
ފާއިޒާގެ މޫނަށް ބަލައިލަމުން ޖާވިދް ބުންޏެވެ.
" ދެން... ކީކޭ ބުނާނީ؟ ބައްޕަވެސް ބުނީ ތިން ކޮޓަރި ހިފައިގެން ކިހިނެއްހޯ އުޅޭނީ؟ އެހެންވެ ޔަޝްމީ މީހަކާ އިނީމަ ދެން ބަދަލުވާން ވިއްޔާ ވާނިއްޔޯ!"
ފާއިޒާގެ ޖުމްލައިން ޖާވިދް ބޯ ޖަހާލިއެވެ. އަދި މަންމަގެ ފަހަތުން ކޮޓަރިއަށް ވަންނަމުން އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.
" އާނ! ޝަހާވެސް ބުނި ބައްޕަ ތިހެން ބުނި ވާހަކަ... އެކަމަކު ޔަޝްމީކޮއްކޮ އެކަމާ އެއްބަސް ވާނެތަ؟ "
" ހާދަ އަވަސް އަރުވާލައިގެން ތިއުޅެނީ؟ މިއަދުން މިއަދަށް މާލެ ފުރަންވީއެއް ނޫނެއްނު! ކޮންމެ ކަމަކަށްވެސް ވަގުތު ނަގާނޭ ދަރިފުޅާ! ރަނގަޅު ވަގުތު އައިސް ޖެހުނީމަ ދަރިފުޅު ބޭނުންވާ ކަންތައްވެސް އިރާދަ ކުރެއްވިއްޔާ ވާނެ! އެކަން ނުވެގެން ބައްޕަ ދަރިފުޅުދެކެ ވާ ލޯތްބަށްވެސް ޝައްކު ކުރީ! އެކަމާ ބައްޕަ އެ ހުންނަނީ ހާދަ ދެރަވެފައޭ"
ބޭއިޙްތިޔާރުގައި ފާއިޒާއަށް ބުނެވުނެވެ. ފާއިޒާގެ ވާހަކަތައް އަޑުއަހަން ހުރި ޖާވިދަށް ލިބުނު ހައިރާންކަމެއްގެ ސަބަބުން އޭނާ ސުވާލުކުރިއެވެ.
" ލޯތްބަށް ޝައްކު ކުރީއޭ؟ މަންމަ ކީކޭ ތިބުނީ ؟"
ފާއިޒާ ޖާވިދަށް ބަލައިލީ ނުރުހުންވެ ހުރެއެވެ.
" ބައްޕަ ޖާވިދުދެކެ ލޯތްވެއް ނުވާނެޔޯ ބުނަންޖެހޭ ވަރުގެ ކަމެއް ވިތަ؟ "
ތަންކޮޅެއް ބާރަށް ފާއިޒާ ބުނެލިއެވެ. އެއާއިއެކު ޖާވިދްގެ ހިތަށް ވަރަށް އުނދަގޫ ވެއްޖެއެވެ. ފުން ވިސްނުމެއްގައި ހުރެ އެއީ ކާކު ބުނި އެއްޗެއްތޯ ސުވާލުކުރެވުނީވެސް ނުހަނު އަވަހަށެވެ.
" ޝަހާނާ ބުނީ ބައްޕަ ގާތު! އިނދެގެން އުޅޭ މީހާ ގާތު އެކަހަލަ ވާހަކަ ދެއްކީމަ ދެން އޭނަވެސް އަހަރެމެންނާއިމެދު ދެކޭނީ ކިހިނެއް؟ "
" ޝަހާ؟ ޝަހާނާ؟ "
ޝަހާނާ އެހެދީ ކަނޑައެޅިގެން ދޮގެއްކަން އެނގޭޙާލު ޖާވިދް ގާތަށް ނުހަނު ރުޅިއައެވެ. ނަމަވެސް މަންމަގެ ކުރިމަތީގައި އަނބިމީހާ ބޭޒާރުކުރަން ބޭނުން ނުވާތީ އޭނާ އިތުރަށް އެއްޗެއް ނުބުންޏެވެ.
" ބައްޕަ ކޮބައިތަ؟ "
ޖާވިދް ސުވާލުކުރިއެވެ. އޭރު ފާއިޒާ މަސައްކަތް ފަށައިފިއެވެ. ކޮޓަރީގެ ކަނެއްގައި ހުރި އެނދުގެ ބެޑްޝީޓް ނަގަމުން އޭނާ ވާހަކަ ދެއްކިއެވެ.
" މަހެއް ބާނަން ގޮނޑުދޮށަށް ގޮސްވީ! "
ފާއިޒާ އެހެން ބުނުމާއިއެކު ޖާވިދް ނިކުންނަން ހިނގައިގަންނަމުން ބުނެލިއެވެ.
" އަހަރެން މިދަނީ ޝަހާވެސް މިތަނަށް ފޮނުވަން! މަންމަ އެކަންޏަކަށް ނުވާނެއެއްނު..."
ޖާވިދް އެނބުރިގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު ޝަހާނާއަށް އޮތީ ނިިދިޖެހިފައެވެ. ޖާވިދްގޮސް އެނދުގައި އިށީނދެލިއެވެ. އޭރުވެސް އޭނާގެ ހިތް ކޮންމެވެސް ވަރަކަށް ކިލަނބު ވަމުންދެއެވެ.
" ޝަހާ! "
ޖާވިދްގެ އަޑަށް ޝަހާނާ ލޯ ހުޅުވާލިއެވެ.
" އަހަރެން ހިއެއް ނުކުރަން ޝަހާ ދޮގު ހަދާނެ ކަމަކަށް! އަހަރެން ބުންޏޭ ކިޔާފައި ބައްޕަގާތު ކީއްކުރަން އެހެން ބުނީ؟"
ލަސްކުރުމެއްނެތި ޖާވިދް އެހިއެވެ. އެއާއިއެކު ރުޅިއައިސް ރަތްވެގެން ޝަހާނާ ތެދުވިއެވެ. އަދި ފާރުގައި ލެނގިލަމުން ބުނެލިއެވެ.
" ޖާވިދްއަށްވެސް ގޯސްވީ އަހަރެން ދޮގު ހެދީމަ! ޖާވިދްގެ ބޭނުމަކަށް އަހަރެން ޖާވިދްއަށް އެހީތެރިވީތަނެއް ނުފެނުނު! އަހަރެން އެގޮތަށް ވާހަކަ ދެއްކީމައޭ ބައްޕަ އެއްބަސްވީވެސް މާލެ ދާން.. ޔަޝްމީ މީހަކާ އިން ދުވަހަކުންނޯ މާލެ ބަދަލުވާނީ ބުނީ! އެވަރުވެސް އެވީ އަހަރެން އެހެން ކީމަ..."
ރުޅިވެރި ރާގެއްގައި ޝަހާނާ ވާހަކަ ދައްކަމުން ދިޔައެވެ. ޖާވިދަކަށް އެގޮތެއް ކަމަކު ނުދިޔައެވެ.
" ހެވޭ! ދޮގެއް ހަދައިގެން ނުވާނެދޯ! އަމުދުން ތިހެދި ދޮގުގެ ބާވަތުން އަހަރެންވެސް ލަދުގަނެއްޖެ! ބައްޕަ އަހަރެންދެކެ ލޯތްބެއް ނުވާނޭ ބުނީމަ ބައްޕަގެ ހިތަށް ކުރާނެ އަސަރު އެނގޭތަ؟ "
ތަންކޮޅެއް ބާރަށް ޖާވިދް އެހެން ބުނުމާއިއެކު ޝަހާނާ ރޯންފެށިއެވެ. އަދި އަވަސް އަވަހަށް ދެއަތުން މޫނު ފުހެން ފެށިއެވެ.
" އަހަރެން ދެން ދުވަހަކުވެސް ޖާވިދްއަށް އެއްވެސް ކަމެއްގައި އެހީއެއް ނުވާނަން! ޖާވިދް އަހަންނާ ކަންތައްތައް ހިއްސާކޮށްގެންވެސް ނުވާނެ. އަހަރެން ޖާވިދް ދެކެ ލޯބިވާވަރެއްވެސް، އަދި ޖާވިދް އުފަލުގައި ބަހައްޓަން އަހަރެން ކުރާ މަސައްކަތެއްވެސް ޖާވިދަކަށް ނުފެނެ! އަހަރެން އެހާ ރަނގަޅަށް އުޅޭއިރުގައިވެސް ޖާވިދް އަހަންނަށް އެއްޗެހި ކިޔަނީ.. އަހަރެންގެ މަންމަ އަހަންނަށް އެއްވެސް ކަމެއް ނުޖައްސާނެ. އެކަމަކު މިގޭގަ އަބަދު މިއުޅެނީ ޖާވިދްގެ މަންމައަށް އެހީވެދޭން މަސައްކަތުގައި.. އެނގޭތަ އެއީ ކީއްވެގެންކަން؟ އެއީ ޖާވިދް ދެކެ އިންތިހާއަށް އަހަރެން ލޯބިވާތީ..."
ބާރަށް ރޮމުން ރޮމުން ޝަހާނާ އެހެން ބުނެލުމާއިއެކު ކޮޓަރި ސާފުކުރަން ޝަހާނާ ގާތު ނުބުނެވޭކަން އޭނާ ހަނދާންވިއެވެ. ނަމަވެސް މިވަގުތު ޝަހާނާ ނުދާނެކަން އޭނާއަށް ޔަޤީންކުރެވުނެވެ. އެހެންކަމުން އަވަސް އަވަހަށް ޖާވިދް ޝަހާނާގެ ގައިގައި އަތް ޖައްސާލިއެވެ.
" އެހެންތަ؟ އަހަރެންދެކެ ހަމަ އެހާ ލޯބިވޭތަ؟ "
ޖާވިދް އެހެން އެހުމާއި އެކު ޝަހާނާ ޖާވިދްގެ ގަޔަށް ޖެހިގަތެވެ. އަދި އިތުރަށް ރޮއިލިއެވެ.
" ދެން އެކަންތައްވެސް އެ ނިމުނީ! އަހަރެން އެހާ ބޮޑަކަށް ރުޅިއެއް ނާދެޔޭ! ދެން ހުއްޓާލަބަލަ"
ޖާވިދް ޝަހާނާގެ މޫނު ފުހެލަދިނެވެ. އެއާއިއެކު ޝަހާނާ ގަދަކަމުން ހީލީ ޖާވިދް ހަމައަކަށް އެޅިއްޖެކަން އޭނާއަށް ޔަޤީން ކުރެވުމުންނެވެ.
" މަންމަ އެބައުޅޭ ކުއްޔަށްދޭ ކޮޓަރި ސާފުކުރަން. ދޭބަލަ އެހީވެދޭން.."
ޖާވިދް އެހެން ބުނުމާއިއެކު ޝަހާނާގެ ހިނިތުންވުން ގެއްލި އަނެއްކާވެސް އޭނާގެ މޫނުމަތި ފުސްވެގެން ދިޔައެވެ.
" އަހަރެން ބޮލުގައި ރިއްސާތީ މި އޮތީވެސް.. ޖާވިދް ދާންވީނު. އެއީ ފިރެހެނުން ކުރާ ކަންކަމޭ! "
އަވަސް އަވަހަށް ޝަހާނާ އޮށޯތެވެ. އަދި ބާލީހުގައި ބައްދާލަމުން ދެލޯ މަރާލިއެވެ.
" ބޮލުގައި ރިއްސަނީއޭ؟ ކުރިން ނުވެސް ބުނަމެއްނު"
ޖާވިދް އެނދުން ތެދުވަމުން އެހެން ބުނުމާއިއެކު އަނެއްކާވެސް ޝަހާނާ އައީ ރުޅިއެވެ.
" އަހަންނަށް ޖާވިދް ފެނުނީމައެއްނު ބުނެވޭނީ! ޖާވިދް އަތުގައި ފޯނެއް އޮތަސް އަހަންނަށް ފޯނެއް ނުދެންޏާ އަހަރެން ކިހިނެއްތަ ގުޅާނީ؟"
ހިތްހަމަ ނުޖެހޭ ރާގެއްގައި ޝަހާނާ ބުނެލިއެވެ.
" އެ ފޯނު އެއީ މިގޭ އެންމެންގެ ފޯނެއް.. މަންމަ ކޮޓަރީގައި ބައްވާފައި އޮތަސް ޝަހާވެސް ބޭނުންވީމަ ގޮސް އަހަންނަށް ގުޅާލެވޭނެ!"
" ދެން ހަނދާންވާ ކޮންމެ ފަހަރަކު ގޮސް މަންމަ ކޮޓަރިއަށް ވަދެވޭނެތަ؟ "
ބްލޭންކެޓް އަޅައި މުޅި ގައި ފޮރުވާލަމުން ޝަހާނާ ބުންޏެވެ. އިރުކޮޅަކު ޝަހާނާއަށް ބަލަން ހުރެފައި ޖާވިދް ބޭރަށް ނިކުތީ މަންމައަށް އެހީވެދޭން ދިޔުމަށެވެ.
***
ޝަހާނާ އާއި ޔަޝްމީ ބޭރު ޖޯލީގައި ތިބީ ޖާވިދްގެ އިންތިޒާރުގައެވެ.
" މިގެއިންތަ އޭނަ ކަނީވެސް؟ "
ޔަޝްމީ އެހިއެވެ. އެއާއިއެކު ޝަހާނާ ބޯ ޖަހާލިއެވެ.
" އާނ! ކެއުމާ އެއްކޮށް ދުއިސައްތަ ފަންސާސް ރުފިޔާއޯ! އެހެރަ އަންނަނީތަ؟"
ޖާވިދާއި އެކު ދުރުން އަންނަ މީހަކު ދައްކާފައި ޝަހާނާ އެހެން ބުނުމުން ޔަޝްމީވެސް ބޯ ހިއްލާލުމަށްފަހު ބަލައިލިއެވެ.
" ނުރަ ޖަހާލައިފަ ދޯ! "
މަޖާ ރާގަކަށް ޔަޝްމީ އެހެން ބުނުމުން ޝަހާނާ އަނގަ އޮރިކޮށްލިއެވެ.
" ބޭބެ ގަނޑެއްދޯ! "
ހެމުން ހެމުން ޝަހާނާ ބުންޏެވެ. އޭރު ފާއިޒާވެސް ކާން ތައްޔާރުކޮށްފައި ގަސްދޮށަށް ނިކުމެއްޖެއެވެ.
" މަންމާ! ކާން ހެދިއްޖެތަ؟ "
ގޯތިތެރެއަށް ވަތްގޮތަށް ޖާވިދް އަހާލީ ފާއިޒާގާތުއެވެ. ހިނިތުންވުމާއިއެކު ފާއިޒާ ބޯ ޖަހާލަމުން ވާހަކަ ދައްކަން ފެށިއެވެ.
" އާނ! ކާން ހެދިފައި ހުރީ! ދެން ހަމަ ކޮންމެ އެއްޗަކަށް ބޭނުންވިޔަސް އަހަރެމެން ގާތު ބުނެލަންވާނެ! ކާން ހުންނަ އެއްޗެހި ހިތްހަމަ ނުޖެހެންޏާވެސް އެނގޭނީ ބުނީމަތާ! "
އޭރު އޭނާ ހުރީ ބީރައްޓެހި ގޮތަކަށް ހެވިފައެވެ.
" އަހަންނަށް ރަނގަޅުވާނެ ހަމަ ކޮންމެ އެއްޗެއްވެސް.. އެހާ ގޮތް ބޮޑެއް ނުވާނެ! "
" އެހެންތަ؟ އެހެންވީމަ ކާން އަންނަންވީނު! އާނ! ކޮންނަމެއްތަ ކިޔަނީ؟"
ފާއިޒާ އަނެއްކާވެސް އެހިއެވެ.
" ހާރޫން ކިޔަނީ! އިހަށް ކޮޓަރިއަށް ވަދެލަން ބޭނުން.. ދަބަސްވެސް ބަހައްޓާލަން ވާނެއެއްނު..."
ހާރޫން ވާހަކަ ދެއްކިއިރު ކޮންމެވެސް ވަރަކަށް ލަދުން ހުރިހެން ހީވެއެވެ. އޭނާ އެހެން ބުނުމާއިއެކު ޖާވިދް އޭނާއަށް ކޮޓަރިއަށް ދާނެ މިސްރާބު ދައްކައިދިނެވެ.
ހާރޫން ގުނަމުން އެދަނީ ސާޅީސްވަނަ އަހަރެވެ. އޭނާގެ ވަރުގަދަ އިސްތަށިގަނޑުން ބޮޑުބަޔަކާއި ތުނބުޅީގެ ބައެއްވެސްވަނީ ހުދުވެފައެވެ. އޭނާއަކީ ދިގު އިސްކޮޅެއްގެ ވެރިއެކެވެ. ހަމުގެ ކުލަ އައްޔެވެ. އޭނާގެ ފަތި ހަށިގަނޑުގެ ސަބަބުން އެ ޢުމުރުގައި އޭނާ ފެންނަނީ ވަރަށް ފިރެހެންވަންތަ ގޮތަކަށެވެ. އަޑުގައިވާ ބަރުކަމާއި އެއްވަރަށް މީހާވެސް ވަރުގަދަހެން ހީވެއެވެ.
" ނަމާދުކޮށްލައިގެން އެބަ އަންނަމޯ ބުނީ! ބައްޕަ ކައިފިދޯ މިހާރު.."
އެނބުރި އައިސް ޖާވިދް އަހާލިއެވެ. އެއާއިއެކު ފާއިޒާ ބޯ ޖަހާލިއެވެ.
" އާނ! މިހާރު ބައްޕަ ވެއްޖެ ދޯންޏަށް ގޮސް... ދަރިފުޅާ ޖާވިދް! އެއީ ކީއްކުރަން އައިސްގެން އުޅޭ ބައެއްތަ؟"
" އެއީ މިރަށުގައި މިސްކިތެއް އަޅަން ވެގެން ބިން ނަގަން އައިސް އުޅޭ ބައެއް.. ކޮންމެވެސް ޖަމާޢަތަކުން ހިލޭ ސާބަހަށް މިސްކިތެއް އަޅައިދެނީ! އަހަންނަށް ހީވަނީ މި ހާރޫންއަކީހެން ބޮޑުމީހާ! "
ޖާވިދް ޖޯލީގައި އީށީނުމާއިއެކު ޝަހާނާ ބުންޏެވެ.
" މާލޭ މީހެއްތަ؟ "
" ނޭނގެ ކޮން ރަށެއްގެ މީހެއް ކަމެއް! ވަރަށް ހިތްހެޔޮ މީހެއް.."
ޖާވިދް އެހެން ބުނުމާއިއެކު ހާރޫން ނިކުމެގެން އަންނަތަން ފެނުނެވެ. އެހެންކަމުން ފާއިޒާ އަވަސް އަވަހަށް ކާގެއަށް ވަދެ ގޮށި ނަގައި، ތަށިތައް ބަހައްޓާލިއެވެ. ޖާވިދާއިއެކު ހާރޫން ކާގެއަށް ވަދެ އިށީނދެލީވެސް ހިނިތުންވަމުންނެވެ. އޭރުވެސް ޝަހާނާއާއި ޔަޝްމީ ޖޯލިފަތީގައި ތިއްބެވެ.
***
" ހާރޫން އުޅެނީ މާލޭގައިތަ؟"
ފާއިޒާ އެހިއެވެ. ފާއިޒާގެ ސުވާލުން ހާރޫން ހީލިއެވެ. އަދި ފެންފޮދެއް ބޯލަމުން ބުންޏެވެ.
" އެތަންމިތަނުގައި މިއުޅެންޖެހެނީ! "
" އެހެންތަ؟ ވަޒީފާގެ ގޮތުން ތިހެން އުޅެން ޖެހުނީމަ އަނބިދަރިންނަށްވެސް ވަރަށް އުނދަގޫވާނެތާ! "
ފާއިޒާގެ ދެވަނަ ޖުމްލައިން ޖާވިދްއަށް މަޑުމަޑުން ބޯ ހޫރާލެވުނެވެ. މަންމަގެ ސުވާލުތައް ނުހުއްޓޭނެކަން ޖާވިދަށް އެނގެއެވެ.
" މިހެން އުޅެން ޖެހޭތީ ކަންނޭނގެ އަދި އެކަހަލަ ކަމަކާ ނުވިސްނަން!"
ހާރޫން ފަސޭހަ ކަމާއިއެކު ބުނެލިއެވެ. އޭނާގެ ވާހަކައިން އަދި ދިރިއުޅުމެއް ނުފަށާކަން ފާއިޒާއަށް އެނގުނެވެ.
( ނުނިމޭ )
ސިލްސިލާ ވާހަކަ: ޝިކާޔަތު (8)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!