ރާއްޖޭގައި މިދުވަސްވަރު ލޮލު ރޯގާ، ފެތުރޭ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކުރައްވައިފި އެވެ.
އެޗްޕީއޭ އިން ވަނީ އެ ބަލީގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.
ތަފާތު ވައްތަރުގެ ވައިރަސް އަދި ބެކްޓީރިއާ އިން ޖެހޭ މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ލޯ ހިރުވުން ހިމެނެ އެވެ. އަދި ލޮލޮން ފެން އައުމާއި ލޯ ރަތްވެ، އަދި ލޮލުގައި މަޑުލުމަކީ ވެސް މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އެހެންކަމުން، މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ނުވަތަ ބައްޔަށް ޝައްކުކުރެވޭނަމަ ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް ވެސް އެ އިދާރާ އިން އިލްތިމާސް ކުރައްވަ އެވެ.
މި ރޯގާ އިން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި ގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއިޮ އާންމުކޮށް އަތްލާ ތަކެއްޗާއި ތަންތަން ސާފުކުރުން ހިމެނެ އެވެ. އަދި ލޮލުގައި އަތްލުމާއި އުނގުޅުމުން ދުރުހެލިވުމާއި ބޭނުންކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ.
ލޮލު ރޯގާއަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށްވާތީ، މި ބަލީގެ މީހުން ލޮލަށް އެޅުމަށް ބޭނުންކުރާ ބޭސް ބަލި ނުޖެހޭ މީހުން ބޭނުންނުކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!