ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. އަތޮޅުގެ ފަސް ރަށަކަށް ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ފަށައިފިއެވެ.
އެ މިނިސްޓްރީން ވިދާޅުވާގޮތުގައި މިއީ ފުޑް ސެކިއުރިޓީ ޕްރޮޤްރާމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން މިއަހަރު ކުޅުދުއްފުށި ސިޓީގެ އިތުރުން ހދ. އަތޮޅުގެ ފަސް ރަށަކަށް މުޑުވައް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. ކުޅުދުއްފުށީގެ އިތުރުން މި އަހަރު މުޑުވައް ދޭން ނިންމާފައިވާ ރަށްތަކަކީ، ނޮޅިވަރަމް، ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ، އަދި ނެއްލައިދޫ އެވެ.
މިޕްރޮޤްރާމްގެ ދަށުން މި ރަށްތަކަށް ޖުމްލަ 2525 މުޑުވައް ހަދިޔާކުރަން ނިންމައި މިހާރު އެ މުޑުވައްތައް ފޯރުކޮށް ދިނުމުގެ މަސައްކަތް އެގްރިކަލްޗަރ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. މި މުޑުވައްތަކުގެ ތެރޭގައި ޖަބުރޯލު، ފަތްކެޔޮ ، ބަބުކެޔޮ، އަލަ، އަދި މުރަނގަހުގެ މުޑުވައް ހިމެނެއެވެ.
މި ޕްރޮގްރާމާއިގުޅިގެން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ސިޓީއަށް އެގްރިކަލްޗަރ މިނިސްޓްރީން ހަދިޔާކުރި މުޑުވައްތައް، އެ ސިޓީގައި ގަސް އިންދުމަށް ރަޖިސްޓަރ ކޮށްފައިވާ ފަރާތްތަކަށް މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!