ކުރީގެ ޢަދަދާއިގުޅޭ،

" މެސީގެ ފޭނެއްތަ؟" އެއްޗެއް ނުބުނެ އޮއްވާ އަނެއްކާވެސް ފައިހާގެ މެސެޖެއް ލިބުނެވެ. މެސެޖް ބަލާފައި ރިޕްލައި ނުކުރުމުން ވާހަކަ ދައްކަން ބޭނުން ނުވަނީއޭ ފައިހާއަށް ހީވެދާނެތީ ރީހާން ބޭނުންވީ ރިޕްލައި ކުރާށެވެ.

Ad
rt

" ހެހެހެ"

ލިޔާނެ އެއްޗެއް ނޭނގިގެން އޭނާ ހިނިގަނޑެއް ޖަހާލިކަން ހާމަކޮށްލިއެވެ.

" އަހަރެންގެ ފޮޓޯކޮޅު ފޮނުވާލަދޭންވީނު"

ފައިހާގެ މެސެޖް އައިލެއް އަވަސްކަމުން އޭނާ އެހުރީ ހަމައެކަނި ރީހާން އާއި ވާހަކަ ދައްކަން ހުސްވެގެންކަން އޭނާއަށް އެނގުނެވެ.

" ފޮނުވާލަދޭނަން މާދަމާ.. އޯކޭތަ؟ "

" އޯކޭ! ވާހަކައެއް އަހާލަންތަ؟"

ހީވާގޮތުން ފައިހާ ހުރީ ރީހާން އާ ވަރަށް ވާހަކަ ދައްކާހިތުންނެވެ.އެހެނަސް ރީހާން އެގޮތް ބޭނުން ނުވާކަހަލައެވެ. މީހެއްގެ ދިރިއުޅުމެއްގެ ތެރެއަށްވަނުމަކީ އޭނާ ކުރާނެކަމެއް ނޫނެވެ. ފައިހާއަކީ މަންމައެއްގެ އިތުރުން މީހެއްގެ ހައްޤެކެވެ.ފުރަތަމަ ނަޒަރުން، ރީހާންއަށް ފައިހާ ކަމުދިޔަ ނަމަވެސް ޙަޤީޤަތާއި ކުރިމަތިލާނެ ހިތްވަރު ރީހާންގެ ކިބައިގައި އެބަހުއްޓެވެ.

" ވާހަކައެއް؟ ކޮން ވާހަކައެއް؟ " ފައިހާ އޭނާގާތު އަހަންޖެހޭނެ ވާހަކައެއް އޮންނާނެބާއޭ ރީހާން ހިތަށް އެރިއެވެ.

" މެލޭޝިއާގައިތަ ދިރިއުޅެނީ ؟ "

ފައިހާގެ ބޭނުމަކީ ރީހާން އާ ވާހަކަދެއްކުންކަން ރީހާންއަށް ޔަޤީންވެއްޖެއެވެ.

" ނޫން ކޯހެއް ހަދަނީ.. އޯކޭ އިނގޭ! މާދަމާ ފޮނުވާލާނަން ފޮޓޯތައް "

ފައިހާ އާއި މާގިނައިން ވާހަކަ ދައްކަން ވެއްޖެނަމަ ގޯހެއް ހެދިދާނެތީ އޭނާ ބޭނުންވީ ވާހަކަ ދެއްކުން ހުއްޓާލާށެވެ. ރީހާންގެ ފަހު މެސެޖަށްފަހު ފައިހާގެ ޚަބަރެއްނުވިއެވެ. ހީވާގޮތުން ރީހާން ވާހަކަދައްކަން ބޭނުން ނުވާކަން އިޙްސާސްވީއެވެ،

ޝާމިން އާއި މުނާ މުޅި ދުވަސް ހޭދަކުރީ ރިސޯޓްގެ އެކި ސަރަޙައްދުތައް ބެލުމުގައެވެ. ބައިސްކަލް ދުއްވާ ދުއްވާ ވަރުބަލިވެގެން ދެމީހުން އައިސް ކޮޓަރިއަށްވަދެ، ސޯފާގައި އިނށީދެލިއެވެ.

" އާހް... ހާދަ ޓަޔަޑޭ! "

ސޯފާގެ ކުރިމަތީގައި ހުރި ކުޑަ މޭޒުގަނޑު މައްޗަށް ފައި އެއްލަމުން ޝާމިން ހަށިގަނޑު ދަމާލިއެވެ. އެއާއި އެކު މުނާގޮސް މިނީބަރ އިން އައިސް ފެންފުޅިއެއް ނަގާ ކަރުތެންމާލިތަން ޝާމިންއަށް ފެނުނެވެ.

" އޭ ތި ދީބަލަ މަށަށްވެސް! "

ތަންކޮޅެއް ބާރަށް ޝާމިން ގޮވާލުމާއެކު ފުޅި ހިފައިގެން އައިސް މުނާ ސޯފާގައި އިށީނެވެ. ހަމަ އެވަގުތެވެ. ޝާމިންގެ ފޯން ރިންގްވާންފެށިއެވެ. ވަރަށް އުނދަގުލުން އޭނާގެ ބިޔަ ހަށިގަނޑު ހިއްލާލުމަށްފަހު ސޯޓްގެ ފަހަތު ޖީބުގައި އޮތް ފޯން ނަގާ ބަލާލިއެވެ.

" އާނ ކީކޭ ސޮފާ"

މުނާ އިނީ ކަޅިޖަހާނުލާ ޝާމިންގެ މޫނަށް ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ޝާމިންގެ މޫނުގެ ކުަލަވަރު ބަދަލުވިތަން މުނާއަށް ފެނުނެވެ. އެވަގުތު އަވަސް އަވަހަށް ތެޅިގަނެފައި އޭނާ ކޮޅަށް ތެދުވިއެވެ.

" އެ ކީއްވެ ވީ ގޮތެއް؟ "

ހާސްވެފައި އިނދެ މުނާއަށްވެސް ކޮޅަށް ތެދުވެވުނެވެ.

" ކިހިނެއްވީތަ؟ "

ޝާމިންގެ ޓީޝާޓްގައި ހިފާލަމުން މުނާއަށް އަހާލެވުނެވެ.

" އޯކޭ! ބޭބެ ހަމަ މިއަދު ތިކޮޅަށް ދާނަން! މަންމަ ގާތު ބުނާތި ދެރަނުވާށޭ! ބޭބެ އާ ދައްތަ އެބަ ދެޔޭ އިނގޭ! "

ޝާމިން ފޯން ކަނޑާލުމަށްފަހު މުނާގެ ގައިގައި ވަރަށް ބާރަށް ބައްދައިގަތެވެ. އަދި އަޑުންއަޑުނަގާ ރޯންފެށިއެވެ. އެހިސާބުން މުނާއަކަށްވެސް ކެތެއް ނުކުރެވުނެވެ. މުނާގެ ދެލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ.

" މަންމައަށް ކަމެއްވީތަ؟ ބުނެބަލަ! ހުއްޓާލާފަ ކިޔާދީބަލަ!"

ޝާމިންގެ ބުރަކަށީގައި ފިރުމަމުން މުނާ މަސައްކަތްކުރީ އޭނާ ހަމައަކަށް އެޅުވޭތޯއެވެ. ހިތްފުރެންދެން ރުއިމަށްފަހު ޝާމިން މައިތިރިވިއެވެ. އަދި މުނާގެ އެހީ އާއިއެކު އޭނާ ސޯފާގައި އިށީނެވެ.

" މަންމަ،. މަންމަގެ އެއްފަޅި ވާގިނެތުނީ... މުނާ! އަހަރެންގެ މަންމަގެ... އެއްފަޅި... "

އަނެއްކާވެސް ޝާމިންއަށް ރޮވުނެވެ. ބޮލުގައި ހިފަަހައްޓާލައިގެން އިނދެ އޭނާ މަސައްކަތްކުރީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރާށެވެ. އޭރުވެސް މުނާ މަޑުމަޑުން ޝާމިންގެ ބުރަކަށީގައި ފިރުމަމުންދިޔައެވެ.

" މިހާރު އެ އަތޮޅު ހޮސްޕިޓަލަށް ގެންދަން އެއުޅެނީ.. ސޮފާ އާއި އެމީހުންގޭ މީހުންނޯތިބީ.. އަހަރެން ދާން ބޭނުުން"

މުނާގެ އަތުގައި ހިފާލަމުން ޝާމިން މުނާގެ މޫނަށްބަލާލިއެވެ. އެއާއިއެކު މުނާ ޝާމިންގެ އަތުގައި ބޮސްދިނުމަށްފަހު ހިނިތުންވެލިއެވެ.

" ކަންބޮޑުތިވީ އަހަރެމެންގެ ހަނީމޫން ކުރުކޮށްލަން ޖެހުނީމަ އަހަރެން ހިތްހަމަ ނުޖެހިދާނެތީތަ؟އަހަރެން ވަރަށް ދެރަވެއްޖެ! އަސްލު ޝާމިން ތިހެން ވިސްނައިގެންވެސް ނުވާނެއެއްނު! ޝާމިންއަށް ދިމާވާ ކޮންމެ ކަމެއްގައިވެސް ޝާމިންގެ އެންމެ ގާތުގައި ވާނަމޭ އަބަދު އަބަދު ކިޔާއިރުވެސް.... "

މުނާއަށް ވާހަކަ މެދުކަނޑާލަންޖެހުނީ، ކުއްލިއަކަށް މުނާގެ ތުންފަތުގައި ޝާމިން އިނގިލިޖައްސާލުމުންނެވެ.

" ޝްޝް.. ދެން ތިހެން ވާހަކަ ނުދައްކާ! އަހަރެން މުނާ އާއިމެދު ޝައްކެއް ނުކުރަން.."

މުނާގެ ވާހަކަތަކުން ޝާމިންއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނުކަން މުނާއަށް އެނގުނެވެ.

މާމުއިހަނދުގެ ދުވަސްތައް ކުރުކޮށްލުމަށްފަހު ޝާމިންގެ ދެވަނަ މަންޒިލަކަށްވީ އޭނާގެ އުފަންރަށެވެ. އެމީހުންނަށް އެރަށަށް ދެވުނު އިރު ، ޝާމިންގެ މަންމަވެސް ރަށަށް ގެނެއްސިއެވެ.

" ދިވެހި ބޭސްފަރުވާކޮށްގެން ރަނގަޅުވާނެކަމަށްވަނީ! މިރަށުގަ އުޅޭ ސާފިޔާދައިތަގެ ބޭސްފަރުވާ ވަރަށް މޮޅުކަމަށްވަނީ..ކޮންމެ ދުވަހަކު ދެއިރު މޫދަށް ގެންގޮސް ތެޔޮ ދަމާ ހެދީމަ ރަނގަޅުވެދާނެ އިންޝާﷲ" މަންމަ ރަނގަޅުވާނެ ކަމުގެ އުއްމީދެއް ލިބުމުން ސޮފާހުރީ ހިތްހަމަޖެހިފައެވެ. ޝާމިން އިނީ އޭނާގެ މަންމަގެ އަތުގައި ފިރުމާލަ ފިރުމާލައެވެ.

" މަންމަ ދެރަނުވައްޗޭ! އަހަރެމެން މިތިބީ މަންމަ އާއި އެކީގަ.. "

ލޯތްބާއި އެކު ސަމީހާގެ ބޮލުގައި މުނާ ފިރުމާލިއެވެ.ވެފައި އިން ދެރައިން ސަމީހާއަށް އަދިވެސް އަނގައިން ނުބުނެވެއެވެ. އޭނާގެ ލޯބިވާ ދެދަރިންނާއި އެކުދިންގެ ބައިވެރިންވެސް އެތިބީ އޭނާގެ ޚިދުމަތުގައިކަން ސަމީހާއަށް އެނގެއެވެ. އެހެނަސް ސަމީހާގެ ފަރާތުން އެކުދިންނަށް ތަކުލީފެއް ލިބޭކަށް އޭނާ ނޭދެއެވެ.

" ބޭބެމެން ހިނގާ ސައިބޯންދާން.. ކޮންއިރެއް މިހާރު އައިސްތިއުޅެނީ. އަހަރެން ހުންނާނެ ހެދިކާ ގެނެސް މިގެއަށް.. "

މުނާ އާއި ދިމާއަށް ބަލާލަމުން ސޮފާއެހެން ބުނެލުމާއެކު މުނާ ތެދުވިއެވެ.

" މަންމަ ގާތު ސޮފާ މަޑުކޮށްލާ! ދައްތަ އަންނާނަން ސައިތައްުޔާރުކޮށްގެން. މަންމަވެސް އަހަރެމެންނާއެކު ސައިބޯންވާނެ! "

ސަމީހާގެ މޫނާއި ދިމާއަށް ކުޑަކޮށް ގުދުވެލަމުން މުނާ ހިނިތުންވެ ބުންޏެވެ. އެހެނަސް ސަމީހާގެ މޫނުމަތިން މޮޅިވެރިކަން ނޫން އިތުރު އެއްވެސް އަސަރެއް ނުފެނެއެވެ.

ރީހާންގެ އުޅުމަށް ބަދަލުތަކެއް އަންނަކަން ފަޔާޒް އާއި މޯޑަށް ފާހަގަކުރެވޭކަށް މާ ގިނަ ދުވަހެއް ނުނެގިއެވެ. އެމީހުންނާއެކު ތަންތަނަށް ދާން އިންކާރު ކުރުމާ، ތާއަބަދު ރީހާން ކޮޓަރީގައި އޮތުން ގިނަވުމުން ފަޔާޒަކަށް މަޑަކުން ނުހުރެވުނެވެ.

" އޭ މޯޑު! މި ރީހާނަށް ކީއްވެގެންތަ މިއުޅެނީ؟ މީނަ މިހާރު މިއުޅެނީ އިޝްޤީީބަލި ޖެހިގެން އުޅޭ މީހުން އުޅޭ ވައްތަރަށް . އާވާރާ ވެގެން. "

ފަޔާޒްގެއެ ޖުމްލައިން، ކިތަންމެ ފޮރުވަން އުޅުނު ނަމަވެސް، ފަޔާޒްމެންނަށް ކަމެއް އެނގިއްޖެކަން ރީހާންއަށް ޝައްކުވިއެވެ.

" މަ؟ މަށަކަށް ކަމެއްނުވެ! ކަލޭމެން ނުކިޔަވާ ތެޅިބާލަނީ.. މަ މިއައީ މިތަނަށް ކިޔަވަން! "

ރީހާން ތަންކޮޅެއް ބާރަށް އެހެން ބުނުމުން މޯޑު ވަރަށް ބާރަށް ހިނިގަނޑެއް ޖަހާލިއެވެ. އަދި ފަޔާޒް އާއި ދިމާއަށް ބާލީހެއް އެއްލަމުން ބުންޏެވެ.

" ތެދެއް ކަލޭ ކިޔަވަބަލަ ތާއަބަދު ކޮޓަރީގަ އޮވެގެން... މީނައަށް ކޮންމެވެސް ކަމެއް ވެއްޖެ! އޭ ކަލޭ ކިތަންމެ ސިއްރުން އުޅުނަސް އަހަރެމެން ތިއެއް ހޯދާނަން އިނގޭ! "

އެނދުން ތެދުވެ، ލައިގެން ހުރި ޓީޝާޓް ރަނގަޅުކޮށްލަމުން މޯޑު ބޭރަށް ނުކުތެެވެ. އޭނާގެ ފަހަތުން ފަޔާޒްވެސް ނިކުތީ ރީހާންއަށް މަލާމާތްކުރާ ފަދަ ގޮތަކަށް ބަލަމުންނެވެ.

އޭރުވެސް ރީހާން އެ އޮތްގޮތަށް އޮވެ ފޯން ބަލަމުން ދިޔައެވެ. ފައިހާގެ ފޮޓޯތައް އެޑިޓް ކުުރުމަށްފަހު އޭނާ ފައިހާއަށް ފޮޓޯތައް ފޮނުވާލިއެވެ. ފޮނުވާލުމާއެކު ފައިހާ އެ މެސެޖްތައް ބަލައިފިއެވެ.ރީހާން ބޭނުންވީ އަވަހަށް ފޯން ބާއްވާފައި ނިދާލާށެވެ. ފައިހާ ވާހަކަ ދައްކާނެކަން އޭނާއަށް ޔަޤީންވާތީވެ، އެގަޑީގައި އޭނާ އަވަހަށް އޮފްލައިންވިއެވެ. އޭރުވެސް އޭނާގެ ހިތް އެދެމުން ދިޔައީ ފައިހާ އާއި ވާހަކަ ދައްކާލުމަށެވެ. އެހެނަސް ރީހާން އެހުރީ ގަދަބާރުން އޭނާގެ ނިކަމެތި ހިތް މައިތިރި ކުރުވައިގެންނެވެ.

ދެތިން ގަޑިއިރު ނިދާލުމަށްފަހު އޭނާ ހޭލީ، ފަޔާޒް އާއި މޯޑު ވާހަކަ ދައްކާ އަޑަށެވެ. އަވަސް އަވަހަށް ފޯނު ނަގާ އޮންލައިންވީ ފައިހާގެ މެސެޖެއް އޮތްތޯ ބަލާލާށެވެ. އޭނާ ހައިރާންވީ ފައިހާ ފޮނުވާފައި އޮތް ދެތިން މެސެޖެއް އޭނާ ޑިލީޓްކޮށްފައި ހުރުމުންނެވެ. އޭނާ އެ ދެއްކި ވާހަކަތައް އެނގެންވެސް ރީހާން ބޭނުންވިއެވެ. އެހެނަސް އަލުން މެސެޖްކޮށް ވާހަކަ ދައްކާކަށް ރީހާންއަކަށް ނުކެރުނެވެ. ފޮޓޯތައް ބަލާފައި ޝުކުުރުގެ މެސެޖެއްވެސް ފައިހާ ކޮށްފައެއް ނެތެވެ. އަނެއްކާ އޭނާގެ ފިރިމީހާއަށް އެނގިގެން ރުޅި އައީ ބާވައޭވެސް ރީހާން ހިތަށް އެރިއެވެ.

" އޭ ކަލޭ މޮޔަވެފަތަ ތި އޮންނަނީ؟ ހިނގާބަލަ އަހަރެެންނާއެކީ ފިލްމަށް ދާން" ބާރުބާރަށް މޯޑު ބުނެލިއެވެ. އެއާއި އެކު ރީހާން ތެދުވެ ފާރުގައި ލެނގިލުމަދްފަހު މޯޅިއަކަށް ދެމިލިއެވެ.

" ހޫމް... ދެމޭ ދެމޭ އަދިވެސް ކުރުމީހެއް ކަމަށް! "

މޯޑު އަނެއްކާވެސް ދިމާކޮށްލިއެވެ. މިފަހަރު ރީހާންގާތަށް ހިނިއައެވެ. އެމަންޒަރު ފެނި، ފަޔާޒް އޮތީ ވަރަށް ހިތްހަމަޖެހިފައެވެ. ކޮންމެ އޮފް ދުވަހަކު އެމީހުން ސިނަމާތަކަށް ފިލްމު ބަލަންދެއެވެ. އެއީ ސިކުނޑިތާޒާކޮށްލާ، މަޖާކުރުމަށްޓަކައި އެމީހުން ކުރާކަމެކެވެ.

" ކޮން ފިލްމެއްތަ އޮތީ. ކުރީގެ ހިންދީ ފިލްމެއް ނެތްތަ ؟"

ރީހާން އެނދުން ފައިބަމުން ބުންޏެވެ،

" ދިލް ހެއި ތުމްހާރާ ކިޔާ އެއްޗެއް އޮތީ.. މަ ބެލިން އޭތި ވަރަށް ކުރިން،... މި ރީހާން ކަހަލަ ގޮލައެއް އުޅޭނީ އޭގަ. ލޯބިވެގެން އަވަދި ވާއިރުވެސް ބުނާކަށް ނުކެރޭނެ. އެންމެ ފަހުން ގޮއްޔަ ގެއްލޭ އިރުވެސް އޭނާ ހުންނާނެ ބުނަން ނުކެރިގެން.. ޔަޤީން މީނަ މިއުޅެނީ އެކަހަލަ އެއްޗެއް ވެގެން.."

މޯޑު ފަޔާޒްއަށް އެއްލޯ މަރާލިއެވެ.

" އޭ ކިޔާބަލަ ނިކަން އަހަރެމެން ކައިރީވެސް... ކޮލެޖް ބިޓެއްތަ؟"

ފަޔާޒްވެސް އެ މައުޟޫއާ ވަރަށް ގަޔާވެއްޖެކަން ރީހާންއަށް އެނގުނެވެ. އެކަމަކު އޭނާ އެއްވެސް ޝައުޤުވެރިކަމެއް ނެތުމުން ތެދުވެގެން ފާޚާނާ އާއި ދިމާއަށް ހިނގަައިގަތެވެ..

" އޯކޭ ރީހާން ކަލޭ ދާނަންދޯ ؟"

ޖީބުން ފޯނު ނަގަމުން މޯޑު ކުރި ސުވާލަށް ރީހާން އާނއެކޭ ބުނެ ފާޚާނާއަށް ވަނެވެ،

ސަމީހާގެ ބޭސްފަރުވާގެ ކަންތައް ވަރަށް ފަރުވާތެރިކަމާއެކު ޝާމިންދަނީ ބަލަހައްޓަމުންނެވެ. ކިތަންމެ ބޮޑު ޚަރަދެއްކޮށްގެން ވިޔަސް ޝާމިން ބޭނުންވަނީ އޭނާގެ މަންމަ އެބަލިން ރަނގަޅުކުރުމަށެވެ. ޗުއްޓީ ހުސްވަންދެން ޝާމިން ދުވަސްތައް ހޭދަކުރީ އެރަށުގައެވެ.

" ދެން ކިހިނެއް ހަދަން ތި ވިސްނަނީ؟"

ތެޅިތެޅި އޮތް ހިތަކައިގެން މުނާ ސުވާލުކުރިއެވެ. ޖަވާބެއްދޭން ދަތިވެފައި އޮތް ޝާމިން މުނާގެ ބުރަކަށީގައި ފިރުމާލިއެވެ. އޭނާ އެއޮތީ އޭނާގެ ނިންމުން މުނާގާތު ބުނަންވެސް ނުކެރިފައެވެ.

" ބުނީމެއްނުދޯ އަހަންނަށް ދިމާވާ ކޮންމެ ކަމެއްގައިވެސް އަހަންނާ އެންމެ ގާތުގައި ވާނަމޭ"

ޝާމިންގެ ޖުމްލައިން، ބޯ ހިއްލާލުމަށްފަހު އޭނާގެ މޫނަށް މުނާ ބަލައިލިއެވެ.މުނާގެ މޫނުމަތީގައި ކޮންމެވެސް ވަރެއްގެ ހާސްކަމެއް އެކުލެވިގެންވާކަން ޝާމިން ދެނެގަތެެވެ.

" ހޫމް.. އަހަރެން ބުނިން ތިހެން.. "

" އެހެންވީމަ މިހާރު މިއޮތީ އަހަންނަށް މުނާގެ އެހީތެރިކަމަށް އެދެން ޖެހިފަ! މުނާ! އަހަރެންގެ މަންމަ ގާތު މިރަށުގަ މަޑުކޮށްދޭންވީނު! "

ޝާމިން އެ ދޫކޮށްލި ޖުމްލައިން މުނާގެ ދެލޯ މެރިގެން ދިޔައެވެ. ފަހަރެއްގައިވެސް ޝާމިން އާއި ދުރުގައި ހުރުމަކީ އޭނާއަށް ކުރެވޭނެކަމެއް ނޫނެވެ. އެއީ އޭނާ ބޭނުންވެސް ވާގޮތެއް ނޫނެވެ.

" އެކަމަކު.... އަހަރެން ޝާމިންއާ ވަކިން... އަހަންނަށް.. ވަރަށް އުނދަގުވާނެ! ނޫޅެވޭނެ ޝާމިން އާ ދުރުގައެއް.." އޭރު މުނާގެ ދެލޮލުން ކަރުނަތައް ފައިބަން ފަށައިފިއެވެ. އެހެނަސް ޝާމިން ހުރީ އޭނާގެ ނިންމަުން ބަދަލު ކުރާ ގޮތަކަށް ނޫނެވެ.

" ނުރޮއިބަލަ ! ހުއްޓާލާ ދެން! މުނާއަށް ފެންނާނެ މަންމަގެ ބަލިޙާލަތު ހުރިގޮތް.. ސޮފާ އާ އެގޭ މީހުންތައް ކިތަންމެ ރަނގަޅަކަސް އަަހަރެންގެ ފަރާތުން އެއްވެސް މީހެއްނެތް މަންމަ ގާތަކު.. ވަަރަށް ބޭނުން އަހަރެންގެ އަނބިމީހާގެ ފަރާތުން މަންމައަށް އެހީތެރިކަން ފޯރުކޮށްދޭން. މީ އަހަރެން މުނާގާތު އެދޭނެ އެންމެ ބޮޑު އެދުންކަމުގަ ބަލާދެން.."

ޝާމިން އާއި ދެކޮޅަށް އެއްވެސް އެއްޗެއް ބުނާކަށް މުނާ ބޭނުމެއްނޫނެވެ. އޭނާ ބޭނުމެއްނޫނެވެ. ލޯބިވާ ފިރިމީހާއަށް ކިޔަމަންތެރިވުމަކީ އޭނާ އަަބަދުވެސް ބޭނުންވާގޮތެވެ،

" ސޮރީ ޝާމިން.. އަހަރެން އަސްލު އެހެން ބުނީ ޝާމިން އާ ދުރުގަ އުޅެން އަހަންނަށް އުނދަގު ވާނެތީ.. ވަރަށް ދެރަވާނެ! އެކަމަކުވެސް... ޝާމިންގެ މަންމަ ބެލުމަކީ އަހަރެންގެވެސް ޒިންމާއެއް.. އަހަރެން މިހުރީ ޝާމިންގެ ތިއެދުން ފުރިހަމަކޮށްދޭން ތައްޔާރަށްހަމަ.."

އެއްބަސްވީ ނަމަވެސް މުނާ ދެރަވެފައިވާވަރު ޝާމިންއަށް އިޙްސާސްކުރެވުނެވެ. އެއީ ޝާމިންވެސް ބޭނުންވާ ގޮތެއް ނޫނެވެ. އެހެނަސް މިއަދު މަންމައަށްޓަކައި އޭނާއަށް އެގޮތަށް ޢަމަލުކުރަން މިވަނީ މަޖުބޫރުވެފައެވެ.

" އޮފީހުން ގުޅާފަ ބުނި ހުރިހާ ޗުއްޓީއެއް މިހާރު ހުސްވެއްޖޭ! އަންނާށޭ! އަހަރެން މިހުރީ މުނާގާތު އެހެން ބުނަންވެސް ނުކެރިފަ! އަހަންނަށް ފަހަރެއްގަ މާދަމާވެސް ފުރަންޖެހިދާނެ! "

ޝާމިންގެ ޖުމްލައިން މުނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާވަނީ މުޅިން މާޔޫސްވެ ރޮވޭގޮތްވެފައެވެ.

" މާދަމާ؟ ދެން ނޫން...ޗުއްޓީތައް ހުސްވީމަ ކިހިނެތް ޝާމިން ދެން އަންނާނީ؟ ބުނެބަލަ ކިތައް ދުވަސް ފަހުން ދެން އާދެވޭނީ ؟ "

ޝާމިންގެ ބޮލުގެ އިސްތަށިގަނޑާއި އިނގިލިތަކުން ކުޅެލަމުން މުނާ އެހިއެވެ. އަނެއްކާޥެސް ޖަވާބެއްނުދީ ޝާމިން އޮތެވެ.

" ދެން ޗުއްޓީ ލިބޭނީ ހަމަސް ފަހުން! "

ޝާމިން އެހެން ބުނުމުން މުނާއަށް އޮވެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

" އޭ! ކިހިނެއްވީ އެއްޗެއް ނުބުނީ؟"

ލަސްލަހުން ޝާމިން ސުވާލުކުރިއެވެ، ހިންދިރުވާލުމަށްފަހު މުނާ ވާހަކަ ދައްކަންފެށިއެވެ.

" ކަމެއްނުވެ! އަހަރެން ކޮންމެ އެއްޗެއް ބުންޏަސް ތިގޮތަށްތާ ތިކަން ވާނީ.. ދެން އެއްޗެއް ބުނުމުގެ ބޭނުމެއް ނެތެއްނު.. އިންތިޒާރު ކުރާނަން.. ކެތްތެރިވާނަން އިންޝާﷲ"

މުނާގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. އެކަންތަކަށް މާބޮޑަށް އަޅާލައިފިނަމަ މިރޭ މުނާ ވަރަށް ރޯނެކަން ޝާމިންއަށް އެނގެއެވެ. އެހެންކަމުން ޝާމިން ބޭނުންވީ އެވާހަކަތައް އިތުރަށް ނުދައްކާހުރުމަށެވެ.

ހެނދުނުގެ މަޑު އަވީގައި މޫދަށް އެރުމަށްފަހު ސަމީހާގެއަށް ގެނައެވެ. އޭރު ބޭސްވެރިޔާ ތައްޔާރުވަމުންދަނީ ތެޔޮ ދެމުމުގެ މަސައްކަތާއިގެންނެވެ.

" ޓިކެޓް ހަމަޖެހިއްޖެ! އަހަރެން ދާން ޖެހިއްޖެ މަންމާ! "

ފޯނަށް ބަލަހައްޓައިގެން ހުރެ ޝާމިން ވާހަކަ ދެއްކިއެވެ. އެޖުމްލައިން އެންމެ އަސަރުކުރީ މުނާއަށެވެ. އޭރު އޭނާ ހުރީ އެންމެންނަށް ސައިހަދައިގެން އައިހެވެ،

" ދަރިފުޅު މުނާ ގޮވައިގެން ދާންވީނު! މަންމައަށް އެހީތެރިވާން މިތިބީ އެންމެން މިތާ! "

މަޑުމަޑުން ސަމީހާ ބުނެލިއެވެ. ޝާމިން ބަލައިލީ މުނާގެ މޫނަށެވެ. މުނާގެ މުނާގެ ދެލޮލުންވެސް އޭނާ ޝާމިން އާއިއެކު ދާން ބޭނުންވާވަރު ހެކިދެއެވެ. މުނާގެ މާޔޫސީ މޫނު ފެނުމުން ޚުދު ޝާމިންގެ ހިތަށްވެސް ވަރަށް އަސަރުކުރުވައެވެ. އެނދާއި ކުޑަކޮށް ކައިރިއަށް ޖެހިލަމުން ސަމީހާގެ އަތުގައި ޝާމިން ހިފާލިއެވެ.

" ކިތަންމެ ގިނަ މީހުން ތިއްބަސް މަންމަގެ މި ދަރިފުޅެއް ނުހުންނާނެއެއްނު! އެއީ އަހަރެންނަށް ލިބިގެންދާ ވަރަށް ބޮޑު ހިތްދަތިކަމެކޭ މަންމާ! އެހެންވެ އަހަރެން މުނާ މިބަހައްޓަނީ! އަހަރެން ދެން އަންނާނީ މުނާ ބަލާ! "

ޝާމިން މުނާއަށް ބަލާލަމުން އެހެން ބުނެލި ނަމަވެސް މުނާގެ ހިތަށް އުފަލެއް ނުލިބުނެވެ. އެހެނަސް އޭނާ ކެތްތެރިކަން އިސްކުރީ ފިރިމީހާގެ އުފަލަށްޓަކައެވެ.

ދުވަހުގެ އެންމެ ހޫނުގަދަ ވަގުތެވެ. ކޮލެޖް ނިންމާލުމަށްފަހު ރީހާން ނިކުމެ ހިނގަމުންދިޔައީ ފޮޓޯ ނަގާނެ ރީތި މަންޒަރެއް ފެނޭތޯއެވެ. ކޮނޑުގައި އަޅުވާފައި އޮތް ކަޅުކުލައިގެ ދަބަސް ކޮނޑުން ނައްޓާލުމަށްފަހު ވިނަގަނޑުމައްޗަށް ވައްޓާލިއެވެ. އަދި ދެމުންދާ ރަތްގަދަ އަވީގައި އޭނާ މަސައްކަތްކުރަމުންދިޔައީ ދުރުން ކޯޅެމުންދިޔަ ދެ ބުޅަލުގެ ފޮޓޯ ނެގުމުގައެވެ.

" ހައި! " ލޮލުގައި ކެމެރާ ޖައްސައިގެން ހުރި ރީހާން ސިހުނީ ފައިހާގެ އަޑުންނެވެ،

" ފަ...އިހާ މިތާ؟ "

ހައިރާންވެފައި ރީހާން ސުވާލުކޮށްލިއެވެ. އަދި ވަށައިގެން ހޯދާލީ އެއްވެސް މީހެއް ފެންނަން ހުރިތޯއެވެ.

" ތި ހޯދަނީ އަހަރެންގެ ދަރިފުޅުތަ؟ އާލްވީ އާލްގެ ބައްޕަގޭގަ.."

ފައިހާގެ ޖަވާބުން ރީހާންގެ ހިތުގައި އިތުރަށް ވާހަކަ ދެއްކުމުގެ ޝައުޤުވެރިކަން އުފެދުނެވެ.

" ތިބުނީ؟ "

" މިބުނީ އޭނަ ބައްޕަގެގެއަށް ގެންގޮސްވީ.. "

ޖެހިލުމެއްނެތި ފައިހާ ބުންޏެވެ. ރީހާން ގުދުވެލާފައި ދަބަސް ނަގާ ކެމެރާވެސް އޭގެތެރެއަށްލިއެވެ.

" ދެމީހުން ދެގޭގަތަ އުޅެނީ ؟ " ރީހާން އަހާލިއެވެ. އޭނާ ހިތްއެދޭ ކަހަލަ ޖަވާބެއް ފައިހާ ދޭތޯއެވެ. ޖަވާބެއް ދިނުމުގެ ބަދަލުގައި ފައިހާ ފެށީ ހޭށެވެ.

" ނޫން.. ހަމަ އެއްކޮށް! ވަކިން ގެ ހުންނާނީ! ހައިދަރަކީމެލޭޝިއާ މީހެއް. އޭ އޯކޭ އިނގޭ މިހާރު އާލް އަންނާނެ،، ދަނީ.. "

ގަޑިބަލާލުމަށްފަހު އޭނާ ދުއްވައިގަތެވެ. ޖެހިގެން އޮތް ގޯޅިތެރެއަށް ފައިހާގޮސް ވަންނަންދެން ރީހާންއަށް ހުރެވުނީ ބަލާށެވެ. ފައިހާގެ ހިނިތުންވުމުގައި ސިއްރުތަކެއް ފޮރުވިފައި ވާހެން ރީހާންއަށް ހީވާންފެށިއެވެ.

**

ޝާމިން އާއިއެކު ބަނދަރަށް ދާކަށް މުނާ ބޭނުމެއްނުވިއެވެ. މީހުންގެ ތެރޭގައި ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. އޭގެ އިތުރުން ޝާމިން ފުރައިގެން ދާ މަންޒަރު ބެލުމަކީ މުނާއަށް ކުޅަދާނަކަމެއްނޫނެވެ،

" ހަމަ ނުދާނަންތަ؟ "

ކޮނޑުގައި ދަބަސް އަޅުވާލަމުން ޝާމިން އަހާލިއެވެ. އޭރުވެސް މުނާ އިނީ އެނދުމަތީ އިށީނދެލައިގެންނެވެ. އިސްޖަހާލައިގެން އިން މުނާގެ ދަތްދޮލީގައި ހިފާލަމުން އޭނާގެ ނިތްކުރީގައި ޝާމިން ބޮސްދިނެވެ.

" ދޫނީ... ބަލައި އަހަރެން އަންނާނަމޭ! ދެރަނުވެބަލަ ި! އަހަރެންނަށް އެކަނިވެސް އެތާ އުޅެވޭނެ. ނުވިސްނައްޗޭ! "ޝާމިން އެތައް ވާހަކައެއް ދެއްކުމުންވެސް މުނާ އެއްވެސް އެއްޗެއް ނުބުންޏެވެ. ހިތަށް ކުރާ އަސަރުތައްވެސް އޭނާއަށް ބަޔާންކޮށްދޭން ދައްޗެވެ. މުނާ އެއްޗެއް ނުބުނުމުން އޭނާގެ ބޮލުގައި ފިރުމާލުމަށްފަހު އަނެއްކާވެސް ޝާމިން ބުންޏެވެ.

" ބަލައިގެން އުޅެއްޗޭ! ކޮންމެ ކަމެއްވިޔަސް އަހަރެން ގާތު ބުނާތި! ވަރަށް މިސްވާނެ! " ޝާމިން މުނާ އާއި ދުރަށް ޖެހިލަމުން މުނާގެ ދެކޮނޑުގައި ހިފާ ކޮޅަށް ނެގިއެވެ،.

" ދެން ހަގެއްވެސް ނުދޭންތަ ތި ހުންނަނީ ؟ "

ދެރަވެފައި ހުރި މުނާ މަޑުމަޑުން ޝާމިންގެ ގައިގައި ބައްދާލިއެވެ.

" އަހަރެން ބޭނުން ދާން...." ބޭއިޙްތިޔާރުގައި މުނާއަށް ބުނެވުނެވެ، އެއާއިއެކު ޝާމިން އޭނާ ދުރުކޮށްލުމަށްފަހު ހީލިއެވެ.

" ހޫމް.. ބަލާ އަންނާނަމޭ! ދެރަނުވެބަލަ! "

" ދޮންބޭ އަތިރިއަށް ދާށޯ ލޯންޗް އަތުވެއްޖެ! "

ބޭރުން އިވުނު ސޮފާގެ އަޑަށް ޝާމިން އަވަސްވެގަތީ ނިކުތުމަށެވެ. މުނާ އަނެއްކާވެސް އެނދުމަތީ އިށީނެވެ. ކޮޓަރީގެ ދޮރު ލައްޕާލަމުންވެސް ޝާމިން މުނާއަށް ބަލާލިއެވެ. އެހިނދު ގަދަކަމުން މުނާ ހީލީ ޝާމިންގެ އުފަލަށްޓަކައެވެ. ޝާމިން ދިޔުމާއެކު މޫނުގައި އަތްއަޅާ މުނާ ރޯންފެށިއެވެ. ޝާމިންގެ އެ ނިންމުމަށް އޭނާ އިޙްތިރާމް ކުރި ނަމަވެސް މުނާގެ ހިތްވަނީ މިލާ މޯޅިވެފައެވެ. ރޯން ބޭނުން ނުވިނަމަވެސް މުނާއަށް ހަމަ ރޮވެނީއެވެ. އެއާއިއެކު އޭނާގެ ބޮލަށް ފާޑެއްގެ އެނބުރުމެއްވެސް އަރަންފަށައިފިއެވެ. ތެދުވަން ބޭނުންވި ނަމަވެސް ބޮލުގައި ހުރި އެނބުރުމުގެ ސަބަބުން ތެދުވާކަށް ނުކެރުނެވެ. މަޑުމަޑުން އެނދުގައި މުނާ އޮށޯތެވެ. އޭރު އާދަޔާ ޚިލާފް އުނދަގޫތަކެއްގެ އިޙްސާސް މުޅި ހަށިގަނޑަށް ކުރަމުންދެއެވެ.

** ނުނިމޭ **

ސިލްސިލާ ވާހަކަ: ޙައްޤުގައި (7)

ސިލްސިލާ ވާހަކަ: ޙައްޤުގައި (7)

(ނިމުނީ)