ރާއްޖޭގެ ގުދުރަތީ ހިތްގައިމުކަމާއި ކަނޑުފަޅުގެ މުއްސަނދިކަމާއި ރީތިކަމަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ އަގުހުރި ނިއުމަތް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "އޯޝަން ޕްލެޖް" އިޤުރާރުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުންނެވެ.
ނައިބު ވަނީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާއި ނުރައްކާތަކާއި އެންމެ ބޮޑަށް ކުރިމަތިލާންޖެހޭ ފަރާތްތަކަކީ ރާއްޖެފަދަ ބިންތިރި ޖަޒީރާ ޤައުމުތައްކަން ފާހަގަކުރައްވާފައެވެ. އަދި ތިމާވެއްޓަށް ހުރި ގޮންޖެހުންތަކާއި، އެކަންކަމުން ސަލާމަތްވުމަށް މަސައްކަތް ކުރުމުގެ ވިސްނުން އެންމެ ބޮޑަށް ނެރެންޖެހޭ ބަޔަކީ ވެސް ރާއްޖެފަދަ ތިމާވެށީގެގޮތުން ނާޒުކު ޤައުމުތައްކަން ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންގެ ވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކާ މުހިއްމު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
މީގެ އިތުރުން ދުނިޔެ ތަރައްގީވަމުން މިދާ ސްޕީޑާއި ދިރިއުޅުމުގެ ކަންކަމަށް މި އަންނަ ބަދަލުތަކާއެކު ވެސް ތިމާވެއްޓަށް ދެވޭ އަހައްމިއްޔަތުކަމާއި އިސްކަމާއި ސަމާލުކަން އިތުރުކުރަންޖެހޭ ކަމަށާއި މިއީ މިހާރަށްވުރެ ސީރިއަސްކޮށް ކޮންމެ ފަރުދަކު ވެސް ވިސްނައި، ފަރުދީ ޒިންމާ އަދާކުރަންޖެހޭ ގައުމީ މައްސަލައެއް ކަމަށް ވެސް ވިދާޅުވިއެވެ.
ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ކަންތައްތަކެއްކަން ފާހަގަކުރައްވައި، ނައިބު ވަނީ ސަރުކާރުން މުހިއްމު ސިޔާސަތުތަކެއް ކަނޑައަޅުއްވާ މަސައްކަތްތަކެއް ކުރައްވަމުންދާކަން ވެސް ފާހަގަކުރައްވާފައެވެ.
ޚާއްސަކޮށް ޕްލާސްޓިކް މަދުކުރުމަށް މުހިއްމު ސިޔާސަތުތަކެއް އެކަށައަޅާ ތަންފީޒުކުރަމުންދާކަން ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!