އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ ފަރާތުން އިހަވަންދޫގެ މަސްވެރިންގެ އަގުވަޒަން ކުރުމުގެ ގޮތުންދޭ "އިމަގު މަސްވެރިކަމުގެ އެވޯޑްސް 2022" އަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އިމަގު މަސްވެރިކަމުގެ އެވޯޑްތަކަކީ އިހަވަންދޫއަށް މަސްވެރިކަމުގެ ދާއިރާގައި ޝަރަފުވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ދާއިރާއިން އަގުހުރި އެކިއެކި ޚިދުމަތްތައް އިހަވަންދޫއަށް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، މަސްވެރިކަމުގެ ދާއިރާއިން ދުނިޔޭގެ ފެންވަރުގައާއި ޤައުމީ ފެންވަރުގައާއި އަދި އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި އިހަވަންދޫއަށް ރީތި ނަމާއި ޝަރަފު ހޯދާދީފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ ފަސް އަހަރަކުން އެއްފަހަރު އިމަގު ޖަމިއްޔާގެ ފަރާތުން ދޭ އެވޯޑުތަކެކެވެ.
މި އެވޯޑްތައް މައިގެންޑު ތިން ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ދާއިރާތަކަކީ މަސްވެރިކަމުގެ ހިތްވަރުދިނުމުގެ އިނާމް، މަސްވެރިކަމުގެ ދާއިރާއިން ޚާއްޞަ ޚިދުމަތުގެ އިނާމްގެ އިތުރުން މަސްވެރިކަމުގެ ހަޔާތީ އަރުތައިގެ އިނާމެވެ.
މަސްވެރިކަމުގެ ހިތްވަރު ދިނުމުގެ އިނާމް ޖުމްލަ އަށް ދާއިރާއަކުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ ދާއިރާތަކަކީ އެންމެ ޒުވާން ކެޔޮޅު، އެންމެ ގިނަ ދުވަސްވީ ކެޔޮޅު، އެންމެ ޚިދުމަތްތެރި ކެޔޮޅު، އެންމެ ޚިދުމަތްތެރި އޮޑިވެރިޔާ، އެންމެ ޒުވާން އޮޑިވެރިޔާ، އެންމެ ގިނަ ދުވަސްވީ އެންކެޔޮޅު، އެންމެ ޒުވާން މަސްވެރިޔާގެ އިތުރުން އެންމެ ދުވަސްވީ މަސްވެރިޔާއެވެ.
މި އެވޯޑްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން އެކަމަށް ފިރިހަމަ ކުރައްވަން ޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ހުށަހެޅުމަށް އިމަގު ޖަމިއްޔާއިން އެދިލައްވައެވެ.
ފޯމް:
އެވޯޑް ދިނުމުގެ އުސޫލް:
އިމަގު މަސްވެރިކަމުގެ އެވޯޑް ދިނުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ގައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައާއި އަދި ރަށު ފެންވަރުގައި އިހަވަންދޫގެ މަސްވެރިން ކުރަމުންދާ މަސައްކަތު އަގުވަޒަންކޮށް ހިތްވަރުދިނުމާއި، ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ރޫޙު އާލާކޮށް، މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުމާއި، މަސްވެރިކަމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ މެދުގައި މަސްވެރިކަމުގެ ރޫޙް އާލާކުރުމާއި، މަސްވެރިންކުރާ އަގުހުރި މަސައްކަތްތަކާއި ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ އިތުރުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާނެ އިހަވަންދޫގެ ދަރީން އިތުރުކުރުމަށް ހިތްވަރުދިނުމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!