ގިޔާމަތް ދުވަހަށް ބިރުވެތިވެ، އެ ދުވަހަށް ތައްޔަރުވުމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ.
ހުތުބާގައި ބުނީ އެދުވަހަކީ އެއްވެސް މީހަކު، އަނެކަކަށް އެހީތެރިވެދޭނެ ހާލެއްގައި ތިބޭނެ ދުވަހެއް ނޫން ކަމަށާއި ކޮންމެ މީހަކަށް ވެސް ފައިދާ ކުރާނީ އެމީހަކު މިދުނިޔޭގައި ކޮށްފައިވާ ހެޔޮއަމަލަކުން ކަމަށެވެ.
"އަޅުތަކުން ރުޖޫއަވާހުށީ ﷲގެ ހަޟުރަތަށެވެ." މި މައުޟޫއަށް ކުރިއަށް ގެންދިޔަ ހުތުބާގައި ބުނީ ގިޔާމަތް ދުވަހު މަހުޝަރު ކުރެއްވުމަކީ ދެވަނަ ތާޅަފިލި ފުމެލެއްވުމުން ޚަލްގުތަކުން އަލުން ދިރުއްވައި، ފުރާނަ އަޅުއްވައި، މަހްޝަރު ބިމަށް ޖަމާކުރެއްވުން ކަމަށެވެ. އަދި އަރަހުށި މާތްﷲ ކީރިތި ޤުރްއާނުގައި މިކަން ބަޔާން ކޮށްދެއްވާފައިވާ ކަމަށެވެ.
"އަރަހުށި ހުސްތާހިރުވަންތަ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެ މަގެއް ވަނީ ބަޔާން ކޮށްދެއްވާފަ އެވެ. އެއީ ހެޔޮކަމުގެ މަގާއި ނުބައި ކަމުގެ މަގެވެ. ﷲ ދެއްވާފައިވާ އިހްތިޔާރެއްގެ ދަށުން ﷲގެ މިންވަރުފުޅާއި ލައިގެން މި ދެމަގުންކުރެ ކޮންމެ މަގެއްވެސް އިންސާނުންނަށް އިހްތިޔާރު ކުރެވިދާނެއެވެ. މި ދެމަގުން ކުރެ މަގެއް އިހްތިޔާރު ކުރުމަށް އިންސާނުންނަށް، އެކަލާނގެ މަޖުބޫރެއް ނުކުރައްވަތެވެ." ހުތުބާގައި ވެއެވެ.
މީގެ އިތުރުން ހުތުބާގައި ވަނީ ކޮންމެ އިންސާނަކީ ވެސް އެމީހަކު ކުރާ ކަންތަކަށް މަސްއޫލުވާން ޖެހޭ މީހެއް ކަމަށާއި ކީރިތި ޤުރްއާނުގައި އެތައްފަހަރެއްގެ މަތިން ތަކުރާރު ކުރައްވައި، ތެދުމަގު ބަޔާންކޮށްދެއްވާފައިވާ ކަމަށެވެ. ހަމައެފަދައިން ނުބައިމަގު އިހްތިޔާރު ނުކުރުމަށާއި އެމަގު އިހްތިޔާރުކޮށްފި ބަޔަކަށް، ކުރިމަރިވެދާނެ އަޒާބަަކަށް އިންޒާރު ކުރެއްވުން ނުހަނު ގިނަގިނައިން ތަކުރާރު ކުރައްވާފައިވާ ކަމަށް ވެސް ވެއެވެ.
ހުތުބާގައި އިތުރަށް ބުނީ ނަރަކައިގެ ވޭންދެނެވި ގަދަފަދަ އަޒާބުގެ ވާހަކަވެސް ނުހަނު ގިނައިން ތަކުރާރު ކުރައްވާފައިވާ ކަމަށާއި ވިސްނުމުގެ ބާރު އިންސާނުންނަށް އެކަލާނގެ ދެއްވާފައިވާކަން ވެސް ވަނީ ހަނދާން ކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން، ބޭނުން މީހަކު ކާފިރުވެގަންނާށޭ އޮތް ބަސްފުޅަކީ ގަދަފަދަ އަޒާބު އެބަޔަކަށް ހުރިކަމުގެ އިންޒާރުގެ ބަސްފުޅެއް ކަން ވެސް ހަނދާންކޮށްދީފައި ވެއެވެ.
މިއީ ބިރުވެތިވާން ޖެހޭ ކަމެއް ކަމަށާއި އިންސާނާ ﷲ އަށް އީމާން ވަނީ އޭނާގެ އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް ހުތުބާގައި ވެއެވެ. އަދި އީމާން ވުމުގެ ފައިދާ ހުރީ އެމީހަކަށް ކަމަށާއި އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަކު އަނެކަކަށް ހެޔޮމަގު ބަޔާންކޮށްދޭން ޖެހޭ ކަމަށް ވެސް ހުތުބާގައި ވެއެވެ. އަދި އެއީ އަމުރު ވެވިގެންވާ ކަމެއް ކަމަށް ވެސް ހުތުބާގައި ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!