ށ. މިލަންދޫއަށް އެކިގޮތްގޮތުން ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށް އެރަށު ކައުންސިލުން ދޭން ނިންމާފައިވާ އެވޯޑް ދިނުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެއެވެ.

މިރޭގެ 20:30 ގައި މިލަންދޫ ސްކޫލް ހޯލްގައި ފަށާ މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވާނީ ކުރީގެ ރައީސް، ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ދެމަފިރިކަނބަލުންނެވެ.

Ad
rt

ފާށަނާ އެވޯޑް ނަމުގައި ދިނުމަށް ނިންމާފައިވާ މި އެވޯޑު، މިރޭގެ ރަސްމިއްޔާތުގައި އެރަށުގެ 60 ފަރާތަކަށް ދިނުމަށް ނިންމާފައި ވެއެވެ.

މިލަންދޫ ކައުންސިލުން މައުލޫމާތު ދެއްވި ގޮތުގައި މިރޭގެ ރަސްމިއްޔާތުގައި އެވޯޑްތައް ހަވާލުކޮށްދޭ ފަރާތްތަކުގެ ތެރޭގައި، ކުރީގެ ރައީސް، ރައީސް މައުމޫން އަބުދުލްޤައްޔޫމްގެ ދެމަފިރިކަނބަލުންގެ އިތުރުން ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫނާއި އަދި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިޝް މައުމޫން ހިމެނިވަޑައިގަންނަވައެވެ.

މިލަންދޫ ކައުންސިލުގެ ފާށަނާ އެވޯޑް 2022

  • ދިގު މުއްދަތަށް ޚިދުމަތްކޮށްދީފައިވާ އިއްޒަތްތެރިންނަށް ޝަރަފުގެ އެވޯޑް
  • ރަށަށް އެކި ދާއިރާތަކުުން ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށްދޭ ޚިދުމަތުގެ އަގު ވަޒަން ކުރުމުގެ އެވޯޑް
  • ރަށު ހިންގުމުގެ ދާއިރާގެ މަސައްކަތް ތެރިންނަށްދޭ ޚިދުމަތުގެ އެވޯޑް
  • ރަށަށް ރީތި ނަން ހޯދާދީފައިވާ ފަރާތްތަކަށްދޭ އެވޯޑް

މިރޭގެ ރަސްމިއްޔާތު މިލަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.