ކުރީގެ ޢަދަދާއިގުޅޭ،

" ނެތްތަ ރަން އޮނގޮއްޓިއެއް؟ ޖާވިދަށްވެސް އެނގެއެއްނު އަހަރެންގެ މި ދޮން އިނގިލިތަކަށް ރިއްސެއް ނުގުޅޭނެކަން..."

Ad
rt

ޝަހާނާގެ ދެވަނަ ޖުމްލައިން ޖާވިދްގެ ހިތްމަރާލިއެވެ. ޝަހާނާދެކެ އޭނާ އިންތިހާ ދަރަޖައަށް ލޯބިވެއެވެ. ޝަހާނާ އޭނާގެ އަތުން ބީވެދާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ. ޝަހާނާއަކީ އޭނާގެ ފުރަތަމަ ލޯތްބަށްވެފައި އޭނާއަށްވުރެ ރީތި އިންސާނެއް ޖާވިދްގެ ލޮލަކަށް ފެނިފައެއްވެސް ނުވެއެވެ.

" އެކަމަކު އަހަންނަށް ރީތީ ރިއްސޭ! " ޝަހާނާގެ އިނގިލީގައި އަނގޮއްޓި އަޅުވާލަމުން ޖާވިދް ބުންޏެވެ.

" އަހަރެމެންގެ ލޯބީގެ ޙަޔާތް އަދިކިރިޔާ މި ފެށުނީ! ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް.. މިދިރިއުޅުން އަހަރެން ރަނުން ޖަރީކުރާތަން އަދި ކޮންމެވެސް ދުވަހަކުން ޝަހާއަށް ފެންނާނެ..."

ޖާވިދް ޝަހާނާގެ އަތުގައި ހިފާ އޭނާއާއި އިތުރަށް ގާތްކޮށްލިއެވެ. އެއާއިއެކު ޝަހާނާ ޖާވިދްގެ މޭމަތީގައި ބޯއަޅާލަމުން ވާހަކަ ދައްކަންފެށިއެވެ.

" ތިފަދަ ދުވަހެއް ދެކެން އަހަރެން ވަރަށް ބޭނުން.. "

ޝަހާނާއަށް އެހެން ބުނެވުމާއިއެކު ދޮރުގައި ބަޔަކު ތަޅައިގަތެވެ.

" އޭ! މާ އަވަހަށޭ ކޮޓަރިއަށް ތިވަނީ! ނިކުމޭ ނިކުމޭ! ކާން ނިކުމޭ" ބޭރުން އިވުނީ ޖާވިދްގެ އެންމެގާތް އެކުވެރިން ކަމުގައިވާ ޝިހާމްއާއި ފަލާހުގެ އަޑެވެ.

" ފަހަރެއްގަ ވެދާނެ އަހަރެމެންނަށް ލަނޑެއްދޭން އުޅެނީކަމަށްވެސް.. ދާނެކަމެއްނެތް" ދޮރާއި ދިމާލަށް ހިނގައިގަތް ޖާވިދްގެ އަތުގައި ހިފަމުން ޝަހާނާ ބުންޏެވެ.

" ރަށުގައި ހުރި އެންމެ ރީތި އަންހެންކުއްޖާ މިލްކްވީމަ ދެން ވަދެވޭނީ ކޮޓަރިއަށްތާދޯ! " ދެން އިވުނީ މުސްކުޅިފުރައިގެ އަންހެނެއްގެ އަޑެވެ. އެއާއިއެކު ޝަހާނާއަށް ހީގަނެވުނެވެ. ދޮރު ނުހުޅުވަނީސް ދުރަށް ނުދާނެކަމަށް ފަލާހް ގޮވާލުމުން ޖާވިދް ގޮސް ދޮރު ހުޅުވިއެވެ.

" ޞުލްޙައިގައި ބޭރަށް ނިކުންނާނީތަ؟ ނޫނީ ރައްޔިތުން ގެނެސްގެން ގެއިން ނެރެންވީތަ؟ " ޖާވިދްގެ ގައިގައި ހިފައިގަންނަމުން ފަލާހް ބުނެލިއެވެ.

" ނޫނޭ ނޫނޭ! އަހަރެމެން ސުލްޙައިގަ ނިކުމެދާނަން. އެކަމަކު މަގޭ އަންހެނުންނަށް އެއްވެސް ގޮތެއް ނަހަދައްޗޭ!" ޖާވިދް ޝަހާނާއަށް ބަލައިލަމުން ބުންޏެވެ. އެންމެން އެކުގައި ބޭރަށް ނިކުތްއިރު އުވަދޯންޏަކަށް ކުލައާއި ފުށް އަޅައި ތައްޔާރުކޮށްފައި ހުއްޓެވެ. ވަށައިގެން ތިބި އެންމެން ހެމުންދެއެވެ.

" ދެން.. ހާދަ ހަޑިވާނޭ! " ތުއިގޮތަކަށް ޝަހާނާ ބުނެލިއެވެ. އުވަދޯންޏަށް ފައިބަން ބޭނުން ނުވިނަމަވެސް އެދެމީހުންނަށްވެސް ޖެހުނީ އުވަދޯންޏަށް އެރޭށެވެ.

" އުފާވެރި ކައިވެންޏަކަށް މަރުޙަބާ! " އަތްޖަހަމުން އެންމެން ގޮވަމުން ދިޔައެވެ. އޭރު ޝަހާނާއާއި ޖާވިދް ތިބީ ކުލައިން ތެމި، ފޯވެފައެވެ.

****

ދުވަސްތައް މަޑުމަޑުން ފާއިތުވަމުންދެއެވެ. ކިޔަވާ ނިމިގެން ކުރާނެ އިތުރު މަސައްކަތެއް ނެތުމުން ޔަޝްމީވެސް ގޭގައި ހުންނަނީ ވަރަށް ފޫހިވެފައެވެ. އާދައިގެ މަތިން މިއަދުވެސް ޔަޝްމީ އޮތީ ބޭރު ޖޯލީގައި ވާހަކަ ފޮތެއް ކިޔާށެވެ. އެއް އަތުން ޖަނބުރޯލެއް ކަމުން، އަނެއް އަތުން ފޮތް ހިފައިގެން އޮތީ ނުލާހިކު ހަމަޖެހިލައިގެންނެވެ.

" ޔަޝްމީ! އަބަދު ވާހަކަ ކިޔަން ފޫއްސެއްވެސް ނުވޭތަ؟ ދައްތަ ވަރަށް ފޫހިވޭ ވާހަކަ ކިޔަން" ޝަހާނާ އައިސް އިށީނީ ޔަޝްމީއާއި ޖެހިގެން ހުރި ޖޯލީގައެވެ. ޝަހާނާ އައުމުން ފޮތް ލައްޕާލުމަށްފަހު ޔަޝްމީ ހީލިއެވެ.

" ފޫހިވާތީ ވާހަކަ ކިޔެނީވެސް... ދެން ވަކި ކުރާނެ އިތުރު ކަމެއް ނެތެއްނު! "

" ދޮންބެ އޮފީހުން އައީމަ ހިނގާ މޫދަށް ދާން! އޭރުން ފޫހި ފިލައިފާނެ! ދައްތަ މަންމަގޭ ގަހުން ފަޅޮލާ ކުންނާރު ބިނދެގެންދާނީ.." ޝަހާނާ އަވަސް އަވަހަށް ބުންޏެވެ.

" އަހަރެން އެހާ ކާހިތްވާއެއްޗެއްނޫން.. އެކަމަކު މޫދަށް ގޮސްދާނަން" ޔަޝްމީ އެހެން ބުނެ ނުނިމެނީސް، ޖާވިދް ވަދެގެން އަންނަތަން ފެނުނެވެ.

" މިއަދު ހާދަ އަވަހަކަށް ތިއައީ؟" ދާހިއްލާ ފޯވެފައި ހުރި ޖާވިދް ޖޯލީގައި އޮށޯވެލުމާއިއެކު ޝަހާނާ އަހާލިއެވެ.

" ވަރުބަލި ވެއްޖެ! " ފުން ނޭވާއެއް ދޫކޮށްލަމުން ޖާވިދް ބުނެލިއެވެ. އެއާއިއެކު ޝަހާނާ އަނެއްކާވެސް އެހިއެވެ.

" ވަރުބަލިވާން ކޮންކަމެއްތަ ކުރީ؟ ގަލަން ހިފައިގެން ފަންކާ ދަށުގައި ތިބޭ މީހުން ކޮން ވަރުބައްޔެއްތަ ވާނީ ދޯ ޔަޝްމީ؟ " ހިނިތުންވެލަމުން ޝަހާނާ ޔަޝްމީއަށް ބަލައިލިއެވެ.

" ޝަހާ ނިތްކުރިމަތީގައި ހާދަ ބޮޑު ބިއްސެއް ނަގާފަ؟" ޝަހާނާގެ މޫނަށް ބަލައިލަމުން ޖާވިދް ބުނެލީ ކަންބޮޑުވެފައެވެ. އެއާއިއެކު އަވަސް އަވަހަށް ޝަަހާނާ އެ ބިހީގައި އަތް ޖައްސާލިއެވެ.

" އަދިކިރިޔާތަ ތި ފެނުނީ؟ ނިދާ ހޭލި އިރުގައި އިން އެއްޗެއް.. ދޮސްއެރީމަ ފަޅާލާނީ! " ޝަހާނާ މަޑުމަޑުން ބުނެލިއެވެ.

" އޭރުން މޫނުގައި ލަކުނު ލާނެ! އަމިއްލައަށް ރަނގަޅުވަންދެން ބައިންދާ!" ޔަޝްމީވެސް ބަލައިލަމުން ބުންޏެވެ. އޭރުވެސް ޖާވިދް އިނީ ޝަހާނާގެ މޫނަށް ބަލާށެވެ.

" ދެން ދޭބަލަ ފެންތައްޓެއް ހިފައިގެން އަންނަން.." ޝަހާނާގެ ބުރަކަށީގައި ޖަހާލަމުން ޖާވިދް ބުންޏެވެ. އެއާއިއެކު ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ޔަޝްމީ ސިހިފައި ވާހަކަ ދައްކަން ފެށިއެވެ.

" އަސްތާ! މަންމަ ބުންޏޭ ތާންގީއަށް އަވި އަރަން ވާއިރަށް ފެންޖަގެއް ނަގައްޗޭ! އަހަރެން ހަނދާން ނެތުނީ..."

" މިވަގުތު ތާންގީން ނަގައިގެން ފެން ބުޔުމަށްވުރެ ރަނގަޅުވާނެ ކެއްކިފެން ބުޔަސް.." ޖާވިދް އެހެން ބުނުމުން ޔަޝްމީ ދެރަވިއެވެ. ދޮންބެ ހިތްހަމަ ނުޖެހުނުކަން އެނގުމުން އިތުރަށް އެއްވެސް އެއްޗެއް ބުނާކަށްވެސް އޭނާއަކަށް ނުކެރުނެވެ.

" އައިސްއަލަމާރިއެކޭ ދެން ގަންނަންވީ! އޭރުން ތިކަންތައް ޙައްލުވެދާނެ.." ޝަހާނާ އެހެން ބުނުމާއެކު ޔަޝްމީއަށް ދެލޯ ބޮޑުކޮށްލެވުނެވެ.

" ހާއް... ދައްތާ! އައިސްއަލަމާރިއެކޭ.. އެއީ ވަރަށް އަގުބޮޑު އެއްޗެއް.. ކޮންމެވެސް ގެއަކަށް ފިނިކުރާ އަލަމާރި ގެނެސްގެން ކަރަންޓްބިލްވެސް ވަރަށް ބޮޑުވިޔޭ މަންމަ ބުނި. " ޔަޝްމީގެ ފިކުރު ހުރިގޮތް އެނގުމުން ޝަހާނާ ގާތަށް އައީ އަމަށަކު ހިންޏެއް ނޫނެވެ.

" ޔަޝްމީއެކޭ މަގޭ މަންމައެކޭ އެއްގޮތް! ތިދެމީހުން އުޅެންވީ އެއްގެއެއްގައި! އެއްޗެއް ގަންނަން ބުނާއިރަށް މަންމަވެސް ފުރަތަމަ ދައްކާނީ އޭގެ އަގުގެ ވާހަކަ. ދެން އެ އެއްޗަކުން ލިބޭ ގެއްލުމުގެ ވާހަކަ.."

" ލިބޭ މިންވަރު މަދުވަންޏާ ދެއްކޭނީ އެކަހަލަ ވާހަކައެއްނު.. މިހާރު ބައެއް ގޭގެއަށް އައިސްއަލަމާރި ގެންނަމުންދަނީ! ބައެއް ފިހާރަ ތަކުގައި އޭސީވެސް އެބަ ހަރުކުރޭ! މަޑުމަޑުން އެބަ ތަރައްޤީވޭ..."

ޖާވިދްވެސް އެމީހުންގެ ވާހަކައިގައި ބައިވެރިވެލިއެވެ.

" ތަރައްޤީއަކީ ތިހެން ޖޯލީގައި އޮވެގެން ވާންއޮތް ކަމެއްވިއްޔާ މިގެވެސް ތަރައްޤީވެދާނެ! ސަރުކާރު އޮފީހެއްގައި ތި އުޅެނީ! ބައްޕަ މަހަށްގޮސް މަސް ވިއްކަނީ! މަންމަ ރިހާކުރު ކައްކައިގެން އެ ވިއްކާ! އައިސްއަލަމާރިގަނޑެއް ކީއްވެ ނުގަނެވެންވީ؟" ޝަހާނާގެ އަޑު ތަންކޮޅެއް ބާރުވުމުން ޖާވިދް ބޭނުންވީ މައުޟޫ ބަދަލުކޮށްލާށެވެ.

" ކޮޓަރީގައި ހުރި ޖަގުން ވިޔަސް ފެންތައްޓެއް ގެނެސްދީބަލަ! މިއައީ ރަށު އޮފީސް ވަށައިގެން ދިދަ ޖަހަން އުޅެފައޭ! "

ޝަހާނާ ތެދުވިއެވެ. އަދި އިތުރަށް އެއްޗެއް ނުބުނެ ދިޔަ ބާރުމިނުގައި ގޮސް ގެއަށް ވަނެވެ.

" ދޮންބޭ! ކަމެއް އޮންނަނީތަ މިއަދު؟" ޔަޝްމީ ސުވާލުކޮށްލިއެވެ. އެއާއިއެކު ޖާވިދް ދެފަރާތަށް ބޯހޫރާލިއެވެ.

" ނޫން.. މިއަދު ކަމެއް އޮތީކީ ނޫން. އަންނަ ހަފްތާގައި ސަރުކާރުގެ މަތީ ބައެއް ވަޑައިގަންނަވާތީވެ ދިދަ ޖަހަން ކަތީބު އަންގައިގެން މިއުޅެނީ! " ޖާވިދު ބުންޏެވެ.

" އެއްޗެހިވެސް ބަދަލުނުކޮށް ރަސްމީ ހެދުމުގައި؟" ޔަޝްމީ ހައިރާންވެފައި އެހިއެވެ.

" އެއޮށް ދުރުން ހިނގާފައި ކިހިނެއް އަންނާނީ؟ ދެން މިއަދަކީ ހަފްތާގެ އެންމެ ފަހު ދުވަސްވީމަ ހިތަށް އެރީ މިއެއްޗެއްސާއެކު އުޅޭނީއޭ.." ލައިގެން ހުރި ގަމީހަށް ބަލައިލަމުން ޖާވިދް ބުންޏެވެ.

" ދެން ގަންނަންވީ ސައިކަލެކޭ! އޭރުން ކިހާ ފަސޭހަވާނެ.." ގޭތެރެއިން ނިކުތް ޝަހާނާއަށް ޖާވިދް ދެއްކި ވާހަކަތައް ސާފުކޮށް އަޑު އިވުނެވެ. އެހެންކަމުން އޭނާ ބޭނުންވީ އެކަމުގެވެސް ޙައްލަކީ ކޮބައިކަން ބުނެދޭށެވެ. ޝަހާނާގެ ޖުމްލައިން މިފަހަރު ޖާވިދްގެ އިތުރުން ޔަޝްމީއަށްވެސް ބާރުބާރަށް ހީގަނެވުނެވެ.

" ޔަޝްމީ! ދައްތަ ނިކަން ހިތް މޮޅުވާނެ! އަޅާލާނެކަމެއްނެތް! " ޖާވިދް އެހެން ބުނި އިރުގައިވެސް ޔަޝްމީ ހެމުން ދިޔައެވެ. އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޝަހާނާ ޖޯލީގައި އިށީނެވެ.

****

ހުޅަނގުގެ ގަދަ ދުވަސްވަރު ފެށިއްޖެއެވެ. ހޯދާފައި ހުރި ދަރުކޮޅު ވިއްސާރައިގައި ތެމިދާނެތީ، ވަދީފާއާއި ތަޢުފީޤް އަވަދިނެތި އުޅެނީ ދަރުބަރި ހިޔާކުރުމުގައެވެ.

" ހާދަ ބުރަކޮށްލައިގެން..." ގޯތިތެރެއަށް ވަދެގެން އައި ޝަހާނާގެ އަޑަށް ވަދީފާ ބަލައިލިއެވެ.

" އަދި ބުރަކޮށް އުޅުން އޮތީ! ގަދަ ވައިގައި މަގޭ ހައްދާފައިހުރި ގަސްކޮޅު ވިއްސައިގެންދާނެޔޭ ބައްޕަ ގާތު މި ކިޔަނީ! ގަސްތައް ވަށައިގެން ގޯނިކޮށި ޖަހަންވީ! " ވަދީފާ އެހެން ބުނުމުން ޝަހާނާ ބަލައިލީ ތައުފީޤަށެވެ.

" އެއްކަމެއް ނިމޭއިރަށް އަނެއް ކަމެއް ދައްކަން ތައްޔާރަށް މަންމަ ހުންނަނީ! " ހިނިގަނޑެއް ޖަހާލުމަށްފަހު ތަޢުފީޤް ބުންޏެވެ. އެހިސާބުން ވަދީފާ ގާތަށް ސިނގު ރުޅި އަތުވެއްޖެއެވެ.

" އެގަސްތަކުން މިރުސް ވިއްކައިގެން ހޯދާ ލާރިވެސް މަ ދެނީ ތަޢުފީޤަށް! ދަރުން ކައްކައިގެން ވިއްކާ ހެދިކާގެ ލާރިވެސް މަ ދެނީ ތަޢުފީޤް އަތަށް.. ތިޔަ ދައްކާ ވާހަކައިން މީހަކު އަޅެ ރުޅިއެއްވާ ނާންނާނެތަ؟ " ޝަހާނާއަށް ބަލައިލަމުން ވަދީފާ ބުންޏެވެ. އެއާއިއެކު ޝަހާނާ ބޯޖަހާލީ ބައްޕައަށް ބުމަ ހިއްލާލަމުންނެވެ.

" އަސްލުވެސް މަންމަ ރުޅި މަޑޭ.. ދެން އުޅެބަލަ މި ބޯކިބާކޮޅު ކާލަން.. ނަސީބަކުން މިއަދުވެސް އެގޭ ދޯނި މަހެއްވެސް ނުބާނާ! " އަތުގައި ހުރި ބޯތަށި މަންމަ އަތަށް ދިއްކޮށްލަމުން ޝަހާނާ ބުނެލިއެވެ.

" ނަސީބެކޭ؟ ކީއްވެ ދަރިފުޅު ތިހެން ތިބުނީ؟" ހައިރާންވެފައި ތަޢުފީޤް ބުންޏެވެ. އެއާއިއެކު ޝަހާނާ ދަރުބަރީގައި ލެނގިލަމުން ހިނިއައިސްފައި ހުރެ ވާހަކަ ދެއްކިއެވެ.

" މަސް ބާނައިގެން އައިއްޔާ މަސްކައްކަން ޖެހޭނެއެއްނު! އަހަރެން އެގެއަށް ދިޔައިއްސުރެ އެދޯނި މަހެއް ނުބާނާ! "

" މަންޖެ ތި ދޫ ހިމޭނުން ބާއްވަބަލަ! އެދޯނި މަސް ނުބާނާތީ އަހަރެމެންވެސް މި ތިބެނީ ނުކައޭ! މިހާރު ހުޅަނގުގެ ގަދަ ވިއްސާރަ ފެށުނީދެން.. ތާކަށް މަހަށް ފަރަށް ފުރޭނީކީވެސް ނޫން.. މިރަށުގައި އެ ނޫނީ ދޯނި ގަނޑެއް އޮންނަނީކީ ނޫން.." ޝަހާނާ ގެނައި ބޯކިބާކޮޅުން އެއްބުރި ތައުފީޤަށް ދިއްކޮށްލަމުން ވަދީފާ ބުންޏެވެ. އޭރުވެސް ޝަހާނާ ހުރީ ކުރިމަތީގައި އޮތް މަގަށް ބަލަހައްޓައިގެންނެވެ.

" މިއަދުވެސް ވަރަށް ގަދަޔޯ ބަފައިބެ ބުނި.. ދެން މި ގަދައިގަ ނުދާނަމޯ ބުނީ! އޭ މަންމާ ދެން އަހަރެން ދަނީއޭ.. ޖާވިދްވެސް މިހާރު ކުޅެގެން ގެއަށް އަންނާނެ!"

ޝަހާނާ ހިނގައިގަންނަމުން ބުނެލިއެވެ.

****

ޝަހާނާ ގެއަށް ދިޔައިރު ކުޅެގެން އައިސް ޖާވިދް އިނީ ބޭރު ޖޯލީގައެވެ. ޖާވިދްގެ އިތުރުން ފާއިޒާއާއި ޝާކިރުވެސް ހުއްޓެވެ. އެމީހުން ތިބިގޮތުން ކޮންމެވެސް ކަމެއް ވެއްޖެކަން ޝަހާނާއަށް އެނގުނެވެ. އެހެންކަމުން ޖާވިދާއި ޖެހިގެން ހުރި ޖޯލީގައި އޭނާ އިށީނދެލިއެވެ.

" މާ ބޮޑު ކަމެއްވެގެން މިއުޅެނީ" ޝަހާނާ އިށީނުމާއިއެކު ޖާވިދް ބުނެލިއެވެ. އެއާއިއެކު ހައިރާންވެފައި އިނދެ ޝަހާނާ ޖާވިދަށް ބަލައިލިއެވެ.

" އެއްމަސް ދުވަހަށް އަހަރެން މާލެ ދާން ޖެހިއްޖެ! "

" އޭނ؟ މާލެއަށޭ؟ އެއީ ކީއްވެ؟ ކީއްކުރަން؟ " ޝަހާނާ ހީވީ ބިރެއް ފެނިގެން އުޅުނު ހެންނެވެ.

" ހަމަޖެހިބަލަ!" ޝަހާނާގެ ކޮނޑުގައި ޖަހާލަމުން ޖާވިދް އެހެން ބުނެލީ މަންމައަށް ބަލައިލަމުންނެވެ. އޭރު ފާއިޒާވެސް ހުރީ ހެވިފައެވެ.

" އަހަރެން ބުނީމެއްނު ސަރުކާރުގެ ވަފުދެއް ވަޑައިގަންނަވަނީއޭ! އެހެންވެގެން އެކޮޅުން ރަށުގެ ތަރައްޤީގެ ބައެއް ކަންތައްތައް ރާވާތީވެ، އޮފީހުގެ މީހަކުވެސް އެ ބައްދަލުވުންތަކަށް ހާޟިރުވާންޖެހޭ! ކަތީބަށް ފެނިލެއްވީ އަހަރެން ފޮނުވަން. ކުޅެން ދަނިކޮށް ޕިޔޯނު އައިސް ބުނީ އަވަސް ބައްދަލުވުމަކަށް އޮފީހަށްދާން.. އޭރު ޝަހާ ނެތީމަ ނުބުނެވުނީ..." ޖާވިދް ޝަހާނާއަށް އޮޅުން ފިލުވައިދިނެވެ.

" މާލޭގައި ކޮންތާކުތަ ހުންނާނީ ގޮސް! އަހަންނަށްވެސް ދެވޭނެތަ؟" ޚިޔާލެއް ފިކުރެއްނެތި ޝަހާނާ އެހިއެވެ.

" ދަތުރުގެ ހުރިހާ ޚަރަދެއް ކުރާނީ ސަރުކާރުން.. އެމީހުން ދައްކާ ތަނެއްގައި ހުރެވޭނީ..." ޖާވިދް ބުންޏެވެ.

" އަޅެ އަހަންނަށްވެސް ދެވޭނެހޭ؟ " ޝަހާނާ ކުޑަކުއްޖަކު ފަދައިން އެހިއެވެ.

" ނޫނޭ! އޮފީސް ދަތުރު ތަކުގައި އެއްވެސް މީހަކު އަނބިދަރިންނެއް ނުގެންދާނެ.. އެހެން ނޫނަސް އަހަރެން ގޮސް އަންނަން ޖެހޭނީވެސް އެހާ ގަދައިގަ ދޯ ބައްޕާ!" ޖާވިދް ޝާކިރަށް ބަލައިލަމުން ބުންޏެވެ. ޝާކިރު ވަގުތުން ބޯ ޖަހާލީ ޖާވިދާއި އެއްބައި ވުމުގެ ގޮތުންނެވެ.

" އާނ ނަކަތް ދައްކާގޮތުން ވަރަށް ގަދަވާނެ! "

" ދެން ކިހިނެއް ޖާވިދްގެ ޚަބަރެއް އެނގޭނީ؟" ކަންބޮޑުވެފައި ޝަހާނާ އެހިއެވެ. އެއާއިއެކު ޖާވިދް ލޯބިން ފުރިގެންވާ ގޮތަކަށް ޝަހާނާއަށް ބަލައިލިއެވެ.

" އަހަރެން ގުޅާނަން ފޯނު ބޫތަށް.. ބޫތުވެސް ދުރެއް ނޫނެއްނު! " ޖާވިދް ތެދުވަމުން ބުންޏެވެ. އޭރު މަޣްރިބް ނަމާދު ބަންގި ގޮވަން ވަރަށް ކައިރިވެއްޖެއެވެ. ޖާވިދްގެ ފަހަތުން ޝަހާނާވެސް ގެއަށް ވަންނަން ހިނގައިގަތެވެ.

" އަހަރެން ގެއްލިދާނެތީ ހާދަ ކަންބޮޑުވަނީ ؟ " ޓީޝާޓް ބޭލުމަށްފަހު، ޝަހާނާގެ އަތަށް އެއްލަމުން ޖާވިދް ބުންޏެވެ.

" އަހަރެން ބޭނުމެއްނޫން ޖާވިދް މާލެ ފޮނުވާކަށް... އެހެން މީހަކު ފޮނުވާށޭ ބުނޭ!" ޓީޝާޓް އެނދުމަތީގައި ބާއްވަމުން ޝަހާނާ އިށީނެވެ. އޭރު އޭނާގެ މޫނުމަތިންވެސް ފެންނަމުންދަނީ ނުތަނަވަސްކަމުގެ އަސަރުތަކެވެ.

" އެކަހަލަ ދަތުރުތައް ދޫކޮށްލާކަށް ބޭނުމެއްނޫން.. މުސާރަވެސް ބޮޑުވާނީ އެމީހުން އަންގާ ގޮތްގޮތަށް އުޅުނީމަ.. އަހަރެން މާލެ މިދަނީ މީހަކާ އިންނާކަށް ނޫނޭ! " ތުވާލި އަނދެލަމުން ޖާވިދް ބުންޏެވެ. އެއާއިއެކު ޝަހާނާ ތުން އޮރިކޮށްލިއެވެ.

" މާލޭ އަންހެން ކުދިން ވަރަށް ރީތިވާނެޔޭ ކިޔާތީ އަޑުއަހަން! އެމީހުން ރީތި ވާނެއެއްނު އަވިކޮޅެއްގައި ނުޖެހި ހަތަރުދަމު ގޭގައި އޭސީގެ ފިނީގައި އައިސްފެން ބޮއިބޮއިގެން ތިބޭނީ.. އެތެރެހަށިވެސް ބޭރުހަންގަނޑުވެސް ފިނިވީމަ ދެން ދޮންވާނެއެއްނު.. އަހަރެމެން މިއުޅެނީ އަބަދު އަވީގައި! އަވިން ތާފަނާ ވެފައި ހުންނަ ފެން ބޮއިގެން ހަށިގަނޑުން އާވި އަރާ! ދެން ކިޔަންވެއްޖެ މޫނުގައި ހާދަ ބިއްސެކޭ ތިޔަ ނަގަނީ؟"

ޝަހާނާގެ ވާހަކައިން ޖާވިދް ހުރީ ބަނޑަށް ހީލަ ހީލައެވެ.

( ނުނިމޭ )

ސިލްސިލާ ވާހަކަ: ޝިކާޔަތު (4)

ސިލްސިލާ ވާހަކަ: ޝިކާޔަތު (4)

(ނިމުނީ)