ރައްޔިތުންނަށް ފައިދާހުރި އިޖްތިމާޢީ ޕްރޮގްރާމްތަކާއި ތަފާތު ޕްރޮޖެކްޓްތައް ހިންގުމަށް ހއ. އަތޮޅު ކައުންސިލުން އެ އަތޮޅުގެ ރަށްތަކަށް މި އަހަރު ވެސް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމަށް ޕްރޮޕޯސަލް ފޯމް ހުށަހެޅުމުގެ ފުރުޞަތު ވަނީ އެ އަތޮޅުގެ ރަށްރަށުގެ ކައުންސިލު ތަކަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށާއި ސަރުކާރު މުއައްސަސާތަކުގެ އިތުރުން ރަޖިސްޓަރީ ކޮށްގެން ހިންގާ ކުލަބް ޖަމިއްޔާތަކަށް ހުޅުވާލާފައެވެ.

Ad
rt

މި ޕްރޮގްރާމްގެ ދަށުން އަތޮޅު ކައުންސިލުން ވަނީ ފާއިތުވި އަހަރު ވެސް އެ އަތޮޅުގެ ހަތް ރަށަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ހަތް ރަށަކީ ތުރާކުނު، އިހަވަންދޫ، މާރަންދޫ، ދިއްދޫ، ބާރަށް، އުތީމުގެ އިތުރުން ވަށަފަރެވެ. މި ރަށްތަކަށް މި އަހަރު މި ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިނުވާއިރު، މި އަހަރު ފުރުޞަތު ދިނުމަށް ނިންމާފައި ވަނީ ބާކީ އޮތް ހަތް ރަށަށެވެ. އެ ރަށްތަކަކީ އުލިގަން، މޮޅަދޫ، ހޯރަފުށި، ކެލާ، ފިއްލަދޫ، ތަކަންދޫގެ އިތުރުން މުރައިދޫއެވެ.

އެ އަތޮޅު ކައުންސިލުން ވަނީ ހުށަހަޅާ އެންމެ ރަނގަޅު ހަތް ޕްރޮޕޯސަލަށް މި އަހަރު ވެސް ފައިސާ ދޫކުރުމަށް ނިންމާފައެވެ. މިގޮތުން މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ރަށަކަށް 100000 (އެއްލައްކަ) ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

އެއްރަށަކުން ގިނަ ޕްރޮޕޯސަލްތަކެއް ހުށަހަޅައިފިނަމަ ފައިސާ ދޫކުރުމުގައި ބެލުމަށް ހަމަޖެހިފައި ވަނީ އެރަށެއްގެ ޕްރޮޕޯސަލްތަކުގެ ތެރެއިން އިވެލުއޭޝަން މަރުޙަލާއިން އެންމެ ގިނަ ޕޮއިންޓު ލިބޭ ޕްރޮޕޯސަލަށެވެ.

ރައްޔިތުންނަށް ފައިދާހުރި އިޖުތިމާޢީ ޕްރޮގްރާމްތަކާއި ތަފާތު ޕްރޮޖެކްޓްތައް ހިންގަން ބޭނުންވާ ފަރާތްތަކުން އޭޕްރިލް 9 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޕްރޮޕޯސަލް ފޯމް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ އެދިލައްވާފައެވެ.

ޕްރޮޕޯސަލް ފޯމް އެ އިދާރާއިންނާއި، އެ އިދާރާގެ ވެބްސައިޓުން ލިބިލައްވާނެއެވެ.