ލޮބުވެތި ދަރިވަރުން، ތިޔަ ދަރިވަރުންނަކީ މުޅި ދުނިޔޭގަވެސް ތިބި އެންމެ ނަސީބު ގަދަ ކުދިން ކަމުގައި ވާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ތަޢުލީމު އުނގެނުމުގެ ޝަޢުގުވެރިކަން އިންތިހާއަށް ހިތުގައި އަށަގެންފައި ވީ ނަމަވެސް، އެ ތަޢުލީމުން މަޙުރޫމް ވެފައިވާ އެތައް ކުދިންނެއް ވެއެވެ.

ފޮތް ފަންސުރު ހިފައިގެން ހަލާކުވެ ވީރާނާ ވެފައިވާ އިމާރާތްތަކުގެ ތެރޭގައި، ބިންމައްޗަކީ ގޮނޑިކަމުގައި ދެކިގެން އަދި ފާރަކީ ބޯޑުކަމުގައި ބަލައިގަނެގެން ކިޔަވަން އުޅޭ ކުދިން ދުނިޔޭގެ އެކި ހިސާބުތަކުގައި ވަރަށް ބައިވަރު އުޅެއެވެ. އެހެނަސް، އެކުދިންނަށް ލިބޭ ތަޢުލީމަކީ ވަރަށް ލިމިޓެޑް އެއްޗެކެވެ. ތިޔަ ކުދިންނާ އަޅާ ބަލާއިރު ޙާސް ތަފާތެވެ.

Ad
rt

ތިޔަކުދިންނަށް ތަޢުލީމު އުނގަންނައިދިނުމަކީ ތިޔަކުދިން ނިސްބަތްވާ ޤައުމު ކަމުގައިވާ، ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކަށް ލާޒިމުކަމެކެވެ. ސީދާ ޤާނޫނުން ބާރު ލިބިގެން ތިޔަ ކުދިންނަށް ދަނީ ތަޢުލީމު އުންގަންނައިދެމުންނެވެ. ތިޔަކުދިންގެ ތަޢުލީމަށްޓަކައި އެތައް ފައިސާއެއް ކޮންމެ އަހަރަކު ދަޢުލަތުގެ ބައިތުލްމާލުން ޚަރަދު ކުރެއެވެ. އަދި ތިޔަކުދިންގެ ލޮބުވެތި މުދައްރިސުން، ސެޝަން ގަޑިއާއި އެނޫންވެސް ގަޑިތަކުގައި ތިޔަ ކުރިންނަށްޓަކައި ހުސްވެތިބެ، ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ތިޔަކުދިންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެއެވެ.

އެހެން ކަމަށް ވާނަމަ، ތަޢުލީމަކީ މިއަދު ތިޔަ ކުދިންނަށް "ތަބަކަކަށް ލާފައި ދިއްކޮށްލެވޭ އެއްޗެކޭ ބުނެވިދާނެއެވެ." މި ތަޢުލީމު އުނގެނުމުގެ މަރުޙަލާގައި ފަރުވާ ކުޑަ ކުރާ ބަޔަކަށް ތިޔަކުދިން ވެނުލައްވާ! މި ހުރިހާކަމަކުންވެސް އެނގި ހާމަވެގެން ދަނީ ﷲ ތަޢާލާ ތިޔަ ކުދިންނަށް ތަޢުލީމުގެ މަތިވެރި ނިޢުމަތް ވާޞިލްކޮށްދެއްވުމަށްޓަކައި ވަރަށް ބައިވަރު ކަންތައްތަކެއް ފަހި ކޮށްދެއްވާފައި ވާކަން ނޫން ހެއްޔެވެ؟ ﷲ އަޢާލާ ތިޔަކުދިންނަށްޓަކައި ފަހިކޮށްދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތެއްކަމުގައި މި ކަންތައް ވެއެވެ. ނިޢުމަތެއް ލިބިއްޖެ ނަމަ އެ ނިޢުމަތަކަށް ޝުކުރުވެރިވާން ޖެހޭނެކަން ތިޔަކުދިން ދަންނަންވާނެއެވެ. ތަޢުލީމުގެ ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުން ދަރިވަރަކަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކަށް ވާނީ، ފަރުވާތެރިކަމާއެކު ތަޢުލީމު އުނގެނެން މަސައްކަތްކުރުމެވެ.

ލޮބުވެތި ދަރިވަރުންނޭ، ތިޔަ ކުދިންނަށް ޓަކައި ތިޔަކުދިންގެ މައިންބަފައިން ވެފައިވާ އަދި މިހާރުވެސް ވަމުން ދާ ޤުރުބާނީއަކީ މިހެން ދައްކާލާ ވާހަކައަކުން ތަޞައްވަރު ކޮށްލެވޭނޭ ކަންތައްތަކެއް ނޫނެވެ. ވިހެއީއްސުރެ ތިޔަ ކުދިންނަށްޓަކައި އެމަންމައާއި ބައްޕަ އުފުލަމުން ދާ ބުރަތަކަކީ، ދުލަކުން ޤަލަމަކުން ބަޔާން ކުރެވޭފަދަ ވާހަކަތަކެއް ނޫނެވެ. ތިޔަކުދިން އެންމެ ތުއްތު އިރު މަންމައާއި ބައްޕަ ގަޔަށް ހޮޑުލަމުއެވެ. ވަރަށް ގިނަފަހަރަށް ތަންމައްޗަށް ކުޑަކަމު ދެވެއެވެ. ކާން ދޭ ވަގުތު މުޅި ހިސާބުގަނޑު ހަޑި ކުރެވޭތަން އާދެއެވެ. މުޅި ދުވަހު މަސައްކަތުގައާއި ދަރިފުޅުގެ ޚިދުމަތުގައި ހޭދަކުރުމަށްފަހު ވަރަށް ގިނަފަހަރަށް ދަރިފުޅުގެ ރުއިމުގެ އަޑާއެކު ރޭގަނޑުގެ ނިދިންވެސް އެ މަންމައާއި ބައްޕަ މަހުރޫމުވެއެވެ. އަދި ދަރިފުޅު ބައްޔެއް ވެއްޖެނަމަ، އެ މަންމައާއި ބައްޕަގެ ލޮލަށް ނިންޖެއް ނާދެއެވެ. ދަރިފުޅު ހޮސްޕިޓަލުގައި އެނދުމަތި ކުރެވިއްޖެނަމަ ހުރިހާ ކަމެއް ހުއްޓާލާފައި އެ މަންމައާއި ބައްޕަ، ދަރިފުޅުގެ ގާތުގައި ތިބެއެވެ.

ދަރިން ބޮޑުވަމުން ދާ ވަރަކަށް ރަނގަޅު ތަޢުލީމަކާއި ތަރުބިއްޔަތެއް ދަރިންނަށް ހޯދައި ދިނުމަށްޓަކައި އެތައް ފައިސާއެއް ޚަރަދުކޮށްގެން ނަމަވެސް ދަރިން މަދަރުސާތަކަށާއި މިނޫންވެސް އެކިއެކި ކުލާސްތަކަށް ފޮނުވާހަދައެވެ. އެ މަންމަ މެންނަށް ނުލިބުނު ތަޢުލީމު ތިޔަކުދިންނަށް ލިބުމަށް އެމަންމަމެން އެދޭތީއެވެ. އެބައްޕަމެންނަށް ނުކުރެވުނު އެތައް ތަރުބަވީ ތަޖުރިބާ ތަކެއް ތިޔަ ކުދިންނަށް ލިބުމަށް އެދޭތީއެވެ. އެ މަންމައާއި ބައްޕައަށް ލިބުމުން މަޙުރޫމުވި އެތައް ޢިލްމީ އަޑުތަކަކާއި މަންޒަރުތަކެއް ތިޔަކުދިންނަށް ލިބުމަށް އެދޭތީއެވެ.

އަދި އޭގެތެރެއިން ވެސް އެތައް މައިންބަފައިންނަކީ ރަށުން ރަނގަޅު ތަޢުލީމެއް ލިބެން ނެތުމުގެ ސަބަބުން، އަމިއްލަ ގެއާއި ގޯތީގެ އިތުރުން އާއިލާއާއި ރަޙުމަތްތެރިން ދޫކޮށް ދަރިން ގޮވައިގެން މި މާލެއަށް ހިޖުރަ ކޮށްފައިވާ ބައެކެވެ. ހަމައެކަނި ތިޔަކުދިންނަށް ރަނގަޅު ތަޢުލީމެއް ލިބުމަށް އެދޭތީއެވެ. މަންމައާއި ބައްޕަ ބުރަކޮށް އެކިއެކި ވަޒީފާތަކަށް ގޮސް، އާމްދަނީ ހޯދަނީ ހަމަ ތިޔަކުދިންގެ ތަޢުލީމު ކުރިއެރުވުމަށް އެނޫން ގޮތެއް ނެތީމައެވެ. އެންމެ ފުރިހަމަ ތަޢުލީމަކާއި ތަރުބިއްޔަތެއް ތިޔަކުދިންނަށް ލިބުމަށް އެދޭތީއެވެ.

ލޮބުވެތި ދަރިވަރުން! ވިސްނާ ފިކުރުކޮށްލަބައްލަވާ! މި ކިޔައިދެވުނީ އެ މަންމައާއި ބައްޕަ ދަރިންނަށްޓަކައި ވާ ޤުރުބާނީގެ ވަރަށް މަދުމިންވަރެކެވެ. ތިޔަ ދަރިވަރުންގެ ތަޢުލީމަށްޓަކައި ވަރަށް ފޮނި އުންމީދު ތަކަކާއެކު އުފުލާ ބުރަތަކެއްގެ ވާހަކައެވެ. އެ މަންމައާއި ބައްޕަ ދެރަކުރާ ބަޔަކަށް ވާން ތިޔަ ކުރިން ރުހޭނުތޯ؟ އެ މަންމައާއި ބައްޕަގެ ލޮލުން ކަރުނަ އޮހޮރާލާ ބަޔަކަށް ވުމަށް ތިޔަ ދަރިވަރުން އެދޭނަންތޯ؟ އެ މަންމައާއި ބައްޕަގެ ޤުރުބާނީ އަކީ އެއްވެސް އެއްޗަކަށް ނަހަދައި، އެ މަންމައާއި ބައްޕަގެ ފޮނި އުންމީދު ތަކާއި ހުވަފެންތައް ވެއްޔާ މޮޑެލާ ބަޔަކަށް ވުމަށް ތިޔަ ކުރިން ރުހޭނަންތޯ؟

އެ މަންމައާއި ބައްޕަ ތިޔަ ކުދިންނަށް ޓަކައި ކުރައްވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށްޓަކައި، ތިޔަކުދިން މި މަދަރުސީ މަރުޙަލާގައި ބުރަ މަސައްކަތްތަކެއް ކުރަން އެބަ ޖެހެއެވެ. މި މަދަރުސީ މަރުޙަލާގައި ތިޔަކުދިންނަށް ދެވޭ ތަޢުލީމު އެންމެ ފުރިހަމައަށް ހޯދައިގަންނަ ކުދިބަޔަކަށް ވުމަށް މަސައްކަތް ކުރަން އެބަ ޖެހެއެވެ. މާދަމާ އެ މަންމައާއި ބައްޕަ އަދި މުޅި އިސްލާމީ އުންމަތްވެސް ފަޚުރުވެރިވާ ފަދަ ޚިދުމަތްތެރި ބަޔަކަށް ވުމަށްޓަކައި ތިޔަކުދިންނަކީ މިއަދު މުދައްރިސުންގެ ބަސް އަހައިގެން ކުލާހުގައި ބުރަކޮށް ކިޔަވަން މަސައްކަތްކުރާ ބަޔަކަށް ވުމަށްޓަކައި މިއަދު އަޒުމް ކަނޑައަޅަމާ ހިނގާށެވެ.

ތިޔަ ދަރިވަރަކީ މިއަދާހަމައަށްވެސް ތަޢުލީމު އުނގެނުމުގައި ފަރުވާ ކުޑަކޮށްފައިވާ ކުއްޖެއްކަމުގައި ވާނަމަ މިއަދު މުޅިން އާ ޞަފުޙާއަކުން ފަށަމާ ހިނގާށެވެ. ދުޢާ އަކީ ތިޔަ އެންމެހާ ލޮބުވެތި ދަރިވަރުންނަކީވެސް ﷲ ތަޢާލާގެ ތަނަވަސް ރަޙުމަތުން ޢިލްމުވެރި، ޙިިލްމުވެރި އަދި މުޖުތަމަޢަށާއި މުޅި އިސްލާމީ އުންމަތަށް ވެސް ފައިދާ ކުރަނިވި ބައެއްކަމުގައި ވެގެން ދިއުމެވެ.