ހއ. އަތޮޅުގައި ގާނޫނުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ ހއ. އަތޮޅުގެ ހޯރަފުށި، އިހަވަންދޫ، އުލިގަމު، ތުރާކުނު އަދި މަނަފަރު ރިސޯޓުގައެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 އިން 28 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމްތަކާގުޅޭގޮތުން ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި މިއީ، ސްކޫލްތަކުގެ ދަރިވަރުންނާއި ބެލެނިވެރިން އަދި މުއައްސަސާތަކުގެ މުވައްޒަފުން ކުށުން ރައްކާތެރިކުރުވުމާއި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމަށް ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެކެވެ.
މި ޕްރޮގްރާމްތަކުގެ ތެރެއިން ސްކޫލްތަކުގެ ބެލެނިވެރިންނާއި މުއައްސަސާތަކުގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް އަހުލުވެރިކުރުވުމަށާއި، ބެލެނިވެރިކަމުގެ ހުނަރުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ.
ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގައި ކުޑަކުދިންގެ އަދުލުގެ ގާނޫނަށް ދަރިވަރުން އަހުލުވެރިކުރުވުމާއި ކުދިންގެ ހައްގުތަކާއި ޒިންމާތަކަށް އަހުލުވެރިކުރުމަށް މައުލޫމާތުދީފައިވެއެވެ.
މި ޕްރޮގްރާމްތަކުގައި، ހޯރަފުށި ސްކޫލް، އިހަވަންދޫ ސްކޫލް، އުލިގަމު ސްކޫލް އަދި ތުރާކުނު ސްކޫލްގެ ގްރޭޑް 7 އިން މަތީގެ ދަރިވަރުންނަށާއި ބެލެނިވެރިން އަދި އިހަވަންދުއާއި ހޯރަފުށީގެ މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން މަނަފަރު ރިސޯޓުގެ ދިވެހި މުވައްޒަފުންނަށް މައުލޫމާތުދީފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!