ށ. ފޯކައިދޫ ކައުންސިލް ސްޕޯޓްސް ފިއެސްޓާ 2022 ގައި ހިމެނޭ ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް، ފައިނަލުގެ ފުރަތަމަ ޖާގަ ބްލަޑް ބްރަދާސް ހޯދައިފިއެވެ.

މިއަދު ހަވީރު ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ބްލަޑް ބްރަދާސްއާއި ސްޕަރ ސްޓާ ބައްދަލު ކުރި މެޗު، ބްލަޑް ބްރަދާސް ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ބްލަޑް ބްރަދާސްގެ ޖޯޒީ ނަމްބަރު 7، މުޙައްމަދު ރިޝްވާންއެވެ.

Ad
rt

ބްލަޑް ބްރަދާސް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައި މިވަނީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުވެ ލިބުނު ހަތް ޕޮއިންޓާއި އެކުގައެވެ. މިއަދުގެ މެޗުން ބަލިވުމުން ސްޕަރ ސްޓާ ވަނީ މުބާރާތުން ކަޓާފައެވެ.

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ރިޝްވާނަށް އިނާމް ދެނީ، ފޮޓޯ: ފޯކައިދޫ ކައުންސިލް

މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަ ހޯދާ ޓީމެއް ކަށަވަރުވާނީ ގްރޫޕް ބުރުގެ ފަހު މެޗުގައި މާދަމާ ޔަންގް ވިނާސްއާއި މަޑުފެހި ބައްދަލުކުރާ މެޗަށް ފަހުއެވެ. މި މެޗު މާދަމާ ހަވީރު 16:00 ގައި ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި ކުޅޭނެއެވެ.

މި މުބާރާތް ރާވާލާފައި ވަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފައިނަލުގެ ޖާގަ ލިބޭ ގޮތަށެވެ. މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ ދިހަވަނަ ދުވަހު ހަވީރުއެވެ.

މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ބްލަޑް ބްރަދާސް، ޔަންގް ވިނާސް، މަޑުފެހީގެ އިތުރުން ސްޕަރ ސްޓާއެވެ.

މިއީ ފޯކައިދޫގައި ފުޓްބޯޅައިގެ ރޫޙް ދިރުވައި އާލާ ކުރުމަށާއި، ފޯކައިދޫގައި ހުނަރުވެރި ޤާބިލު ފުޓްބޯޅަ ކުޅުންތެރިންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފޯކައިދޫ ކައުންސިލުން އިންތިޒާމްކުރާ މުބާރާތެކެވެ.