ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސްޓޭންޑް ވަގުތުއޮއްވައި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙީމް ވަނީ ހާމަކުރައްވާފައިކަމަށް އެ ޕާޓީގެ ނައިބު ލީޑަރު ޢަލީ ޝާހް ވިދާޅުވެއްޖެއެވެ.

މި މައްސަލައާއިގުޅިގެން ޖޭޕީގެ ލީޑަރު، މާމިނގިލީދާއިރާގެ މެންބަރު ގާސިމް މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ވާހަކަ ދައްކަވާފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވަމުން ސާހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލާގައި ޖޭޕީގެ ސްޓޭންޑް، ލީޑަރު ގާސިމް ވަނީ ވަގުތު އޮއްވައި ސާފުކޮށްދެއްވާފަކަމަށެވެ. އަދި އެ ސްޓޭންޑަކީ ''ގައުމުގެ އެންމެ ކޮޑި އިންޗިއެއް ވެސް ބޭރު ބަޔަކަށް ދޫކޮށްލައިގެން ނުވާނެ'' މި ސްޓޭންޑް ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

''މަޖިލިސް މެޖޯރިޓީ އޮވެމެ، ޤައުމަށްޓަކައި ކުރާ މަސައްކަތް ސިއްރުކުރަންވީ ކީއްވެތޯ؟'' ސާހް ވިދާޅުވެފައެވެ.

މި މައްސަލައާއިގުޅިގެން މިދިޔަ އަހަރުގެ އޮކްޓޯބަރު ގާސިމް ވިދާޅުވެފައި ވަނީ، ރާއްޖޭގެ ބިމުގެ އިތުރަށް ޖައްވާ ކަނޑުންވެސް އެންމެ ކޮޑި އިންޗިއެއް ވެސް ގެއްލެން ނޫނީ ބަޔަކަށްދޭން ގައުމީ ލޭ ހުރި އެއްވެސް ދިވެއްސަކު ނޭދޭނެ ކަމަށެވެ. އަދި ދިވެހިރާއްޖެއާ ޗާގޮސްގެ ފުށުއަރާ ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި، އޮތް ހަމައެކަނި ޙައްލަކީ ''އިކުއިޑިސްޓޭންސް''ގެ އުސޫލް ކަމަށް ދެކި، ބަޔަކު ހަމަ އެދޭ އިރަށް ފަސޭހަކަމާއެކު އެގޮތަކަށް ދީލައިލުމަކީ ރާއްޖެއަށް އެންމެ މަސްލަޙަތު ހުރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ވެސް ވިދާޅުވެފަވެއެވެ.

ގާސިމް އިތުރަށް ވިދާޅުވެފައި ވަނީ އިން ވަކި ކުރަން ހުށަހެޅިފައިވަނީ އަންޒަމާނުއްސުރެ އާބާދީގެ ބޮޑު ބައެއް ކަނޑުގެ ރޯއްޖަށް ބަރޯސާވާ މީހުން ދިރިއުޅޭ ދިވެހިރާއްޖެއާ މިދިޔަ ބައި ގަރުނުވެސް އަސްކަރީ ބަނދަރެއްގެ ގޮތުގައި އަދި މުސްތަގުބަލްގައި ވެސް އެފަދަ ގޮތަކަށް އޮތުމުގެ ފުރުސަތު ބޮޑު (އިތުރު 99 އަހަރަށް އެމެރިކާގެ އަސްކަރީ ބަނދަރަކަށް ކުއްޔަށް ދޭން ހުށަހަޅަފައިވާ) ތަނަކާ ދެމެދު އޮތް ސަރަޙައްދެއްގެ ކަމަށް ވާތީ ކަމަށެވެ. އަދި އދ.ގެ ކަނޑުގެ ގާނޫނީ ހަމައިން 200 ނޯޓިކަލް މޭލު ރާއްޖެއަށް ކްލެއިމް ކުރެވޭނެ ކަމަށާއި ދިވެހިން އެދެނީ ދިވެހި ސަރުކާރުން، ރާއްޖޭގެ އަންނަން އޮތް ޖީލްތަކުގެ މަސްލަޙަތުގެ ޙިމާޔަތުގައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް ވެސް އިހުލާސްތެރިކަމާއެކު ކުރާތަން ފެނުން ކަމަށް ވެސް ގާސިމް ވިދާޅުވެފަވެއެވެ.

ޗާގޮސް ޑީކޮލޮނައިޒޭޝަންގެ މައްސަލައާ ގުޅިގެން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރުނު އެޑްވައިޒަރީ އޮޕީނިއަންގައި ބުނެފައި ވަނީ ޗާގޮސްއަކީ މޮރިޝަސްގެ ތަނެެއްކަމާއި، އިނގިރޭސިވިލާތުން އެތަން މޮރިޝަސްއާ ހަވާލުކުރަންޖެހޭ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ ސަރަހައްދީ މައްސަލައެއް ދިމާވެދާނެތީ ރާއްޖެއިން ވޯޓު ދިނީ އެކަމާ ދެކޮޅަށެވެ. ނަމަވެސް މިދިޔަ އަހަރު ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށް، މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދޭން ނިންމިއެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބައެއް ދޫކޮށްލަން ސަރުކާރުން އެއްބަސްވީ ކަމަށް ބުނެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ނަމަވެސް މި މައްސަލާގައި ސަރުކާރުން ވިދާޅުވެފައި ވަނީ ރާއްޖޭގެ ސަރަހައްދުން ބަޔެއް ނުގެއްލޭނެ ކަމަށެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ ހިސާބުގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އަންނަ ހުކުރު ދުވަހު ނިންމާއެވެ.