ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަނޑުގެ ސަރަހައްދު ބަހަން މޮރިޝަސް އަށް ވެސް ރާއްޖެއަށް ވެސް ވަކާލާތެއް ނުކުރެވޭކަމަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު ޢީސާ ވިދާޅުވެއްޖެއެވެ.

ޢީސަ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 34 ވަނަ ޖަލްސާއަށް ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި "ސަރުކާރުން ހެދި ޑީލް" ހާމަ ކުރުމަށާއި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

Ad
rt

މި މައްސަލައަށް ކުރެއްވި ބަހުސްގައި ޢީސަ ވިދާޅުވީ، ޗާގޮސް އާއި ގުޅުވައިގެން އެ ތަނަކީ ތާރީޚީގޮތުން ހަސަން ރަސްގެފާނު ދުވަސްވަރުން ފެށިގެން ރާއްޖޭގެ ތަނެއްކަމަށް ބައެއް މެންބަރުން ވިދާޅުވަމުން އަންނަކަމަށެވެ. އެ ހިސާބުން މިޒަމާނަށް ވާސިލްވި އިރު ރާއްޖޭގައި އެތައް ސަރުކާރެއް އުފެދިގެން ގޮސްފައިވާ ކަމަށާއި ނަމަވެސް މޮރިޝަސް އިން ޗާގޯސް ހޯދަން ދައުވާކުރިގޮތައް މިހާތަނަށް ރާއްޖޭގައި އުފެދުނު އެއްވެސް ސަރުކާރަކުން ބައިނަލްއަގްވާމީ ކޯޓެއްގައި އެތަން ހޯދަން ދަޢުވާކޮށް މަސައްކަތްކޮށްފައިނުވާކަމަށް ޢީސަ ވިދާޅުވިއެވެ.

ޢީސަ ވިދާޅުވީ މިހާރު ވެސް ޗާގޮސް އިނގިރޭސިންގެ ދަށުގައި އޮތްއިރު، ފެށުނީއްސުރެ އެތަނުގެ މައްޗަށް ސިޔާދަތީ ބާރުހިނގާ ގައުމަކީ މޮރިޝަސްކަމަށް ހެދުމަށް އެ ޤައުމުން ވަކާލާތުކުރަމުން އަންނަކަމަށެވެ. މޮރިޝަސްއިން ބައިނަލްއަގްވާމީ ކޯޓަށް ވަދެ، އެ މައްސަލަ ހުށަހަޅައި މައްސަކަތް ކުރަމުން ދިޔަނަމަވެސް ރާއްޖެއިން މިހާތަނަށް އެކަންކޮށްފައިނުވާކަމަށް ޢީސަ ވިދާޅުވިއެވެ.

''އަޅުގަނޑުމެން މިހާރު މިތަނުގައި ދައްކަންމިޖެހޭ ވާހަކައަކީ އައިސީޖޭން އެ ނިންމި ނިންމުމާއިގުޅިގެން މޮރިޝަސްއަށް ޗާގޯސް ކަނޑުގެ ސަރަހައްދާއި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ދޭތެރެ ބެހުމުގެ މައްސަލަ، މީގެކުރިން އިނގިރޭސީންނާއެއްކޮށް ވެސް އެކަން ކުރަންއުޅެފަ އެބަހުރި'' ޢީސަ ވިދާޅުވެފަވެއެވެ.

މިހާތަނަށް އެއީ އިނގިރޭސިންގެ ތަނެއްކަމަށް ބައިނަލްއަގްވާމީ އެއްވެސް ފަރާތަކުން ކަނޑައަޅާފައި ނުވާކަމަށާއި، ނަމަވެސް އެއީ މޮރިޝަސްގެ ތަނެއްކަމަށް މިހާރު އައިސީޖޭން ކަނޑައަޅާފައިވާކަމަށް ޢީސަ ވިދާޅުވިއެވެ، އެހެންކަމުން މިއަދު ދިވެހިސަރުކާރަށް މަސައްކަތްކުރެވެން އޮތީ މޮރިޝަސްއާއެކު ކަނޑުގެ ސަރަހައްދު ބެހުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

''ކަނޑުގެ ސަރަހައްދު ބެހުމުގައި ޢަމަލުކުރަންވީ ގޮތް ބައިނަލްއަޤްވާމީ މުއާހަދާތަކުގައި ކަނޑައެޅިފައި އެބަހުރި، އެއީ ދިވެހިރާއްޖެވެސް ބައިވެރިވެފައިވާ މުއާޙަދާތައް، އެހެންވީމާ އެ މުއާހަދާތަކާ ޚިލާފަށް މިއަދު ކަނޑުގެ ސަރަހައްދު ބަހާކަށް މޮރިޝަސް އަކަށް ވެސް ވަކާލާތެއް ނުކުރެވޭނެ، ރާއްޖެއަކަށް ވެސް ވަކާލާތެއް ނުކުރެވޭނެ،'' ޢީސަ ވިދާޅުވެފަވެއެވެ.

މިއޮއް ހުރިހާ ދުވަހު އެކަންނުވެ އޮތީ ޗާގޮސްގެ ސިޔާދަތީ ބާރުތަކާގުޅޭގޮތުން އެއީ ކޮންފަރާތެއްގެ ތަނެއްކަން ކަނޑަނޭޅިގެން ކަމަށާއި، މިއަދު އެއީ މޮރިޝަންގެ ބާރު ހިނގާތަނެއްކަމުގައި އައިސީޖޭން ކަނޑައަޅާފައިވާއިރު، ފެށުނީއްސުރެ މޮރިޝަސްއިން އައީ އެކަމަށް ވަކާލާތު ކުރަމުންކަމަށް އީސަ ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގައި ކުރިން އުފެދުނު ސަރުކާރުތަކުން އެކަމާއުޅެފައި ނެތްކަމަށް ވެސް ވިދާޅުވިއެވެ. އެކަން ނުކޮށް މިއޮއްހުރިހާ ދުވަހު ތިބެފައި، އައިސީޖޭން އިން މޮރިޝަސް އަށް ޗާގޮސްގެ ސިޔާދަތީ ބާރު ދިނުމުން، އެކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ސިޓީއަކުން ބަދަލެއް ނުކުރެވޭނެކަމަށް އީސަ ވަނީ ވިދާޅުވެފައެވެ.