ނ. ކެނދިކުޅުދޫ އިން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމަށް އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

ސިޔާސީ ޕާޓީތަކަށް ބިންދޫކުރުމަށް ހުޅުވާލައި، ކެނދިކުޅުދޫ ކައުންސިލުން ކޮށްފައިވާ ޢިއުލާންގައި ވިދާޅުވެފައި ވަނީ އެ ފުރުސަތު ހުޅުވާލީ އެެރަށުގައި ދެމެހެއްޓެނިވި ގޮތެއްގައި ސިޔާސީ ޙަރަކާތްތައް ހިންގާ ކުރިއެރުވުމަށްޓަކައި ކަމަށެވެ.

Ad
rt

އެރަށުން ބިމަށް އެދި ކުރިމަތިލެވޭނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން އިލެކްޝަން ކޮމިޝަން (އީސީ)ގައި ރަޖިސްޓަރީކޮށްފައިވާ ޕާޓީތަކަށް ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.

ކެނދިކުޅުދޫން ސިޔާސީ ޕާޓީތަކަށް ދޫކުރުމަށް ނިންމާފައިވަނީ ދެ ބިމެވެ. މި ބިންތަކަށް ކުރިމަތިލުމަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. ބީލަން ހުޅުވުން އޮންނާނީ 12 ވަނަ ދުވަހުއެވެ.

ކެނދިކުޅުދޫ ކައުންސިލުން ޢާންމު ކުރައްވާފައިވާ އެރަށުން ސިޔާސީ ޕާޓީތަކަށް ބިން ދޫކުރުމުގައި ޢަމަލުކުރާ އުސޫލުގައިވާ ގޮތުން އެރަށުން ދޫކުރަން ނިންމާފައި ވަނީ 3000 އަކަފޫޓުގެ ބިންތަކެކެވެ. މި އުސޫލުގެ ދަށުން ޕާޓީއަކަށް ދޫކުރާނީ އެއް ބިމެވެ.

އެ އުސޫލުގައި ބުނެފައިވާ ގޮތުން ބިންތައް ދޫކުރުމުގައި ޕޮއިންޓް ދިނުމުގައި އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި ބިން ހޯދަން ހުށަހަޅާ ޕާޓީތަކުގެ ތެރޭން އެ ޕާޓީއެއްގައި އެރަށަށް ނިސްބަތްވާ މެންބަރުން ތިބި ނިސްބަތާއި، އެ ޕާޓީއެއްގައި 10 ހާސް މެންބަރުންނަށްވުރެ އިތުރަށް ރަޖިސްޓަރީވެފައިވާ ޢަދަދާއި އަދި އެ ޕާޓީއެއް ވުޖޫދުވެ މިހާތަނަށް ހޭދަވެފައިވާ މުއްދަތު ހިމެނެއެވެ.

މި ބިންތަކުން ކުލީގެ ގޮތުގައި އަކަފޫޓަކަށް 0.15 ލާރި ނެގުމަށް ނިންމާފައިވާއިރު، ބިންތައް ދޫކުރާނީ ގިނަވެގެން 35 އަހަރުގެ މުއްދަތަކަށެވެ.