ސިއްހީ ދާއިރާއިން ދުނިޔެ ހޯދި ކޮންމެ ކާމިޔާބީއެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއިން ވެސް ހޯދާފައިވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ސިއްޙަތު ދުވަހުގެ މުނާސަބާގައި ހެލްތު މިނިސްޓަރ ދެއްވި ޚިތާބުގައި މިނިސްޓަރު ވިދާޅުވީ އެ ކާމިޔާބީތައް ހޯދުމަށް އދ.ގެ ކަމާއިގުޅޭ ހުރިހާ އެޖެންސީތަކާއެކު މަސައްކަތްކުރެވުނު ކަމަށެވެ.

Ad
rt

މިނިސްޓަރ ވިދާޅުވީ މެލޭރިއާއާއި ހިމަބިއްސާއި ޕޯލިއޯ އަދި ރުބެއްލާފަދަ ބަލިތަކަށް ވެކްސިން ކަވަރޭޖް ދީފައިވާ ކަމަށާއި ބައެއް ނުރައްކާތެރި ބަލިތައް ރާއްޖޭގައި ފެތުރުން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ. އެހންނަމަވެސް، ހައްލު ހޯދަންޖެހޭ ކަންކަން އަދިވެސް އެބަހުރިކަމަށް ވިދާޅުވިއެވެ.

އެގޮތުން ނުރައްކާތެރި ބަލިތަކެއްކަމަށްވާ ޓީބީ، ލެޕްރަސީ އަދި ރުބެއްލާ ރާއްޖެއިން ނައްތާލަން އަމާޒުތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ އަމާޒަކީ މި އަހަރު، ރުބެއްލާ ރާއްޖެއިން ފޮހެލުން ކަމަށެވެ. އަދި 2025ގެ ނިޔަލަށް ރާއްޖެއިން ޓީބީ ނައްތާލުން ކަމަށެވެ.

މީގެ އިތުރުން ފިޔަވަހިތަކަކަށް ބަހާލައިގެން ފަހަރަކު ސަރަހައްދަކަށް އަމާޒުކޮށްގެން، ލެޕްރަސީ ވެސް މުޅިން ފޮހެލުމަކީ އަމާޒެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.