މޫސުން ގޯސްވުމުގެ ސަބަބުން މުދަލާއި ގެދޮރަަށް ލިބިދާނެ ގެއްލުމަކަށް ދުރާލާ ތައްޔާރުވުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެ އިދާރާ އިން މިހެން އިލްތިމާސް ކުރީ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ދެވޭ ރައްކާތެރިކަމުގެ އިރުޝާދުގައެވެ.
އެ އިރުޝާދުގައި ބުނެފައިވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ހުކުރު އަދި ހޮނިހިރު ދުވަހު، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް އާންމު ވައި ބާރުވެ، ކަނޑުތައް ގަދަވުމާއި އެކު ބައެއް ރަށްރަށަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެހެންވެ، ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކޮށް، އެކަމށް ކުރެވިދާނެ ބައެެއް ކަންކަން ވެސް ވަނީ އެ އިދާރާ އިން ބުނެދީފައެވެ.
އެގޮތުން ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމާއި ގެއަށް ފެން ނުވަންނާނެހެން ގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެއްސުންފަދަ ކަންކަން ކުރުމަށްް ވަނީ އެދިފައެވެ. އަދި ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެ މުދާ ފެން ނުޖެހޭ ފަދަ އުސްތަނަކަށް ބަދަލުކުރުމަށާއި އުސްތަނަކަށް ބަދަލުނުކުރެވޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ތަނަކަށް ބަދަލުކުރުމަށް ވެސް އެދިފައި ވެއެވެ.
މީގެ އިތުރުން ގަދަ ވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލާފާނެކަމަށް ލަފާ ކުރެވޭނަމަ، ކުރިޔާލާ، ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު ހައްޔަރު ކުރުމަށާއި ވައިގެ ސަބަބުން އެއްލާލާފާނެ ތަކެތި ބަނދެ ރައްކާތެރިކުރުމަށް ވެސް އެދިފައި ވެއެވެ. އަދި ބޭނުންނުކުރާނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަށް ވެސް ވަނީ އެދިފައެވެ.
އެންޑީއެމްއޭ އިން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދުތުރުކުރުމަށް ސަމާލުވުމަށާއި ދަތުރަށް ނުކުންނައިރު، ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމައަށް ޔަގީން ކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!