ޕެންޝަން ސްކީމްގެ ދަށުން މީހުން ހައްޖަށް ގެންދިއުމުގެ އެއްބަސްވުން ހެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަރުކާރުން ހުއްދަ ދީފައިވާ އަމިއްލަ ކުންފުނިތަކަށް އެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.

Ad
rt

އެގޮތުން މި މެއި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު، އެއްބަސްވުން ހަދަން ބޭނުންވާ ފަރާތަތްތަކުން ސިޓީއަކުން ނުވަތަ މެއިލް މެދުވެރިކޮށް އެންގުމަށް ޕެންޝަން އޮފީހުން ވަނީ އެދިފައެވެ.

ޕެންޝަން ފައިސާއިން ހައްޖުގެ އަޅުކަން އަދާކުރެވެނީ ޕެންޝަން ފަންޑުގައި މަދުވެގެން 336،000 ރުފިޔާ ހުރެގެންނެވެ. ގަވާއިދުގައިވާ ގޮތުން ހައްޖުގެ އަޅުކަން އަދާކުރުމަށް ޕެންޝަން ފަންޑުން ދޫކުރާނީ ހައްޖަށް ގެންދިއުމުގެ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން އެ އަހަރަކަށް ކަނޑައަޅައިފައިވާ އަދަދުގެ 50 ޕަސެންޓަށް ވުރެ އިތުރުނުވާ އަދަދެކެވެ.

މި އަހަރު ހައްޖަށް މީހުން ގެންދަން އިސްލާމިކް މިނިސްޓްރީން ވަނީ ތިން ގުރޫޕަކަށް ހުއްދަ ދީފައެވެ. އަދި ކޮންމެ ގުރޫޕަކަށް ވެސް ދީފައި ވަނީ 90 ޖާގައިގެ ކޯޓާ އެވެ.

މި ގްރޫޕުތަކުގެ ތެރެއިން ސިސިލްފަރުން 75،465 ރުފިޔާ ހުށަހަޅާފައިވާއިރު، ހަރަމައިން އިން ހައްޖަށް މީހުން ގެންދަން ހުށަހަޅާފައިވަނީ 75،250 ރުފިޔާ އެވެ. އަދި އަލްމަނާސިކުން ހުށަހަޅާފައި ވަނީ 75،000 ރުފިޔާ އެވެ.

ބާކީ ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދީފައިވާއިރު، ރާއްޖެއަށް ލިބުނު 1000 ކޯޓާ އިތުރު ކުރެވޭތޯ އިސްލާމިކް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުންނެވެ.

ފަރުޟު ހައްޖުވުމަށް މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާއި ބެހޭ ގަވާއިދުގެ ދަށުން ހައްޖަށް މީހުން ގެންދިއުމުގެ ހިދުމަތް ފޯރުކޮށްދެވޭނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކާއި ޕެންޝަން އޮފީހާ އެކު އެއްބަސްވުން ހަދާ ކުންފުނިތައް މެދުވެރިކޮށް އެކަންޏެވެ.