އެމްޑަބްލިޔުއެސްސީގެ ލެބޯޓަރީން ލެބް އިކުއިޕްމެންޓް ކެލިބްރޭޝަންގެ ހިދުމަތް ފަށައިފިއެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި ހިދުމަތް ތައާރަފްކޮށްދެއްވީ، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ. މި ރަސްމިއްޔާތުގައި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

Ad
rt

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ، ލެބޯޓަރީ އިކުއިޕްމަންޓް ކެލިބަރޭޓިންގެ ހިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޔުޓިލިޓީ ހިދުމަތްތައް ދެމުން އަންނަ ކުންފުނިތަކުން، ފޯރުކޮށްދޭ ފެނާއި ނަރުދަމާ ހިދުމަތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މުހިންމު ހިދުމަތެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ލެބް އިކުއިޕްމެންޓްތަކުގައި ކޮންމެހެން ހުރުން ލާޒިމުކުރާ މިންގަނޑުތަކާއި އެއްގޮތަށް އިކުއިޕްމެނަޓްތައް ދަމަހައްޓައި، އިކުއިޕްމަންޓްތައް މެދުވެރިކޮށް ހަދާ ޓެސްޓްތަކުން ލިބޭ ނަތީޖާއާއި މެދުގައި އޮންނަ ޔަގީންކަން މި ހިދުމަތުގެ ސަބަބުން އިތުރުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި ރާއްޖޭގައި މުޅިން އަލަށް ފަށާ މި ހިދުމަތް އެ ކުންފުނިން ފޯރުކޮށްދޭނީ ތަމްރީނު ލިބިފައިވާ ސައްތައިން ސައްތަ ދިވެހި މުވައްޒަފުންނާ އެކުގައެވެ. އަދި ލެބް އިކުއިޕްމެންޓް ކެލިބްރޭޝަން ހިދުމަތް ފޯރުކޮށްދޭ އިކުއިޕްމެންޓްތަކާއި އަދި ޕެރެމީޓާސްތަކުގެ ތެރެއިން ކަސްޓަމަރު ބޭނުންވާ ގޮތަށް ޕެކޭޖް ތައްޔާރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޑަބްލިއުއެސްސީއަށް އިކުއިޕްމެންޓް ގެނައުމުން ނުވަތަ ކަސްޓަމަރު އެދުމުން އިކުއިޕްމެންޓް ހުރި ތަނަށް ކުންފުނީގެ މުވައްޒަފުން ގޮސްގެންވެސް އެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ލެބް އިކުއިޕްމަންޓް ކެލިބަރޭޝަން ހިދުމަތަށް އެމްޑަބްލިއުއެސްސީގެ ޝޯރޫމަށް ޒިޔާރަތްކޮށްގެން ނުވަތަ ޝޯ ރޫމްގެ ހޮޓަލްއިން 7960022 އަށް ގުޅައިގެން އެދެވޭނެއެވެ.