ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ބަނދަރުގައި ޒަމާނީ ފެންވަރުގެ ކެމެރާ ސިސްޓަމް ހަރުކޮށްފިއެވެ.
މިއީ ހަނިމާދޫ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސާވިސް ގުޅިގެން ކުރިއަށް ގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ. މި ކެމެރާތައް ބަނދަރުގެ ދެކޮޅުގައި ހަރުކޮށްފައިވާއިރު، ކެމެރާތަކުގެ އެހީގައި މުޅި ބަނދަރު ސަރަހައްދު ބަލައިލެވޭނެއެވެ. ކެމެރާތަކުގެ އެހީގައި ބަނދަރުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ނަގަމުން އަންނަނީ ހަނިމާދޫ ޕޮލިސްޓޭޝަނުންނެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބް ރައީސް ފިރާޤް މުޙައްމަދު މިކަމާއި ގުޅޭގޮތުން "ތިލަދުން" އާއި މަޢުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވެފައި ވަނީ ހަނިމާދޫ ބަނދަރުގައި ހަރުކުރެވުނު ކެމެރާތަކުގެ ސަބަބުން ރައްޔިތުންގެ މުދަލާއި ބަނދަރުގެ އަމާންކަން އިތުރުވެގެންދާނެ ކަމަށެވެ.

ފިރާޤު އިތުރަށް ވިދާޅުވެފައި ވަނީ ހަނިމާދޫގައި ގިނަ މީހުން އެއްވާ ސަރަހައްދުތަކާއި ރަށުގެ މުހިންމު ސަރަހައްދުތަކުގައި ކެމެރާ ހަރުކޮށް އެ ވިއުގަޔާއި ގުޅާލައި އެކަން އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ ވެސް ކައުންސިލްގެ ވިސްނުމެއް ކަމަށެވެ.
މި ޕްރޮޖެކްޓް ކުރިއަށް ގެންދިޔުމުގައި މޯލްޑިވްސް ޕޮލިސް ސާވިސްއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމެޕެނީ (އެމްޓީސީސީ) އިން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ފިރާޤް ވަނީ ކައުންސިލް ނަމުގައި ޝުކުރު އަދާކޮށްފައެވެ.
ހަނިމާދޫ ބަނދަރުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިންމާލާފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ. ހަނިމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި އެމްޓީސީސީން ކުރަމުން އަންނައިރު މިހާރު އެ ބަނދަރުގެ 93 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައެވެ.
ހަނިމާދޫ ބަނދަރު ބޮޑުކޮށް ނިމެމުން އަންނައިރު، އެމްޓީސީސީއާއި ގުޅިގެން ހަނިމާދޫ ބަނދަރު އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް ކައުންސިލުން ވެސް އަންނަނީ ކުރަމުންނެވެ. މިގޮތުން ބަނދަރު ފެހި ކުރުމަށްޓަކައި ރުކާއި ގަސް ކައުންސިލުން އިސްނަގައިގެން އެ ސަރަހައްދުގައި އިންދާފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!