ބަރަކާތްތެރި ރަމަޟާން މަސް ފެށެން ގާތްވެފައިވާއިރު، އެ މާތް މަސްވަރަށް އެޗްޑީސީން އަންނަނީ ގިނަ ތަރައްޔާރީތަކެއް ވަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނެފައިވާ ގޮތުގައި ރޯދައަށް ތައްޔާރުވުމުގެ ގޮތުން ދީނީ ގޮތުން ވާންޖެހޭ ތައްޔާރީތަކާއި، އިޖްތިމާއީ އެކި ކަންކަމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިހާރު ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނައިރު، އެ ސަރަހައްދުގެ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށްޓަކާއި، އެ ސަރަހައްދުން އެސްޓީއޯ ފިހާރައެއް ހުޅުވުމަށް އެޗްޑީސީން ހިލޭ ވިނަރެސް ޔުނިޓެއް އެ ކުންފުންޏަށް ދީފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

Ad
rt

އެ ޔުނިޓުގައި އެސްޓީއޯގެ އައު ފިހާރައެއް ވެސް މިހާރު ވަނީ ހުޅުވާފައެވެ.

މީގެ އިތުރަށް ދެވަނަ ފިޔަވައްސަށް ހާއްސަކޮށް ވަގުތީ މާރުކޭޓެއް ހުޅުވުމުގެ ތައްޔާރީތައް ވެސް އެޗްޑީސީން އަންނަނީ ވަމުންނެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މިސްކިތުގެ ޖާގަ އިތުރުކުރުމާއި، ބޭނުންވާ އެހެނިހެން މަރާމާތްތަކުގެ މަސައްކަތް ވެސް އެ ކުންފުނިން އަންނަނީ ކުރަމުންނެވެ.

މި މަސައްކަތުގައި އެޗްޑީސީގެ ގިނަ މުވައްޒަފުންތަކެއް ރެއާ ދުވާލު ކެނޑިނޭޅި މަސައްކަތްކުރަމުން އަންނަކަން އެ ކުންފުނިން ފާހަގަކުރިއެވެ. އަދި ރަމަޟާން މަސް ފެށެންވާއިރަށް މިސްކިތުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށްލެވޭނެ ކަމަަށް ވެސް އެ ކުންފުނިން ބުންޏެވެ.

ރަމަޟާން މަހަށް ވާ ތައްޔާރީއެއްގެ ގޮތުން މުޅި ހުޅުމާލެ ސާފުކުރުމުގެ މަސައްކަތަށް ވެސް އެޗްޑީސީ އޮތީ ތައްޔާރުވެފައެވެޡ އެގޮތުން ހުކުރު ދުވަހު އެ ކުންފުންޏާއި ހުޅުމާލޭގެ ރައްޔިތުން ގުޅިގެން ދެވަނަ ފިޔަވަހީގައި ހާއްސަ އާއިލީ ހަވީރެއް ވެސް ބާއްވާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އެޗްޑީސީން ބުނީ ރަމަޟާން މަސް ތެރޭގައި ވެސް އެކި ކަހަލަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެ ކުންފިނިން ތައްޔާރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދީނީ ހަރަކާތްތަކާއި، އެކި ކުޅިވަރު ހަރަކާތްތައް ވެސް ހިމެނެއެވެ.

އެގޮތުން ބާއްވާ ކުޅިވަރު ހަރަކާތްތަކުގެ ތެރޭގައި ވާދެމުމާއި، ބާސްކެޓް ބޯޅަ މުބާރާތާއި، ވޮލީ ބޯޅަ އަދި ބައިބަލާ މުބާރާތްވެސް އެޗްޑީސީއާއި ގުޅިގެން ހުޅުމާލޭގައި ކުރިއަށްގެންދެވޭނެއެވެ. މީގެ އިތުރަށް ރަމަޟާންމަހުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ.