މިއަދު ކުރިއަށް ދިޔަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންސްތަކުގެ ތެރެއިން ހދ. ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން އިދިކޮޅު ޕްރެގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ކާމިޔާބު ކޮށްފިއެވެ.

ފިނޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި-އިލެކްޝަން ބޭއްވީ އެ ކޮމެޓީއަށް އަމިއްލަ ގޮތުން އިންތިޚާބުވި މެންބަރު ރަމްލާ އާދަމް އިސްތިއުފާ ދީފައިވާތީއެވެ.

Ad
rt

އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ޕީޕީއެމުން ކާމިޔާބުކުރީ ވެރިކަން ހިންގާ އިއްތިހާދުގެ މައި ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ވާދަ ކޮށެވެ.

މިއަދުގެ މި އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރީ ޒުހުދާ މުހައްމަދެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރީ މޫމިނާ އިބްރާޙީމެވެ.

މިއަދުގެ ވޯޓުގައި ފިނޭ ފޮށިން ޒުހުދާ ކުރި ހޯދީ 130 ވޯޓު ހޯދައިގެންނެވެ. އެ ފޮށިން މޫމިނާ އަށް ލިބުނީ 80 ވޯޓެވެ.

މާލެ ފޮށިން 53 ވޯޓުން މޫމިނާ ކުރި ހޯދިއިރު، މާލެ ފޮށިން ޒުހުދާ އަށް ލިބުނީ 17 އެވެ.

މި ނަތީޖާއިން ޒުހުދާ އަށް ޖުމްލަ 147 ވޯޓު ލިބުނު އިރު، މޫމިނާ އަށް ލިބުނީ ޖުމްލަ 133 ވޯޓެވެ.

މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އަދި ހާމައެއް ނުކުރެއެވެ.

ފިނޭ އަކީ ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ އެމްޑީޕީގެ މެންބަރު އަބުދުލްޣަފޫރު މޫސާ (ގަޕޯ)ގެ އުފަން ރަށެވެ.