ކަސްޓަމަރުން ސްކޭމް އިން ރައްކާތެރިކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' އެއް ތައާރަފްކޮށްފިއެވެ.
މި ކިލް ސްވިޗް ބޭނުންކޮށްގެން ވަގުތުން އެކްޓިވްކޮށް ހުންނަ އިންޓަނެޓް އަދި މޯބައިލް ބޭންކިން ސެޝަންތަކުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއް ހިނގުމުގެ ކުރިން ކާޑުތައް ފްރީޒްކޮށްލެވޭނެއެވެ. މި ފީޗާއަކީ އިންޓަނެޓް ބޭންކިންގެ ލޮގިން ޕޭޖުގައި ކަސްޓަމަރަށް އަމިއްލައަށް ބޭނުންކުރެވޭ ގޮތަށް ހިމަނާފައިވާ ފަންކްޝަނެކެވެ. އެހެންކަމުން މި ފަންގްޝަން ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެކްޓިވް ކުރުމުގެ ބަދަލުގައި ވަގުތުން އެކްޓިވާނެއެވެ.
ކިލް ސްވިޗް ބޭނުން ކުރުމަށްފަހު، ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި ކާޑުތައް އަލުން ރީއެކްޓިވޭޓް ކުރެވޭނީ ކަސްޓަމަރުން ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ނުވަތަ އެންމެ ކައިރި ބްރާންޗަކަށް ހާޒިރުވެގެން ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި މިކަން ކުރެވޭނީ ހިންގޭ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.
މިފާއިތުވި މަސްތަކުގައި ބޭންކުންވަނީ ކަސްޓަމަރުން ސްކޭމްއިން ރައްކާތެރިކުރުމަށް ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން މިދިޔަ މެއި މަހު ބޭންކުން ވަނީ އިންޓަނެޓް އަދި މޯބައިލް ބޭންކިން ލޮގިންއަށް ޓޫފެކްޓަ އޮތަންޓިކޭޝަން ތައާރަފްކޮށްފައެވެ. އަލަށް ގެނެވުނު މި އަޕްޑޭޓާއެކު، ލޮގިންވާ ފަރާތަކީ ރަޖިސްޓްރީވެފައިވާ ކަސްޓަމަރުކަން ޔަގީން ކުރުމަށްޓަކައި އިތުރު ސެކިއުރިޓީ ލެޔާއެއް އިތުރުކުރެވިގެންދިޔައެވެ.
މީގެ އިތުރުން މިދިޔަ މާރިޗު މަހު، އިންޓަނެޓް އަދި މޯބައިލް ބޭންކިން އަށް ލޮގިން ކުރަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެލާޓް އަންނަގޮތް ހަމަޖައްސައި، ހުރިހާ ސްކޭން-ޓު-ޕޭ ޕޭމަންޓްތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ވެސް ވަނީ އިތުރުކޮށްފައެވެ.
މިދިޔަ އަހަރު، ބޭންކުންވަނީ އޮތަންޓިކޭޓަ އެޕްތައް މެދުވެރިކޮށް އޯޓީޕީ ލިބޭނެ ގޮތް ހަމަޖައްސައި، ޑިފޯލްޓް އޯޓީޕީ ޗެނެލެއްގެގޮތުގައި ކުރިން ގާއިމްކޮށްފައިވާ އީމެއިލް ހުއްޓާލާ އިންޓަނެޓް އަދި މޯބައިލް ބޭންކިން މުއާމަލާތްތަކަށް ޕުޝް ނޯޓިފިކޭޝަން ފޮނުވަން ވެސް ފަށައިފައެވެ.
ބީއެމްއެލުން އިން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 87 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 143 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!