ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މޮރޮކޯ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ރޭ ގަތަރުގެ އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފްރާންސުން މޮރޮކޯގެ މައްޗަށް ކުރި ހޯދާފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
ނަތީޖާ ނުނެރެވުނު ނަމަވެސް މުޅި މެޗަށް ބަލާއިރު ފްރާންސަށްވުރެ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ މޮރޮކޯއިންނެވެ. މި މެޗާއި މޮރޮކޯ ކުރިމަތިލީއިރު، މޮރޮކޯއާއި މި މުބާރާތުގައި ވާދަކުރި އެއްވެސް ޓީމެއްގެ ކުޅުންތެރިއަކަށް އެ ޓީމް ކޮޅަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވެއެވެ.
ނަމަވެސް ފްރާންސުން ވަނީ މެޗު ފެށިތާ އިރުކޮޅެއްގެ ތެރޭ މޮރޮކޯގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މި ލަނޑު ފަސްވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ތިއޯ ހެނާންޑޭޒްއެވެ.
މެޗުގެ 17 ވަނަ މިނެޓުގައި ފްރާންސުން އުފެއްދި ކައުންޓަ އެޓޭކެއްގައި އެ ޓީމްގެ އިތުބާރު ފޯވާޑް އޮލިވަ ޖިރޫޑް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މޮރޮކޯގެ ފަރާތުން ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާއެއް ފެނިފައިވެއެވެ. އެ ޓީމްގެ އޮނާހީ ފްރާންސްގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ ދުރު ކަނަށް ފޮނުވާލި ހަމަލާ ފްރާންސްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.
ފުރަތަމަ ހާފަށް ވުރެވެސް ބޮޑަށް މެޗުގެ ދެވަނަ ހާފް މޮރޮކޯއިން ވަނީ ޑޮމިނޭޓް ކޮށްފައެވެ. ކުދި ޕާސްތަކެއް ޖަހައިގެންނާއި ގޯލު ކުރިމައްޗަށް ބޯޅަ ހުރަސްކޮސްގެން ފްރާންސްގެ ގޯލަށް ނުރައްކާކުރަން މަސައްކަތް ކުރި ނަމަވެސް މޮރޮކޯގެ އެޓޭކްތައް ފްރާންސްގެ ޑިފެންޑަރުން ވަނީ ހުއްޓުވާފައެވެ.
ފްރާންސްގެ ފަހު ގޯލު ޖެހީ 80 ވަނަ މިނިޓުގައި، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުއާނީއެވެ. ކިލިއަން އެމްބާޕޭ އޭރިއާ ތެރެއިން ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ފޮނުވާލި ބޯޅަ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ލިބުނީ ހުސްކޮށްހުރި މުއާނީއަށެވެ. އޭނާ ވަނީ ފަސޭހަކަމާއިއެކު އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މުއާނީ މި ލަނޑު ޖެހީ އޭނާ ކުޅެން އެރިތާ 44 ސިކުންތު ތެރޭގައެވެ.
އަންނަ އާދިއްތަ ދުވަހުގެ ފައިނަލުގައި ފްރާންސް އިން ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. ފްރާންސް އިން ތަށި ދިފާއުކޮށްފިނަމަ އެ ޓީމު ވެގެންދާނީ އިޓަލީ އާއި ބްރެޒިލަށް ފަހު ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ދެ ފަހަރު ހޯދާނެ ޓީމަށެވެ.
މިއީ ފްރާންސް ވޯލްޑް ކަޕްގެ ފައިނަލަށް ދަތުރު ކުރި ހަތަރު ވަނަ ފަހަރެވެ. ފައިނަލް ގައި އެ ޓީމު ބަލިވީ ހަމައެކަނި 2006 ވަނަ އަހަރު އިޓަލީ އަތުންނެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ފްރާންސް ނުކުންނާނީ އާޖެންޓީނާއާއި ދެކޮޅަށެވެ. އެ މެޗު ފަށާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 20:00 ގައެވެ.
މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި މޮރޮކޯ ނުކުންނާނީ ކްރޮއޭޝިއާއާއި ދެކޮޅަށެވެ. އެ މެޗު ފަށާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 20:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!