މިދިޔަ ނޮވެމްބަރ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު މިދިޔަ އަހަރުގެ މި ދުވަސްވަރާއި އަޅާބަލާއިރު 15 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

ކަސްޓަމްސް އިން އާންމުކުރެއްވި ތަފާސްހިސާބުން ދައްކާގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 4 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މިއަހަރުގެ ނޮވެމްބަރުމަހު ރާއްޖެއަށް 4.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ. މިއީ 15 އިންސައްތައިގެ އިތުރުވުމެކެވެ.

Ad
rt

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ސިންގަޕޯ އަދި ޗައިނާ އިންނެވެ.

އޮމާނުން 761 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 760 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫ.އޭ.އީ އިން 594 މިލިއަން ރުފިޔާ، ސިންގަޕޫރުން 472 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 420 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުގައި އެންމެ ގިނަ އަދަދަކަށް އެތެރެކޮށްފައިވަނީ ތެލުގެ ބާވަތްތަކާއި ކާބޯތަކެތީގެ ބާވަތްތަކާއި މެޝިނަރީ އަދި އިލެކްޓްރިކް ސާމާނެވެ.

މިދިޔަމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުދަށްވިކަން ފާހަގަކުރައްވާ ކަސްޓަމްސް އިން ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ރާއްޖެއިން 176 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ ނޮވެމްބަރުމަހު އެކްސްޕޯޓުކޮށްފައި ވަނީ 168 މިލިއަން ރުފިޔާގެ މުދާ ކަމަށާއި މިއީ 5 އިންސައްތަ ދަށް އަދަދެއް ކަމަށެވެ.

މިދިޔަމަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑު، ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، އެމެރިކާ، އަދި ފަރަންސޭސިވިލާތަށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 35 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ ތައިލޭންޑަށެވެ. އަދި 11 އިންސައްތަ މުދާ ޖަރުމަންވިލާތަށް އެކްސްޕޯޓުކޮށްފައިވާއިރު، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 9 އިންސައްތަ އެކްސްޕޯޓުކޮށްފައިވަނީ އިނގިރޭސިވިލާތަށެވެ.

ރާއްޖެއިން އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓްކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.