ރާއްޖޭގައި "ރުކުގެ އާ ޖީލެއް" ބިނާކުރުމަށް ހިންގާ ޤައުމީ ޕްރޮގްރާމް ވައިކަރަދޫގައި މިއަދު ފަށައިފިއެވެ.

ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ސަރުކާރުން ހިންގާ 'ރުއް އާލާކުރުމުގެ ޤައުމީ ޕްރޮގްރާމް' ގެ ތެރެއިން ހދ. ވައިކަރަދޫގައި މިއަދު ވަނީ ރުއް އިންދާފައި ކަމަށެވެ.

Ad
rt

މި ހަރަކާތް ފައްޓަވައިދެއްވީ ދަނޑުވެރިކަމާއި ބެހޭ ވަޒީރުު ޑރ. ހުސައިން ރަޝީދު ހަސަން ކަމަށް ވެސް އެ ވުޒާރާއިން ބުނެއެވެ.

މި ހަރަކާތް ހިންގުމަށް މޯލްޑިވްސް ގްރީން ފަންޑުގެ މާލީއެހީގައި 3 އަހަރު ނުވަތަ 4 އަހަރުތެރޭ ފޯދޭ، ކުރު ރުކުގެ (ޑްވާފް ކޮކޮނަޓް ގެ) ފެއްސާއި އޮރެންޖު ކުލައިގެ މަތިވަރު ލިބޭ 5000 ރުއް ހޯދައިގެން ވަނީ ރާއްޖެ ގެނެސްފައެވެ.

މި ރުއް ތައް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ބަހައްޓައިގެން ކަރަންޓީނުކޮށް ބަލިނެތްކަން ކަށަވަރުކޮށްފައިވާ ކަމަށް ވެސް އެ ވުޒާރާ އިން ބުނެއެވެ.

ދަނޑުވެރިކަމާއިި ބެހޭ ވުޒާރާގެ ޓީމަކުން ތިލަދުންމައްޗަށް ކުރަމުންދާ ދަތުރުގައި ނޭކުރެންދޫ، އުތީމު އަދި ހޯރަފުށީގައި ވެސް ރުއް އިންދުމަށް ވަނީ ހަމަޖެހިފައެވެ.

ރުއް ހޯދުމަށް ބޭނުންވާ އެހެން ކައުންސިލްތަކުން ވެސް، ރަށުގެ ލޭންޑް ޔޫޒް ޕްލޭނުގައި ރުއް އެޅުމަށް ލިބެންއޮތް ބިމުގެ ބޮޑުމިނާއި ސަރަހައްދު އެނގޭގޮތަށް އެގްރިކަލްޗަރ މިނިސްޓްރީއަށް ހުށައެޅުމުން، ރުއްލިބެންހުރި ނިސްބަތަކުން، އެރަށްރަށަށް ވެސް ރުއް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.