ފަންނީ ދާއިރާތަކަށް މީހުން ތަމްރީނުކުރުމުގެ އެއްބަސްވުމެއްގައި މާލޭ ވޯޓާރ އެންޑް ސްވެރޭޖް ކޮމްޕެނީ، (އެމް.ޑަބްލިޔު.އެސް.ސީ) އާއެކު މޯލްޑިވްސް ޕޮލިޓެކްނިކުން ސޮއިކޮށްފިއެވެ.

މިއަދު ފެން ބިލްޑިންގައި ބޭއްވުނު ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢާދަމް ޢާޒިމެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ، އެތަނުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ، ސީ.އީ.އޯ އަޙުމަދު ނާޞިރެވެ.

Ad
rt

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޢާދަމް އާޒިމް ވިދާޅުވީ، އިންޖިނިއަރިންގ އާއި މެކޭނިކަލް އަދި ޓެކްނިކަލް މަސައްކަތްތައް ކުރުމަކީ ރަނގަޅު އާމްދަނީއެއް ލިބޭނެ އަދި ރަނގަޅު މުސްތަގުބަލެއްވެސް އޮތް ދާއިރާއެއް ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގައި މިފަދަ މަސައްކަތްތަކަށް ބޭނުންވާ މީހުން ހޯދުމަކީ އުދަނގުކަމެއް ކަމަށާއި ދިވެހި ޒުވާނުން ތެރޭގައި މިފަދަ މަސައްކަތްތަކަށް ޝައުގުވެރިކަން ކުޑަކަމަށް ވެސް އާޒިމް ފާހަގަ ކުރިއެވެ.

ޕޮލިޓެކްނިކްގެ މަސައްކަތްތައް ފާހަގަކުރަމުން އާޒިމް ވިދާޅުވިީ، ދުނިޔޭގެ ފެންވަރުގައި ޕޮލިޓެކްނިކަކީ ފާހަގަ ކޮށްލެވޭ ތަނެއްގެ ގޮތުގައި ހެދިގެންދާނީ ވަޒީފާދޭ ބޮޑެތި ކުންފުނިތަކުންވެސް މިކަމުގައި ބައިވެރިވެގެން ކަމަށެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީން މިކަމަށް ދެވެންއޮތް އެހީތެރިކަމެއް ދޭނެކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީ.އީ.އޯ އަހްމަދު ނާޞިރު ވިދާޅުވީ، ރާއްޖޭގެ އެކި ސިނާޢަތްތައް ކުރިއަރަމުންދިޔަނަމަވެސް، އެންމެ އެކަށީގެންވާ މިންވަރަށް އަދިވެސް ފަންނީ މަސައްކަތްތެރިން ނުއުފެއްދޭކަމަށެވެ. އެހެންކަމުން އެކިއެކި ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ޕޮލިޓެކްނިކާއެކު އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް، ސިނާޢީ މަސައްކަތްތަކަށް މީހުން ބިނާކުރުމުގެ އިތުރުން ވަޒީފާއާއި އިންޓާންޝިޕްގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުންދާކަމަށް ނާޞިރު ވިދާޅުވިއެވެ.

ފަންނީ ދާއިރާތަކަށް މީހުން ތަމްރީނު ކުރުމަށް ޕޮލިޓެކްނިކުން އެމް.ޑަބްލިޔު.އެސް.ސީ އާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަނުގައި ކިޔަވާ ދަރިވަރުންނަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ފަހިކޮށްދިނުމުގެ އިތުރުން އެތަނުން ދަސްވެނިވާ ދަރިވަރުންނަށް ޓެކްނިކަލް ދާއިރާތަކުން ކުރިއަށްދިއުމަށް ބޭނުންވާ އެހީތެރިކަން އެކުންފުނީގެ ފަރާތުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.