ރާއްޖޭގެ މެރިން ސާވިސަސްގައި ކުރިއަރަމުން އަންނަ ޖަލްބޫޓް މޯލްޑިވްސް އާއެކި އުރީދޫ މޯލްޑިވްސް އިން ޕާޓްނާޝިޕެއް ގާއިމް ކޮށްފިއެވެ.

މިއީ ޖަލްބޫޓްގެ އުޅަނދުތަކުގައި ދަތުރު ކުރާ ފަތުރުވެރިންނަށް ފަސޭހަކަމާއެކު މުވާސަލާތީ ޙިދުމަތްތައް ފަހިކޮށްދީ، ޑިޖިޓަލް ހައްލުތަކާއެކު ޖަލްބޫޓްއިން ފޯރުކޮށްދޭ ޙިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ގެނައުމުގެ މަގްސަދުގައި ގާއިމް ކުރި ޕާޓްނަޝިޕެކެވެ. މި ޕާޓްނާޝިޕް އެކުލަވާލާފައިވަނީ ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި ކަސްޓަމަ މުވާސަލާތީ ޙިދުމަތްތައް ހޯދުމުގައި ލުއި ގޮތްތަކެއް ހޯދައިދީ ފަތުރުވެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގެ މަގުސަދުގައެވެ.

Ad
rt

އިތުބާރު ހުރި އިންޓަނެޓް ގެ ހިދުމަތަކީ މިއަދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އެންމެ މަތީ ފަންތީގެ ހިދުމަތްތައް ފޯރުކޮށްދިނުމަށާއި ޓޫރިސްޓުންނަށް ޚަބަރާއި މައުލޫމާތު އަދި ރަހުމަތްތެރިންނާއި އާއިލާއާ ގުޅުވާލައި، ދަތުރުކުރާއިރު ވިޔަފާރީގެ ކަންކަމުގައި ބައިވެރިވުމަށް ވަރަށް މުހިންމު ހިދުމަތެކެވެ.

މި ޕާޓްނަރޝިޕް އިޢުލާންކޮށްފައިވަނީ ޖަލްބޫޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު، މޮހަމަދު ރޮއެސްތަލީ އާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް ޙަމާދީގެ އިތުރުން ދެ ކުންފުނީގެ މެނޭޖްމަންޓުގެ ހާޒިރުގައި އުރީދޫ މޯލްޑިވްސް ހެޑް އޮފީހުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައެވެ.

އުރީދޫގެ ސީއީއޯ ޚާލިދު ވިދާޅުވީ މި ޑިޖިޓަލް ޒަމާނުގައި އިތުބާރު ހުރި ޓެލެކޮމް އަދި އިންޓަނެޓްގެ ހިދުމަތް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޖަލްބޫޓް މޯލްޑިވްސްއާއެކު މި ސްޓްރެޓީޖިކް ޕާޓްނާޝިޕްގެ ދަށުން، އުރީދޫގެ އަމާޒަކީ ފަތުރުވެރިންނަށް ސީދާ ބޯޓުތަކުން ސިމް ކާޑު ލިބޭނެ ލުއި ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ކުރާ މަސައްކަތުގެ ދަށުން މި ސްޓްރެޓީޖިކް ޕާޓްނާޝިޕް ގާއިމްކުރެވިފައިވަނީ ޖަލްބޫޓް މޯލްޑިވްސްގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެއްވެސް ކައުންޓަރަކަށް ނުވަތަ ފިހާރައަކަށް ދިއުމުގެ އުނދަގުލެއް ނެތި ސީދާ ބޯޓުތަކުން އުރީދޫ ގެ ފަތުރުވެރި ސިމް ކާޑު ލިބިގެންދާނެ ގޮތަށެވެ.

ޖަލްބޫޓް މޯލްޑިވްސް އަކީ ފެންވަރު ރަނގަޅު، ފުރިހަމަ އިންޓަގްރޭޓެޑް މެރިން ސޮލިއުޝަންތައް ކަމަށްވާ ވޯޓާ ޓްރާންސްޕޯޓް، މެރީނާ މެނޭޖްމަންޓް، ކަސްޓަމް ބޯޓުތައް ޑިޒައިންކޮށް އުފެއްދުމާއި، ވޯޓާ ސްޕޯޓްސް އަދި ލަގްޒަރީ ޗާޓަރ ދަތުރުތައް ކުރުން ފަދަ ޙިދުމަތް ފޯރުކޮށްދިނުމަށް ހާއްސަ ކުންފުންޏެކެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރަމުންދާއިރު، ޑިޖިޓަލް ޚިދުމަތްތައް މެދުވެރިކޮށް މި ދާއިރާއަށް އެއްބާރުލުންދީ، ފަތުރުވެރިން ރާއްޖޭގައި ތިބޭ މުއްދަތުގައި އާއިލާއާއި ރައްޓެހިންނާއި ގުޅުވާލަދީ، އީޖާދީ ޚިދުމަތްތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތަށް އިތުރު ފުރިހަމަކަމާއި ކުރިއެރުން ހޯދައިދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ އިން އަރުވައެވެ.