ކުރީގެ ޢަދަދާއި ގުޅޭ،

ޝާމިންއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެއް އަހަރު ދުވަސް އޭނާއަށް މާ ގިނައެވެ. މުނާ އެއިނީ ބަލިވެއެވެ. މާދަމާ އޭނާ ބަލައިދާނެ ކަމަށްބުނެ ޝާމިން ވީ ވަޢުދު ހަނދާން ވުމުން އޭނާ ދެރަވެއްޖެއެވެ. މިއަދު އޮފީހަށް އެ އައީވެސް އެއްދުވަހުގެ ޗުއްޓީއެއް ހޯދުމަށް ވާހަކަ ދައްކަން ހިތުލައިގެންނެވެ. ޝާމިންގެ މޫނުމަތީގެ ނުތަނަވަސްކަން ފެނި، ޝެރިން ބުނެލިއެވެ

Ad
rt

"ބައެއްފަހަރު ވަޒީފާއަކީ ދިރިއުޅުމުގެ އެއްބައި... ކުރިއެރުމާ ކާމިޔާބީ ހޯދޭނީ ވަރަށް ކެރިގެން.."

މޭޒުކައިރީ ހުރި އެނބުރޭ ގޮނޑީގައި އިށީންނަމުން އޭނާ ޝާމިންއަށް ބަލައިލީ ކަތި ނަޒަރަކުންނެވެ.

ބުނާނެ އެއްޗެއް ނޭނގޭ ޙާލު ޝާމިންހުރީ ޝެރިންގެ މޫނަށް ބަލަހައްޓައިގެންނެވެ. މޭޒުމަތީގައި އޮތް ފައިލަކުން ކަރުދާހެއް ނަގާ، ޝާމިންއަށް ދިއްކޮށްލަމުން ޝެރިން ވާހަކަ ދައްކަންފެށިއެވެ.

"މިއޮތީ އޮފަރ ލެޓަރ... އެކްސެޕްޓް ކުރަން ބޭނުންވަންޏާ މީގަ އޮތްގޮތަށް މި ފޯމުގައި ސޮއިކޮށްފަ އަހަންނާ ޙަވާލްކޮށްލާ!"

ޝެރިންގެ އަތުގައި އޮތް ކަރުދާހާއި ދިމާއަށް ޝާމިންއަށް ބަލައިލެވުނެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ފިކުރު ބޮޑުވެފައެވެ. މަޑުމަޑުން އެ ކަރުދާހުގައި ހިފުމަށްފަހު އޭނާ އަނެއްކާވެސް ބަލައިލީ ޝެރިންއާއި ދިމާއަށެވެ.

"މިކަމާމެދު ވިސްނާލަން ބޭނުން..."

ޝާމިން އެހެން ބުނުމާއެކު ޝެރިން ބޯޖަހާލީ ހިނިތުންވަމުންނެވެ.

" އޯކޭ... ޓޭކް ޔޯ ޓައިމް..."

ތޭންކްސް އޭ ބުނެ ޝާމިން އަވަސް އަވަހަށް އެ ކޮޓަރިން ނިކުތެވެ. އަދި ޖީބުގައި އޮތް ފޯންނަގާ، މުނާގެ ނަންބަރަށް ފިތާލިއެވެ.

ކަންފަތުގައި ފޯނު ޖަހައިގެން ހުރެ، ޝާމިން ނިކުމެގެން ދިޔައީ އޮފީހުގެ މެސްރޫމަށެވެ. އަދި އަވަސް އަވަހަށް ކޮފީއެއް ހަދަންފެށިއެވެ.

"އަހަރެން ހާދަ ގުޅައިފީމޭ!"

މުނާ ފޯން ނެގުމާއިއެކު ޝާމިން ޝަކުވާގެ ރާގަކަށް ބުނެލިއެވެ.

"މިއައީ ސޮފާ އާއި އެކު އެގެއަށް ގޮސް އެގޭގައި ހުންނަ މަދު ގަހުގައި މަދު ދޮންވެފައި ހުރިތޯ ބަލާފަ. އެއީ ޝާމިންއަށް ވަރަށް މީރު އެއްޗެކޯ މަންމަ ބުނީ.. މާލެ ދާންވާއިރަށް ދަތުރު ހަދަނީ އިނގޭ ދެން.. "

އުފަލުން ފޮޅެމުން މުނާ އެހެން ބުނުމުން ޝާމިންއަކަށް އުފަލެއް ނުލިބުނެވެ. އޭނާއަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ވާކަހަލަ އިޙްސާސެއް ކުރެވެން ފެށިއެވެ.

"ބުނެބަލަ! ކޮންއިރަކުން އަހަރެން ބަލާ އަންނަނީ؟"

ވަރަށް މަޑުމަޑުން މުނާ ބުންޏެވެ. އެސުވާލަށް ޖަވާބުދޭންވެސް ޝާމިންއަށް ދަތިވިއެވެ. ކޮފީ ކޯވަރެއް ދަމާލުމަށްފަހު ޝާމިން އެއް އަތުން މޫނު ފޮހެލިއެވެ.

"މުނާ!... ވަރަށް މުޙިއްމު ވާހަކައެއް ދައްކަން ބޭނުން.."

ޝާމިންގެ އަޑުގައި އެކުލެވިފައިވާ ސީރިއަސްކަން މުނާއަށް ފާހަގަކުރެވުނެވެ. އެހެންކަމުން އޭނާ ކޮންމެވެސް ވަރަކަށް ޖެހިލުންވެސްވިއެވެ.

"އޮފީހަށް އައި އިރު މެނޭޖްމަންޓް އޮތީ ބަދަލުވެފަ! އަހަރެންގެ ބޮސް އަހަންނަށް މަތީތަޢުލީމް ޙާޞިލްކުރުމަށް ފުރުޞަތެއް ހޯދައިދީފި!"

މާގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި ޝާމިން ބޭނުންވީ އަވަހަށް އެވާހަކަތައް ބޭރުކޮށްލާށެވެ. އެއަށްފަހު އޭނާ އިންތިޒާރުކުރީ މުނާގެ ޖަވާބަކަށެވެ.

"ކިޔަވަން ފުރުޞަތު ލިބުނީ؟ ޝާމިން ހާދަ ނަސީބު ރަނގަޅޭ! ދެން ތީ އެހާ ވިސްނަން ޖެހޭވަރުގެ ކަމެއް ނޫނެއްނު! ތިއީ ވަރަށް އުފާވެރި ވާހަކައެއް."

މުނާ ހުރީ އުފަލުންނެވެ. އެހެނަސް އެކަމުގެ ސަބަބުން މުނާގެ ދިރިއުޅުމަށް އަންނާނެ ބަދަލުތަކެއް އޭނާއަކަށް އަދި ނުވިސްނެއެވެ. ޝާމިން ހިތްބިރުގަނެފައި ހުރީ އެހެންވެއެވެ.

"އަސްލު އެއީ އެހާ ފަސޭހަކަމެއްނޫން.. އަހަންނަށް ފުރަތަމަ ލިބުނީ އޮފަރ އެއް.. އެއް އަހަރުގެ މުއްދަތަކަށް ރާއްޖެއިން ބޭރުގައި މަސައްކަތްކުރަންޖެހެނީ.. އެއަށްފަހު ކިޔަވަންދެވެނީ.."

އަވަސް އަވަހަށް ޝާމިން ބުނެލިއެވެ.

"ރާއްޖެއިން ބޭރޭ؟ އެއީ ކީއްވެ؟ " އެއްވެސް އެއްޗެއް ނުވިސްނިގެން މުނާ ސުވާލުކުރިއެވެ. މުނާއަށް އެއްޗެއް ވިސްނޭނީ ވަރަށް ރަނގަޅަށް ކިޔައިދީގެން ކަމުގައި ވާތީ ޝާމިން ބޭނުންވީ ކަންތައްވާގޮތް ރަނގަޅަށް ބުނެދޭށެވެ.

"ކޮމްޕެނީއަށް ފައިދާއެއް ނުވާގޮތަކަށް މި މީހުންވެސް އަހަރެމެންނަށް ފްރީކޮށް ކިޔަވައެއް ނުދޭނެއެއްނު.. އިންޑޮނޭޝިއާގައި ހުންނަ ބްރާންޗްގައި މަސައްކަތްކުރަން ޖެހެނީ ތަޖުރިބާ އިތުރުކުރަން.. އެއަށްފަހު ކިޔެވުމުގެ ފުރުޞަތު ދެނީވެސް.. އެހެންވެ އަހަރެން މިހުރީ ހަދާނެގޮތް ހުސްވެފަ!" ޝާމިންގެ ވާހަކަތައް އަޑުއެހުމަށްފަހު މުނާއަށްވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެނަސް އިތުރަށް އޮޅުންފިލުވުމަށްޓަކައި މުނާ އަހާލިއެވެ.

"ކިހާ ދުވަހަކަށް ބޭރަށް ދާންޖެހެނީ ؟"

" އެއް އަަހަރު ދުވަހަށޭ ބުނީ.. އެއް އަހަރު ތެރޭގައި ޗުއްޓީ ލިބެންޏާ އާދެވޭނެ އެއްނު"

ބޭއިޙްތިޔާރުގައި ޝާމިންއަށް ބުނެލެވުނެވެ. ޝާމިންގެ އެ ޖުމުލައިން އޭނާ ދާންބޭނުންކަން މުނާއަށް ސާފުކޮށް އެނގި ހާމަވިއެވެ.

"ޝާމިން ބޭނުންވޭތަ ދާން؟ ތެދަށް ބުނެބަލަ! ޝާމިން ބޭނުންވާ ގޮތް ބުނީމައެއްނު އަހަންނަށް އެނގޭނީ.."

"އަސްލު ދާކަށް ބޭނުމެއްނޫން.. މުނާ ތިޙާލުގައި ބައިންދާފަ އެއްވެސް ވަރަކަށް ދާކަށް ބޭނުމެއްނޫން. އެކަމަކު... އެކަމަކު އަހަރެން ދެކެމުންދާ ފޮނި ހުވަފެންތައް އެންމެ ރަނގަޅަަށް އެނގޭނީ މުނާއަށް.. އަހަންނަކީ މީހުންގެ ދަށުން މަސައްކަތްކުރަން ބޭނުންވާ މީހެއްނޫން. އަހަރެން ބޭނުންވަނީ އަމިއްލަ ކޮމްޕެނީއެއް އުފައްދައިގެން އަމިއްލަ އޮފީހެއް... އަދި އަހަރެންގެ ދަށުން މަސައްކަތްކުރާ ބައިވަރު މުވައްޒަފުންތަކެއް ބޭނުން.. އެއީ އަހަރެންގެ ޑްރީމް... އެކަމަކު އެކަން ޙާޞިލް ނުވެގެން މިއުޅެނީ މިކަހަލަ ފުރުޞަތުތައް އަމިއްލަ ފަރުދުންނަށް ނުލިބޭތީ. ބަޔަކާ ގުޅިގެން ނޫނީ އަހަންނަށް މިކަންތައްތައް ކާމިޔާބެއް ނުވާނެ! "

އެކިގޮތްގޮތުން ޝާމިން މަސައްކަތްކުރީ މުނާއަށް ވިސްނައިދޭށެވެ. މުނާގާތު ހުރުމަށް ވުރެ، އޭނާ އިސްކަންދިނީ ވަޒީފާއަށްކަން މުނާއަށް އެނގުނެވެ. މުނާގެ ހިތަށް ވަރަށް އަސަރުކޮށްފިއެވެ. އެހެނަސް ޝާމިންގެ ހުވަފެންތަކުގެ ހުރަހަކަށް އޭނާ ވާކަށް ފަހަރެއްގައިވެސް ބޭނުމެއް ނޫނެވެ.

"ކިހިނެއްވީ ؟އެއްޗެއް ނުބުނީ ކީއްވެ؟" މުނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން ޝާމިން މަޑުމަޑުން ސުވާލުކޮށްލިއެވެ. އެއާއި އެކު މުނާ ވާހަކަ ދައްކަންފެށިއެވެ.

" އަހަރެން ކީކޭ ބުނާނީ؟ ޝާމިން ބޭނުންވާ ގޮތަކަށް ކަންތައްކުރީމަ އެންމެ ރަނގަޅުވާނީ ؟ އަހަންނަށްޓަކައި މަޑުކުރާށޭ ބުނާހިތެއް ނުވެ! ޝާމިންއަށް ލިބޭ ކުރިއެރުމުގެ ހިޔަންޏަކަށް ވާކަށްވެސް އަހަރެން ބޭނުމެއްނޫން.. "

ލަސްލަހުން ބުނާ ބުނެލިއެވެ. އެއާއިއެކު ޝާމިންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވިއެވެ.

" އެހެންވީމަ ލޯބި އޯކޭ ދޯ! އަހަރެން މި ފޯމްގަ ސޮއި ކުރަންވީތަ؟ "

އަތުގައި އޮތް ކަރުދާހަށް ބަލަން ހުރެ، ޝާމިން އަހާލިއެވެ.

" އަހަރެންގެ އެއްވެސް މައްސަލައެއްނެތް... އެކަމަކު ސެޕްޓެމްބަރ ހިސާބުގަ އަންނަންވާނެ! ވިހާނެ އެހާތާ އިންޝާﷲ "

މުނާގެ ޖުމްލައިން ޝާމިންގެ ހިތަށް ވަރަށް އަސަރުކުރިކަހަލައެވެ. އޭނާ މަޑުމަޑުން ދެލޯ މަރާލުމަށްފަހު ހިންދިރުވާލަމުން ވާހަކަ ދެއްކިއެވެ.

" އަހަންނަށް އެނގޭ އަސްލު ވަރަށް ދެރަވާނެކަން.. އަދި އަހަރެންގާތު މުނާ އުޅެން ބޭނުންވާކަންވެސް އެނގޭ.. މިދުވަސްވަރު މުނާއަށް އަހަރެންގެ އަޅާލުމާއިލޯބި އިންތިހާއަށް ބޭނުންވާނެކަން އަހަންނަށް އެނގޭ! އެކަމަކު ދިރިއުޅުމަށް ބަދަލެއް އަންނަން ވެއްޖެނަމަ ވަގުތާ ޙާލަތު ބަދަލުކޮށްލާކަށް ހަމަ އެންމެ ސިކުންތެއްވެސް ނުނަގާނެ.. އަހަރެމެން ޖެހޭނީ ކެތްތެރިވާން.. އަހަރެން ކުރާ ކޮންމެ ކަމެއްވެސް މިކުރަނީ އަހަރެމެންގެ ދިރިއުޅުމަށްޓަކައި... މުނާއާއި އަހަރެމެންނަށް ލިބެން މިއުޅޭ ދަރިފުޅުގެ ޙައްޤުގައި. މުނާއާއި ދުރުގައި އަހަރެންވެސް ވާނީ ވަރަށް ބޮޑު ޤުރުބާނީއެއް. އަހަންނަށްވެސް އުނދަގޫވާނެ މުނާ ނުފެނި އެހާ ދުވަހު އުޅެން. "

ޝާމިންގެ އިޙްސާސްތައް ހާމަކޮށްދެވޭތޯ އޭނާ މަސައްކަތްކުރި ނަމަވެސް އޭނާގެ ވާހަކަތައް މެދުކަނޑާލަންޖެހުނީ މުނާގެ ގިސްލުމުގެ އަޑުންނެވެ.

" ޝާމިން.. ދެން ހުއްޓާލާ! ތިކަހަލަ ވާހަކަ ދެއްކީމަ އަހަރެން އިތުރަށް ދެރަވަނީ.. ދިރިއުޅުން ބަދަލުކޮށްލަން އެނަގާ އެންމެ ސިކުންތުގެ ސަބަބުން އަހަރެން ކެތްތެރިވާން އެބަޖެހޭ ކުރިއަށް އޮތް އެއް އަހަރުދުވަހު.. އަހަރެން އިންތިޒާރުކުރަން އެބަޖެހޭ އެތައް ދުވަހެއް.. އުނދަގޫ ދުވަސްތަކެއް ކުރިއަށްއޮތްކަން އަހަންނަށް އެނގޭ! އަދި އަހަރެންގެ ލޯބިވާ ފިރިމީހާ އަހަރެންގާތު ނުހުންނާނެކަންވެސް އެނގޭ! އެހުރިހާ ކަމަކަށް ރުހިގެން އާނއެކޭ މިބުނީ. ދެން އިތުރަށް އެވާހަކަތައް ދައްކައިގެން އަހަރެންގެ ހިތް، ބަލި ނުކުރޭ ޝާމިން! އަހަރެންގެ ހިތްހަމަ ޖެހުމަކީ ޝާމިން.. ހަމައެކަނި ޝާމިން! "

މުނާ ފޯން ކަނޑާލިއެވެ. ކުރެވުނީ ރަނގަޅު ކަމެއްބާވައޭ ހިތަށް އެރުމާއެކު ޝާމިންއަށްވެސް ލިބުނީ ނުތަނަވަސްކަމެެވެ. ފަހަރެއްގައިވެސް މުނާ ހިތްދަތިކޮށް ރޮއްވާކަށް އޭނާ ބޭނުމެއްނޫނެވެ. އަވަސް އަވަހަށް މުނާއަށް ގުޅާލީ އޭނާ ހަމައަކަށް އެޅުވުމުގެ މަޤްޞަދުގައެވެ. އެހެނަސް ދެފަހަރަކު ގުޅުމުންވެސް މުނާ ފޯނެއް ނުނެގިއެވެ.

ރޭގަނޑުގެ ހަމަހިމޭންވަގުތެވެ. ރީހާންގެ މޫނުމަތީގައި ނިދީގެ އަސަރުވެސް ނެތެވެ. އޭނާ ފައިހާއަށް މެސެޖެއް ކުރަން އުޅޭތާ މިހާރު އެތައްއިރެއްވެއްޖެއެވެ. އެހެނަސް ފަށާނީ ކީކޭ ކަމެއް ނޭނގި އޮވެވެނީއެވެ. އެހެން އޮއްވާ އޭނާއަށް ލިބުނީ ފައިހާގެ މެސެޖެކެވެ.

" އަހަރެން ވަރަށް ލަދުގަނެއްޖެ ކަންތައް ކުރެވުނު ގޮތުން. ތީ މީހެއްގެ ފިރިއެއް ނޫންކަމެއްވެސް ނޭނގެ. އެހެނަސް ދެތިން ފަހަރެއްގެ މަތިން ވާހަކަ ދެކެވުނު. އެކަމަކު ރެހާންއާއި ވާހަކަ ދައްކާލެވެމުން އެލިބޭ ހިތްހަމަޖެހުން އަހަންނަށް ބުނެދޭންދަތި. އެދުވަހު އަހަންނާ ބައްދަލްކުރަން އެދެވުނީ، އަހަންނަށް ހިމާޔަތްދޭނެ މީހަކީ ތީއޭ ހިތަށް އެރުމުން."

ދެތިން ފަހަރަކު ރީހާން އެ މެސެޖް ކިޔާލިއެވެ. ދޭނެ ޖަވާބަކާއިމެދު ވިސްނަން އޮއްވާ އަނެއްކާވެސް ފައިހާ މެސެޖްކުރިއެވެ.

" އަހަންނަށް މަޢާފްކުރައްޗެވެ. ދެން އުނދަގުލެއް ނުކުރާނަމެވެ." ފުންމައިގެން ތެދުވެ ރީހާން އަވަސް އަވަހަށް ގަޔަށް ޓީޝާޓް މަހާލުމަށްފަހު ކޮޓަރިން ބޭރަށް ނިކުތެވެ. އަދި ގޯތިތެރޭގައި ހުރި ދިގު ގޮނޑިއެއްގައި އިށީނުމަށްފަހު އަވަސް އަވަހަށް ދެއަތުގެ އިނގިލިތަކުން ޓައިޕް ކުރަންފެށިއެވެ. އޭނާ އެދުނީ ފައިހާގެ ފޯންނަންބަރު ދިނުމަށެވެ. ލަސްތަކެއްނުވެ ފައިހާ ނަންބަރު ފޮނުވިއެވެ.

" މިހާ ދަންވަރު ކީއްކުރަން ތިގުޅީ؟" ފައިހާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

" އަހަންނަކީ މީހެއްގެ ފިރިއެއްކަމަށް ހީކޮށް އަހަންނަށް އަލްވަދާޢުކީމަ... " ސަމާސާގެ ރާގަކަށް ރީހާން ބުންޏެވެ. ފައިހާ މަޑުމަޑުން ހީލިއަޑު ރީހާންއަށް އިވުމުން އޭނާއަށްވެސް ހެވުނެވެ.

" ރޭގަ ކަންތައްވީގޮތުގެ ވާހަކަ ދެން ނުދައްކަބަލަ! އެކަންތައް ބޮޑުކަމަކަށް އަހަރެން ނަހަދަމެއްނު! އެހެން ނޫނަސް ފައިއަށް އަހަރެންގެ ފަރާތުން ކޮންމެވެސް ވަރެއްގެ އުއްމީދެއް ނޫނީ ޔަޤީންކަމެއް ލިބުނީމަދޯ އަހަރެން ގާތަށް އަންނާނީ.."

ރީހާން ބޭނުންވީ ވަރަށް ގާތްކޮށް ވާހަކަ ދައްކާށެވެ. އެއީ ފައިހާވެސް ބޭނުންވާނެ ގޮތްކަން މިހާރު އޭނާއަށް އެނގެއެވެ.

" ފައި އަހަރެންދެކެ ލައިކް ވޭދޯ " ވާހަކަ ނުދައްކާ އިރުކޮޅަކު ހުރުމަށްފަހު ރީހާން އަހާލިއެވެ. އެއާއިއެކު ފައިހާ ހީލިއަޑުވެސް އޭނާއަށް އިވުނެވެ.

" ތި ހީލުމުގެ މާނައަކީ އާނއެކޭ ތަ؟ މިކުރެވެނީ ކުށްހީއެއްތަ؟ "

" އަހަރެން ލައިކްވިޔަސް... ރީހާންއަށް އަހަރެން ކަމުދާނީ ކިހިނެއް؟ އަހަރެންމީ..... " ޖުމްލަ ނިންމާނެ ހިތްވަރު ފައިހާއަަކަށް ނުލިބުނެވެ.

" ތީ ކުރިން މީހަކާ އިނދެ ވަރިކޮށްފައި ހުރި މަންމީއެއް! އެހެން ދޯ ބުނަން ތިއުޅެނީ.. އެއީ އެއްވެސް މައްސަލައެއް ނޫން. އެއީ އިތުރު ލައިފެއް ފަށަން އޮތް ހުރަހެއްވެސް ނޫން. "

ރީހާން ވާހަކަ ދެއްކީ ފައިހާއަށް ހިތްވަރުދިނުމުގެ ގޮތުންނެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ފައިހާއަށް ބުނާނެ އެއްޗެއް ނުވިސްނުނެވެ. ވާހަަކަ ދެއްކީ އަނެއްކާވެސް ރީހާންއެވެ.

" މާދަމާ އަހަންނާ ބައްދަލްކޮށްލެވިދާނެތަ؟ "

" އަހަރެން ގެއްލިދާނެހެން ހީވަނީތަ؟ ހާދަ އަވަސްވެގެން އުޅޭހެން ހީވެޔޭ! " ފައިހާގެ ޖުމްލައިން ރީހާންއަށް ބާރަށް ހިނިގަނޑެއް ޖަހާލެވުނެވެ.

" ފައިވެސް ވަރަށް ލާނެތްދޯ! އަހަންނަށް ކަމުދަނީ ތިކަހަލަ ކުދިން... " ސަމާސާ ރާގަކަށް ރީހާން ބުނެލިއެވެ.

ދެތިން ދުވަސް ވަންދެން ވިސްނުމަށްފަހު ޝާމިން ގޮތް ނިންމައިފިއެވެ. އޭނާއަތަށް ޝެރީން ދިން ފޯމް ހިފައިގެން ޝެރީންގެ އޮފީހަށް ވަނީ ހާސްހިތަކައިގެންނެވެ. ފޯނެއްގައި އިން ޝެރީން ފޯން ބޭއްވީ ޝާމިން ފެނުމުން ހިނިތުންވަމުންނެވެ.

" ކޮބާ ގޮތެއް ނިންމައިފިންތަ؟ ޝާމިން ކަހަލަ ޤާބިލް މީހަކަށް މިފުރުޞަތު ދެވުނީތީ އަހަރެން މިހުރީ ވަރަށް ބޮޑު އުއްމީދެއްގައި! " ޖަވާބެއްނުދީ ޝާމިން ދިއްކޮށްލީ ފޯމެވެ. ހިނިތުންވުމާއެކު ޝެރިން އެ ފޯމަށް ނަޒަރު ހިންގާލުމަށްފަހު ޝާމިންއަށް ބަލާލިއެވެ.

" ހޫމް.. ކޮންގްރެޓްސް! ވަރަށް ބޮޑަށް މަރުޙަބާ! ދެން ހީކޮށްލާ ޝާމިންގެ ދަތުރު އަދި ތި ފެށުނީއޭ! މަތި ބަލައިލިޔަސް ޝާމިންއަށް ޝާމިންގެ މަންޒިލްއަދި ނުފެންނާނެ! އެހާވެސް ދުރަށް ޝާމިން ދަތުރު ކުރަންޖެހޭ! "

ޝެރީން ވާހަކަ ދެއްކަމުންގޮސް އިށީނެވެ. އޭރުވެސް އެއްވެސް އެއްޗެއް ނުބުނެ ޝާމިން ހުއްޓެވެ.

" އެހެންވީމަ... ދަތުރުގެ ކަންތައް ހަމަޖައްސާނަން ވަރަށް އަވަހަށް! ފަަހަރެއްގައި ދެތިން ދުވަސްތެރޭގައިވެސް ފުރަންޖެހިދާނެ! "

ޝެރީން އެހެން ބުނުމާއެކު ޝާމިންގެ ހިތް ތެޅިގަތެވެ.

" މެޑަމް! އެހެންވިއްޔާ އަޅުގަނޑަށް ދެ ދުވަސްވަރު ދެވިދާނެތޯ؟ އެހާ ގިނަ ދުވަހަށް ދާތީވެ، ރަށަށްގޮސްލަން.. "

ބޭއިޙްތިޔާރުގައި ޝާމިންއަށް ބުނެވުނެވެ. ޝެރީން ދެބުމަ ހިއްލާލަމުން ބޯޖަހާލިއެވެ.

" ޝާމިން ރަށަށް ދިޔައީމަ ކިހިނެއް ދަތުރުގެ ކަންތައްތައް ނިންމާނީ؟ ވަރަށް ގިނަ ކަންކަން ހުންނާނެ! ވިސާވެސް ހައްދަންޖެހޭނެ! ދެން އޮފީހުން ގެންދަންޖެހޭ ބައެއް ސާމާނު ޕެކް ކުރަންވެސް ޖެހޭނެ! އެކޮޅަށްގޮސް އެހުރިހާކަމެއް ކުރާނެމީހަކީ ތީ! އެހެންވީމަ ޝާމިން ޖެހޭނީ ގެންދަންޖެހޭ ބައެއް ސާމާނުތައް ނަގަން ވެސް"

ރަށަށް ދެވެން ނެތްކަން އެނގުމުން ޝާމިންވަރަށް ދެރަވެއްޖެއެވެ. އެހެނަސް އޭނާ ޝަކުވާއެއް ނުކުރިއެވެ. އިތުރަށް އާދޭހެއްވެސް ނުކުރިއެވެ.

" އަހަރެން ހީކުރީ ފެނިލާފަކަމަށް ފުރާނީ "

މުނާ ދެރަވެފައި އޮވެ ބުންޏެވެ.

" އަަހަރެންވެސް ހީކުރީ ދެވޭނެކަމަށް. އެކަމަކު ބޮސް އަހަރެން ނުފޮނުވި. ދެން ކީއްކުރާނީ؟ އަހަރެން ވަރަށް އުފާވޭ ލޯބި ތިހާ އަންޑަސްޓޭންޑިން ވީމަ.. އެހެން މީހެއް ނަަމަ ތިޙާލުގަ އިނދެ ނުވެސް ފޮނުވާނެ! "

ޝާމިން ބޭނުންވީ މުނާގެ ރަނގަޅުކަން އޭނާ ބަލައިގަންނަވަރު ހާމަކޮށްދޭށެވެ.

" ޝާމިން ދެކެމުން އަންނަ ހުވަފެންތައް އަހަންނަށް އެނގޭ! ކާމިޔާބު ވިޔަފާރިވެރިއަކަށްވާކަށްނު ބޭނުންވަނީ! އިރާދަކުރެއްވިއްޔާ އެދުވަސް ދައްކަވާނެ! އަހަރެން ބޭނުން ކޮންމެ ފަދަ ޤުރުބާނީއެއް ވެގެން ނަމަވެސް ޝާމިންއަށް އުފާވެރިކަން ހޯދައިދޭން.. ކޮންމެފަދަ ކަމެއްވިޔަސް ޝާމިންއަށް އެކަމަކުން އުފަލެއް ލިބޭނަމަ އަހަރެން ހުންނާނީ އަބަދުވެސް ޝާމިން އާއި އެންމެ ގާތުގަ"

ލޯބިވާވަރު ބަޔާންކޮށްދިނުމަށްޓަކައި މުނާ އެތައް ވާހަކަތަކެއް ދައްކަމުންދިޔައެވެ. ޝާމިން އޮތީ އަޑުއަހާށެވެ.

" އަހަރެން ޤަބޫލުކުރަން ތި ދައްކާ ހުރިހާ ވާހަކައެއްވެސް.. އަސްލު ވަރަށް ދެރަވޭ! ބައެއްފަހަރު ދާކަށް ބޭނުމެއްވެސް ނޫން. މުނާ ބައްޔެއްވިޔަސް އަހަންނަށް އާދެވޭނީކީނޫން. ގޭގައިވެސް އަޅާލާނެ ގިނަ ބަޔަކު ތިބީކީ ނޫން. އަހަރެން ވިސްނާވަރު މުނާއަށް އިޙްސާސްވެސް ނުވާނެ! ކޮންމެ ގޮތެއްވިޔަސް ވިހާ އިރަށް އަންނާނަން. އަލަތު ދަރިފުޅު އެންމެ ފުރަތަމަ އުރާލަން ބޭނުމީ އަހަރެން.."

ޝާމިންގެ ވާހަކަތަކުން މުނާގެ ހިތަށް ކުޑަނަމަވެސް އުފަލެއް ލިބުނުކަހަލައެވެ. ލޮލަށް ނިދި ސަވާރުވާން ފެށުމުންވެސް ފޯން ބާއްވާހިތެއް ނުވިއެވެ. އެހެންކަމުން މުނާ އަދިވެސް ފޯނުގައި މަޑުކުރިއެވެ.

ޗެކިންވުމަށްފަހު ޝާމިން އާއި ޝެރީން ތިބީ ކޮފީއެއް ނަގައިގެން އައިހެވެ. ޝެރީން އާއި ދައްކާނެ މާގިނަ ވާހަކަތަކެއް ނެތުމުން ޝާމިން އިންނަނީ ކޮންމެވެސް ވަރަކަށް ފޫހިވެފައެވެ. އޭނާ އިރުއިރުކޮޅުން މުނާއަށް މެސެޖްކުރަމުންދެއެވެ.

" ހޭ މީހަކާ އިންވާހަކަ ނުވެސްބުނޭ! ކޮންއިރަކު މެރީ ކުރީ؟ ވަރަށް ގުޅޭ އިނގޭ ދެކުދިން... ވަރަށް ހޮޓް ކަޕްލްއެއް އިނގޭ! "

ކުއްލިއަކަށް މީހަކު އައިސް ޝެރީންގެ ގައިގައި އޮޅުލައިގަނެގެން ވާހަކަ ދެއްކިއެވެ. އެއީ ޝެރީންގެ ކްލާސްމޭޓެކެވެ. އޭނާ ދެއްކި ވާހަކަތަކުން ޝެރީން އިނީ ކޮންމެވެސް ވަރަކަށް ލަދުގަނެފައެވެ. އެކަން އޭނާގެ މޫނުމަތިން ޝާމިންއަށް ފާހަގަކުރެވުނެވެ.

" އޭ މެރިޑެއް ނޫނޭ! އެއީ އޮފީސްމޭޓެއް! " ޝެރިން އަވަސް އަވަހަށް ބުނެލިއެވެ. އޭރުވެސް އޭނާ އިނީ ރަކިވެފައެވެ. އެއާއެކު ޝެރިންގެ އެކުވެރިޔާވެސް ވަރަށްލަދުގަނެއްޖެއެވެ.

" އޫޕްސް.. ސޯ ސޮރީ! ނޭނގޭނެ އެއްނު ތި ދެމީހުން ފެނިފަ ހީކުރީ ހަމަ ކަޕްލްއެއްކަމަށް. އެހާވެސް ގުޅޭ! " ޝެރީންގެ ދެލޯ އަނެއްކާވެސް ޝާމިންއަށް އަމާޒުވެފައި ވަނިކޮށް ޝާމިންއަށް ފެނުނެވެ.

" ބިހާފް އޮފް ހަރ ވަރަށް ބޮޑަށް ސޮރީ އިނގޭ ! ވަރަށް އަނގަގަދަ މަންޖެއެއް އެ! އަޅާލާނެކަމެއްނެތް! "

ޝެރީން އަވަސް އަވަހަށް ފެންފޮދެއް ބޯލިއެވެ.

" ކަޕްލްއެެއްހެން ހީވަނީ ކަންނޭނގެއެއްނު! " މަޖަލަކަށް ހަދާފައި ޝާމިން އެބުނި ޖުމުލައިން ޝެރީންގެ ހިތަށް އަސަރުކުރީ ކިހާވަރަކަށް ކަމެއް ޝެރީންއަކަށް ނޭނގެއެވެ. އޭނާގެ ހިތަށް ވަރަށް އުނދަގޫވަމުންދިޔައެވެ.

" ފްލައިޓްގަޑި ވަރަށް ކައިރިވެއްޖެ! ހިނގާ ތިރިއަށްދަމާ! "

ގޮނޑިކައިރި ބަހައްޓާފައިހުރި ދަބަސް ނަގާ ކޮނޑުގައި އަޅުވާލަމުން ޝާމިން ހިނގައިގަތެވެ. ޝާމިންގެ ފަހަތުން ޝެރިން ހިނގަމުން ދިޔައިރުގައިވެސް އޭނާގެ ސިކުނޑީގައި އެނބުރެނީ އެކުވެރިޔާ ކީ އެއްޗެއްސެވެ.

ކޯޓުން ނިކުތްގޮތަށް ފައިހާ ރީހާންއަށް ގުޅާ ރޯންފެށިއެވެ. އޭނާ އަތުން އާލް ގެއްލިއްޖޭ ބުނެ ބާރަަށް ރޮމުންދިޔައެވެ. ފޯނު ކަނޑާލުމަށްފަހު ރީހާން އަވަސްވެގަތީ ފައިހާގާތަށް އައުމަށެވެ. ފައިހާއަށް ހިތްވަރުދޭން އޭނާ ނުހަނު ބޭނުންވެއެވެ. މިއަދު ފައިހާގެ އެއްވެސް މީހެއް ނެތްކަން އޭނާއަށް އެނގެއެވެ. އޮޓޯއެއްގައި ރީހާން އައިސް ފައިހާއަށް ގުޅާލިއެވެ. އޭރު ފައިހާ އިނީ ބޭރުގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެންނެވެ. އޭނާގެ ކުރިމަތީގައި އާލްހުއްޓެވެ.

" މަންމީ! އާލް އުޅޭނީ މަންމި އާއެކު! އާލް ނުދާނަން ބައްޕަ ގާތަކަށް! "ފައިހާ އިނީ އާލްގެ އަތުގައި ހިފައިގެންނެވެ. އޭރުވެސް އޭނާ ރޮމުންދިޔައެވެ.

" ދަރިފުޅާ! މަންމިއަށް ދަރިފުޅާ ނުލާ ނޫޅެވޭނެ! އެކަމަކު އެމީހުން މަންމި އަތުން ދަރިފުޅު އެ އަތުލީ! ދަރިފުޅު މަންމިދެކެ ރުޅި ނާންނައްޗޭ މަގޭ ދަރިފުޅާ! "

ފައިހާ އާލްގެ ގައިގައި ބައްދައިގަތްވަގުތު ރީހާން ގޮސް އެތަނަށް އަރާ ހަމަވިއެވެ. ރީހާން ފެނުމުން ފައިހާއަށް އިތުރަށް ރޮވުނެވެ. ފައިހާގެ ކެތްތެރިކަން ކޮޅުންލީކަހަލައެވެ.

" އާލް! " ދުރުން އިވުނު އަޑު އައި ދިމާލަށް ތިންމީހުންނަށް ބަލާލެވުނީ އެއްފަހަރާއެވެ. ހައިދަރު ހުރީ އާލްގެ އިންތިޒާރުގައެވެ.

" ނުދާނަން ކޮއްކޮ! " އާލް އެހެން ބުނުމުން ފައިހާ އާލް ގަޔާލައި އިތުރަށް ފިއްތާލިއެވެ. އާލްއަށް މިހާރު ހަތަރު އަހަރުވަނީއެވެ. އެކުޑަކުޑަ ދަރިފުޅަށް އޭނާ އާއި ނުލާ ނޫޅެވޭނެކަން ފައިހާއަށް އެނގެއެވެ.

" ބައްޕަ ބޭނުމެއްނޫން... " އާލް ރޮއިގަތެވެ. ފައިހާ އަތުން އާލް އަތުލައިގެން އޭނާގެ ބައްޕަ ގެންދަން އުޅޭ ވާހަކަ ފައިހާ އާލްގާތު ބުނީ މިއަދެވެ. އެތުއްތު ދަރިފުޅުގެ ހިތަށް ކުރާނެ އަސަރުތަކާއިމެދު ވިސްނާލުމެއްނެތި ފައިހާއަށް އެހެން ބުނެވުނީ ޖަޒްބާތީވެގެންނެވެ. ކުއްލިއަކަށް ފެނުނީ ހައިދަރު އަންނަތަނެވެ. ފަހަތުން އޭނާގެ އަނބިމީހާވެސް އާދެއެވެ. އާލްއަށް ހީވަނީ ބިރެއް ފެނިގެން އުޅޭހެންނެވެ. ފައިހާގެ ކަރުގައި ދެއަތުން އޮޅުލައިގަނެގެން ހުރެ ރޮނީއެވެ.

" ހައިދަރުގެ ހިތުގައި އަހަރެމެންނާމެދު ކުޑަވެސް ރަޙުމެއް ނެތީތަ؟ ދަރިޔަކު ތި ވަކިކުރަނީ މަންމަޔާއޭ."

ފައިހާ ވާހަކަ ދެއްކީ މެލޭ ބަހުންނެވެ.

" މިހުރީ ކާކު؟ މީ ކޮން ފިރެހެނެއް؟ " ހިތްހަމަ ނުޖެހޭ ރާގަޖަށް ހައިދަރު ފައިހާ އާއި ސުވާލުކޮށްލީ ރީހާންއަށް ބަލަހައްޓައިގެން ހުރެއެވެެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (9)

ސިލްސިލާ ވާހަކަ: ޙައްޤުގައި (9)

(ނިމުނީ)