ދިވެހިރާއްޖޭގެ އެންމެ ބޮޑު ޠަބީޢީ އަތޮޅަކާ މެދު ކުރެވޭ ބަހުސަކީ ޝަޢުޤުވެރި، ފޯރިގަދަ ބަހުސެކެވެ. އެއްކޮޅުން ވާދަކުރަނީ މާސިންގާ ބޮޑުތިލަދުންމައްޗެވެ. އަނެއްކޮޅުން ވާދަކުރަނީ ބޮޑުސިންގާ ހުވަދު އަތޮޅެވެ. ރާއްޖޭގެ ދެއަތޮޅެއް ކަމަކު ވާދަކުރަނީ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައެވެ. އެއްވަނައަށް ދާ ބަޔަކަށް މުޅި ދުނިޔެއާއި ރާއްޖޭގެ އެއްވަނަ ލިބޭއިރު ދެވަނައަށް ދާ ބަޔަކަށް ވެސް މުޅި ދުނިޔެއާއި ރާއްޖޭގެ ދެވަނަ ލިބޭނެއެވެ. މި ދެއަތޮޅަށް ވުރެ އަދި މާބޮޑެތި އަތޮޅުތަކެއް ދުނިޔޭގައި އޮތްނަމަވެސް އެއަތޮޅުތަކަކީ އޭގެ ބޮޑުބައެއް ދުނިޔޭގެ ސަތަހައިގެ ދަށުގައި ފެނުއަޑީގައިވާ އަތޮޅުތަކެކެވެ. ދުނިޔޭގެ ސަތަހައިގެ މަތީގައިވާ އެންމެ ބޮޑު ދެއަތޮޅަކީ ދިވެހިރާއްޖޭގެ މި ދެއަތޮޅެވެ. ވުމާއެކު، ކޮންމެގޮތަކަށް ނަތީޖާ ނުކުތަސް ތަށި ހުންނާނީ ދިވެހި ފަސްގަނޑުގައެވެ.

ބަހުސް ކިތަންމެ ފޯރިގަދަ އަކަސް، ކަމަކީ، ނުހަނު ސާފު، ސާދާ މައްސަލައެއް ކަމުގައި ނޫނީ ނުވެއެވެ. ކަމުގެ ޙަޤީޤަތް ސާފުކޮށް ފެންނާން އޮތް މައްސަލައެކެވެ. ދެއަތޮޅުގެ ބޮޑުކުޑަ މިނުގެ ފަރަގު ލޯތަކަށް ފާޅުކޮށް ފެންނާން ވެސް އޮތް މައްސަލައެކެވެ. މިއާއެކުވެސް، ހަމައެކަނި ސަބަބަކީ ކަމުގެ މުހިންމުކަން ބޮޑުކަމާއި، ލިބޭ ރީތި ނަމަކާއި ޝަރަފެއްކަމުގައި ދެންނެވުން ވެސް ވާނީ އެންމެ އިންސާފުވެރި ގޮތަކަށް ނޫނެވެ. މި މައްސަލައިގައި ތާރީޚީ، ޠަބީޢީ، ޖޯގުރަފީ، ސަގާފީ، ސިޔާސީ، އަދި އިދާރީ ސަބަބުތަކެއް ވެސް ހަމަ ހުރީއްޔެވެ.

Ad
rt

ބޮޑުތިލަދުންމަތި އަތޮޅު

އެންމެ ފުރަތަމަ ބޮޑުތިލަދުންމައްޗަކީ ކޮބައިތޯ ބަލާލަމާތޯއެވެ. ތާރީޚީ ގޮތުން ބަލާއިރު، އިހު އެވޭލާ ޒަމާނުއްސުރެ، އާންމުގޮތެއްގައި، ތިލަދުންމައްޗޭ ނުވަތަ ބޮޑުތިލަދުންމައްޗޭ ބުނެވެނީ ޠަބީޢީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވިގެންވާ އިދާރީ އަތޮޅަކަށެވެ. ތިލަދުންމައްޗަށެވެ. މިއީ، ތުރާކުނު އުތުރު ބޭރުން ފެށިގެން ވައިކަރަމުރައިދޫގެ ދެކުނުން އޮންނަ "ބޮޑުތިލަ" ނިމޭ ތަނާ ހަމައަށް އެކުލެވިގެންވާ ސަރަހައްދާއި މާމަކުނުދޫގެ ޠަބީޢީ އަތޮޅެވެ. މި އިދާރީ ތިލަދުންމަތި އަތޮޅުގައި ޠަބީޢީ 2 އަތޮޅެއް އެއްކޮށް ހިމެނިގެންވާއިރު ޠަބީޢީ 1 އަތޮޅެއްގެ އެއްބައި ހިމެނިގެންވެއެވެ. އެއްކޮށް ހިމެނިފައިވާ ޠަބީޢީ 2 އަތޮޅަކީ އިހަވަންދިއްޕޮޅު އަތޮޅާއި މާމަކުނުދޫ އަތޮޅެވެ. އެއްބައި ހިމެނިގެންވާ ޠަބީޢީ އަތޮޅަކީ، މިހާރަކަށް އައިސް ޠަބީޢީ ބޮޑުތިލަދުންމަތި އަތޮޅުގެ ނަމުން ނަންކިޔޭ ކެލާ އިރުމަތީ ބޭރުން ފެށިގެން ދެކުނަށް ބަރަވެލިކަނޑާ ހަމައަށް ދެމިފައި އޮތް ޠަބީޢީ އަތޮޅެވެ.

1839މ. ވަނަ އަހަރު ލިޔެވުނު "ނޯޓިކަލް ޑިރެކްޝަންސް ފޯރ ދަ މޯލްޑިވާ އައިލެންޑްސް އެންޑް ދަ ޗާގެސް އާރކިޕެލަގޯ" ގެ ލިޔުންތެރިޔާ، އަދި ދިވެހި ރަށްތަކާއި، ފަރުތަކާއި އަތޮޅުތަކުގެ ތަފުސީލީ ޒަމާނީ ޗާޓެއް އެންމެ ފުރަތަމަ ކުރެއްސެވި ނިޔަމި، ކޮމާންޑަރު ރޮބާރޓް މޮރެސްބީ ވިދާޅުވާގޮތުގައި، ދިވެހިރާއްޖޭގެ މީހުން (އިދާރީ) ތިލަދުންމަތީގެ ބަޔަކާއި (އިދާރީ) މިލަދުންމަޑުލު އެކުލެވިގެން މިއޮތް ޠަބީޢީ އެއް އަތޮޅަކަށް ދެނަމެއް ކިޔާންޖެހުނު ސަބަބެއް ނޭނގެއެވެ (ސ. 6). ތިލަދުންމަތި އަތޮޅާ ބެހޭ ގޮތުން މޮރަސްބީ ވިދާޅުވެއެވެ:

This Atoll is a continuation of the north part of Milladoo Madou Atoll, indeed they are joined, or rather situated on the same bank of soundings; having no channels without soundings separating them, like the other Atolls; why the natives should have given them two names I cannot tell (p. 6)

އަޅުގަނޑު ދެކޭގޮތުގައި، މިއަތޮޅަށް ދިވެހި ކާބަފައިން ދެނަމެއް ކިޔައިފައި މިއޮތް އޮތުމުގައި ވަނީ، ތާރީޚީ، ޠަބީޢީ، ޖޯގުރަފީ، ސަގާފީ، ސިޔާސީ، އަދި އިދާރީ ސަބަބުތަކެކެވެ.

ތިލަދުންމައްޗާއި މިލަދުންމަޑުލު އިދާރީ ގޮތުން ބައިކޮށްފައި ނުވާ ތާރީޚެއް ދިވެހިތާރީޚުން އަދި ފެންނާކަށް ނެތެވެ. މީގެ 825 މީލާދީ އަހަރު ކުރީގައި ވެސް ތިލަދުންމައްޗާއި މިލަދުންމަޑުލު އިދާރީ ގޮތުން ދެއަތޮޅެއްގެ ގޮތުގައި ބައިކުރެވިފައި ވާކަން އެނގެއެވެ. މީގެ 825 އަހަރު ކުރީން 1196މ. - 1197މ. ގައި ލިޔެވިފައިވާ ދަނބިދޫ ލޯމާފާނުގައި "ތަނަދުވުމައްތެ" (ތިލަދުންމަތި) އާއި "މިލަދުވުމަޑުލެ" (މިލަދުންމަޑުލު) ވަކި ދެ "އަތެޅެ" (އަތޮޅު) ގޮތުގައި ބެހިފައިވާކަން ބަޔާންކޮށްދެއެވެ. ދަނބިދޫ ލޯމާފާނުގައި، "ތަނަދުވުމައްތެ އޮތް ކުމްޕުޓި" ލިޔެފައިވެއެވެ. ބެލެވޭ ގޮތުގައި "ކުމްޕުޓި" އަކީ ކުޅުދުއްފުއްޓެވެ. ވީމާ، "ތިލަދުންމަތި އޮތް ކުޅުދުއްފުށި" އެވެ. އަދި ދަނބިދޫ ލޯމާފާނުގައި "މިލަދުވުމަޑުލެ އޮތް ކޮލިކުރެތްދުވު" ލިޔެފައި ވެއެވެ. މީގެ މާނައަކީ "މިލަދުންމަޑުލު އޮތް ކޮލިކުރެންދޫ" އެވެ.

ހުވަދު އަތޮޅު

މިއީ، ބިޔަ، ބޮޑު، ހުވަދު އަތޮޅެވެ. އެތައް ގޮތަކުން ޚާއްސަ އަތޮޅެކެވެ. ތާރީޚީ ގޮތުންނާއި ޖޯގުރަފީގެ ގޮތުންވެސް މިއަތޮޅަށް ލިބިގެންވަނީ ވަރަށް ވެސް މަތިވެރި އަހަންމިއްޔަތެކެވެ. "ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު" ގެ ލިޔުންތެރިޔާ، މަރުޙޫމު މުޙައްމަދު އިބްރާހީމް ލުޠުފީ (1995) ހުވަދު އަތޮޅުގެ ތަޢާރަފުގައި ވިދާޅުވެފައިވަނީ، "އަތޮޅުގެ އެންމެ ދިގުގޮތަކީ އަތޮޅުގެ އުތުރު ދުނީގައި އޮތް މާފަރުފަޅުގެ ބޭރުން އަތޮޅުގެ ދެކުނު ދުނީގައި އޮތް މާފަރެސް މުލީގެ ދެކުނު ބޭރަށެވެ. މިދެމެދުގައި ހުރީ 42.5 މޭލެވެ. އެންމެ ފުޅާ ގޮތަކީ ދިޔަދޫ އިރުމަތީ ބޭރުން މަޑަވެލީ ހުޅަނގު ބޭރަށެވެ. މިދެމެދުގައި ހުރީ 34 މޭލެވެ" (ސ. 195). އަދި އެންމެ ހަނި ގޮތެއް ކަމަށް މި ސަފުހާގައި ލުޠުފީ ލިޔުއްވާފައި ވަނީ، އެކެފަރު މުލީގެ އިރުމަތީ ބޭރުން ބޭރުމައުއްޑޫ ހުޅަނގު ބޭރަށްކަމަށާއި މިދެމެދުގައި 22.5 މޭލު ހުރިކަމަށެވެ.

މިއަތޮޅާ ބެހޭ ގޮތުން، މިރާއްޖޭގެ ރަށްރަށުގައި "ލާޓު ދަގަނޑު ޖެއްސެވި" މޮރަސްބީ (1839) ވިދާޅުވެފައި ވަނީ،

“This Atoll is one of the largest of Maldiva group”

"މި އަތޮޅަކީ ދިވެހި އަތޮޅުތަކުގެ ގުރޫޕުގެ އެންމެބޮޑު އެއް އަތޮޅެވެ" (ސ. 28).

ބޮޑީ ކޮން އަތޮޅެއް؟

ދުނިޔޭގެ ތިމާވެއްޓާ ބެހޭ އދ. ގެ މައި އިދާރާ ކަމުގައިވާ "ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް" (ޔޫ.އެން.އީ.ޕީ) އާއި "ވޯލްޑް ކޮންޒަވޭޝަން މޮނިޓަރިންގ ސެންޓަރ" (ޑަބްލިޔު.ސީ.އެމް.ސީ) ގުޅިގެން 2001 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ދުނިޔޭގެ މުރަކައިގެ ފަރުތަކުގެ އެޓްލަސް ފޮތް "ވޯލްޑް އެޓްލަސް އޮފް ކޮރަލް ރީފްސް" ގައި ބޮޑުތިލަދުންމަތި ޠަބީޢީ އަތޮޅާއި ޠަބީޢީ ހުވަދު އަތޮޅުގެ ތެރެއިން ބޮޑީ ކޮން އަތޮޅެއްކަން ހިސާބު އަދަދާއެކު ސާފުކޮށް ސަރީހަކޮށް ބަޔާންކޮށްފައި އެބައޮތެވެ. މި އެޓްލަސް އަކީ، އެމެރިކާގެ ޖައްވީ އިދާރާ "ނާސާ" ގެ ވަރަށް ބޮޑު އެހީތެރިކަމަކާއި ބައިވެރިވުމަކާއެކު ކުރިއަށް ގެންދެވުނު ސައިންޓިފިކް ދިރާސާތަކަކާއި ތަހުލީލުތަކަކަށް ފަހު އެކުލަވައިލެވުނު މިފަދަ އެއްވަނަ ފޮތެވެ. ދިވެހިރާއްޖޭގެ ޖޯގުރަފީގެ މަޢުލޫމާތާއި އަދަދުތައް ފާހަގަކުރަމުން މި ފޮތުގެ 221 ވަނަ ސަފުހާގައި މިކަން ބަޔާންކޮށްފައި ވަނީ އަންނަނިވި އިބާރާތުންނެވެ.

These include the largest surface-level atolls in the world: the area of Thiladhunmathi and Miladhunmadulu Atolls (with two names, but a single atoll structure) is some 3 680 square kilometers, while Huvadhoo Atoll in the south is over 3 200 square kilometers. (The Great Chagos Bank to the south occupies an even greater area, but is now largely submerged.)

"މީގެ ތެރޭގައި ދުނިޔޭގެ ސަތަހައިގެ މަތީގައިވާ އެންމެ ބޮޑު އަތޮޅުތައް ހިމެނެވެ. އެއީ، ގާތްގަނޑަކަށް 3،680 އަކަ ކިލޯމީޓަރު ބޮޑުމިނުގެ (ދެ ނަމެއް ކިއެއް ކަމަކު، އެއް އަތޮޅު ބިނާއެއް ކަމުގައިވާ) ތިލަދުންމައްޗާއި މިލަދުންމަޑުލު އަތޮޅެވެ. މިއާއެކު، (ރާއްޖޭގެ) ދެކުނުގައިވާ 3،200 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ހުވަދު އަތޮޅެވެ. (ދެކުނުން، "ދަ ގްރޭޓް ޗާގެސް ބޭންކް" އަތޮޅު ފެތުރި ޤާއިމުވެފައި އޮތީ އަދި މާބޮޑު ސަރަހައްދަކަށް ކަމަށްވިޔަސް، މިހާރުވަނީ އޭގެ ބޮޑުބައި ދުނިޔޭގެ ސަތަހައިގެ ދަށަށް ގޮސް ފެނުއަޑީގައެވެ.)"

ގާތްގަނޑަކަށް 480 އަކަ ކިލޯމީޓަރުގެ ބޮޑު ތަފާތަކުން ޠަބީޢީ ހުވަދު އަތޮޅަށް ވުރެ ޠަބީޢީ ބޮޑުތިލަދުންމަތި އަތޮޅުގެ ބޮޑުކަން ވަރަށް ސާފުކަން ބޮޑު ގޮތެއްގައި ހާމަވީއެވެ. ޠަބީޢީ ބޮޑުތިލަދުންމަތި އަތޮޅަށް ވުރެ ޠަބީޢީ ހުވަދު އަތޮޅު ބޮޑުކަން ސާބިތުކޮށްދޭ މުޢުތަބަރު ޢިލްމީ ދަލީލެއް، މަޢުލޫމާތެއް އެއްވެސް މީހަކު ގެނެސްފައެއް ނުވެއެވެ. ސައިންޓިފިކް ދިރާސާތައް މުޅިންވެސް އިއްތިފާޤުވެ، ސާބިތުކޮށްދީފައި އޮތީ ޠަބީޢީ ހުވަދު އަތޮޅަށް ވުރެ މާބޮޑުތަނުންވެސް ޠަބީޢީ ބޮޑުތިލަދުންމަތި އަތޮޅު ބޮޑުކަމެވެ.

ދިވެހިރާއްޖޭގެ ފަރުތަކާ ބެހޭގޮތުން ޢަބްދު ﷲ ނަޞީރު އާއި ބްރުސް ޖީ. ހޭޓްޗަރ (2004) އެކުލަވައިލެއްވި ސައިންޓިފިކް ދިރާސާގައި ގެންނަވާފައިވާ ފަރަގު އަދި މާބޮޑެވެ. މިދިރާސާގައި ވާގޮތުން ޠަބީޢީ ހުވަދުއަތޮޅަށް ވުރެ 510.12 އަކަ ކިލޯމީޓަރު ޠަބީޢީ ބޮޑުތިލަދުންމަތި ބޮޑެވެ. ޠަބީޢީ ބޮޑުތިލަދުންމަތި އަތޮޅުގެ ބޮޑުމިން ކަމުގައި އޮތީ 3،788.71 އަކަ ކިލޯމީޓަރެވެ. ޠަބީޢީ ހުވަދު އަތޮޅުގެ ބޮޑުމިނަކަށް އޮތީ 3،278.59 އަކަ ކިލޯމީޓަރެވެ. އަދި މިދިރާސާގައި ވާގޮތުގައި، 500.70 އަކަ ކިލޯމީޓަރާއެކު ދިވެހިރާއްޖޭގައި ފަރު އެންމެބޮޑު އަތޮޅަކީ ވެސް ބޮޑުތިލަދުންމައްޗެވެ. 489.40 އަކަ ކިލޯމީޓަރާއެކު ދެވަނައަށް ފަރު އެންމެބޮޑީ އަރިއަތޮޅެވެ. އަދި 437.90 އަކަ ކިލޯމީޓަރާއެކު ތިންވަނައަށް ފަރު އެންމެބޮޑީ ހުވަދު އަތޮޅެވެ. އަދި 68.70 އަކަ ކިލޯމީޓަރާއެކު ބިމުގެ ގޮތުންވެސް ދިވެހިރާއްޖޭގެ އެންމެބޮޑު އަތޮޅަކީ ބޮޑުތިލަދުންމަތި ކަމަށް މިދިރާސާގައި ބަޔާންކުރައްވައެވެ. 34.30 އަކަ ކިލޯމީޓަރާއެކު ދެވަނައިގައި އޮތީ ހުވަދު އަތޮޅެވެ. 23.10 އަކަ ކިލޯމީޓަރާއެކު ތިންވަނައިގައި އޮތީ ހައްދުންމަތި އަތޮޅެވެ.

ވޯލްޑް އެޓްލަސް ޑޮޓްކޮމް ގައި ބަޔާންކޮށްފައި ވާގޮތުގައި، ޠަބީޢީ ބޮޑުތިލަދުންމަތި އަތޮޅުގެ ބޮޑުމިނަކީ 3،850 އަކަ ކިލޯމީޓަރެވެ. ޠަބީޢީ ހުވަދު އަތޮޅުގެ ބޮޑުމިނަކީ 3،152 އަކަ ކިލޯމީޓަރެވެ. ދެއަތޮޅުގެ ފަރަގު 698 އަކަ ކިލޯމީޓަރެވެ.

ހުވަދު އަތޮޅަކީ ރާއްޖޭގެ އެންމެ ބޮޑު އަތޮޅުކަމަށް ވެސް ދިވެހީންގެ ތެރޭގައި ވާހަކަ ދެކެވޭ ވަރު ކުޑައެއް ނޫނެވެ. ބޮޑެވެ. އާންމުވެސް މެއެވެ. އަދި ރާއްޖޭން ބޭރު މީސްމީހުންގެ ކަންފަތްތަކާ ހަމައަށް ވެސް މިއަޑުތައް ފޯރައި މިގޮތަށް ތަސައްވަރެއް ކުރެހިފައި ވެއެވެ. "ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު" ގެ ލިޔުންތެރިޔާ، މަރުޙޫމު މުޙައްމަދު އިބްރާހީމް ލުޠުފީ (1995) ވެސް ވިދާޅުވެފައި ވަނީ، "ހުވަދު އަތޮޅަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އަތޮޅެވެ. އަދި ދުނިޔޭގައި އޮތް އެންމެ ބޮޑު މުރަކައިގެ އަތޮޅުވެސް މެއެވެ" (ސ. 195). އުސްތާޒު ލުޠުފީގެ މިބަސްފުޅު ޢިލްމީ ގޮތުން ރައްދުކުރެވޭ ހިނދު އަދި މިބަސްފުޅު އެމައްޗަށް ބިނާކުރުމަށް ޓަކައި އެކަށީގެންވާ ޢިލްމީ ދަލީލެއް، ހުއްޖަތެއް ނެތް ހިނދު، މިވާހަކަ މިގޮތަށް ދެކެވޭ ސަބަބަކީ ކޮބައިބާވައެވެ؟ މިކަމުގައި ވެސް އެންމެ ބޮޑަށް އޮތްކަމަށް ފެންނަނީ ތާރީޚީ، ޠަބީޢީ، ޖޯގުރަފީ، ސަގާފީ، ސިޔާސީ، އަދި އިދާރީ ސަބަބުތަކެކެވެ.

އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ފެންނަނީ ހުވަދު އަތޮޅާއި ރާއްޖޭގެ ދެން ވެސް އޮތްނަމަ އޮތްހައި އަތޮޅަކާ ޚިލާފަށް، ޠަބީޢީ ހައިސިއްޔަތަށް ވުރެ ބޮޑު ހައިސިއްޔަތެއް އިދާރީ ގޮތުން ތިލަދުންމައްޗާއި މިލަދުންމަޑުލަށް އިހު އެވޭލާ ޒަމާނުއްސުރެ ލިބިފައި އޮތުމެވެ. މިގޮތުން އިދާރީ ހައިސިއްޔަތަށް މިދެއަތޮޅުގެ ނަން ނިސްބަތްކުރުމާއެކު ޠަބީޢީ އަތޮޅަށް އިހު އެވޭލާ ޒަމާނުއްސުރެ ވަކި އެއް ނަމެއް ކިޔައި އާންމުވެފައި ނުވުމެވެ. ނުވަތަ އެފަދަ ނަމެއް ކިޔައިފައި ވީނަމަވެސް އިދާރީ ނަމުގެ ހައިސިއްޔަތުގެ ވަރުގަދަކަމާއި މުހިންމުކަމުގެ ބޮޑުކަމުން އަތޮޅުގެ ޠަބީޢީ ނަމާއި ޠަބީޢީ ހައިސިއްޔަތު ފަނޑުވެ ވަންހަނާ ވެފައި ވުމެވެ. މީގެތެރެއިން ވެސް އިދާރީ ގޮތުން މީގެ 1000 އަހަރަށް ވުރެ ކުރިއްސުރެ ތިލަދުންމައްޗަށް އޮތް ހައިސިއްޔަތާއި، އަހަންމިއްޔަތާއި، މަޝްހޫރުކަން ވަކިން ބޮޑެވެ. އަޅުގަނޑު ކުރިން ދަންނަވާލި ފަދައިން ޙަޤީޤަތުގައި ބޮޑުތިލަދުންމައްޗަކީ ނުވަތަ ތިލަދުންމައްޗަކީ ޠަބީޢީ 3 އަތޮޅެއް ޝާމިލުވާ އިދާރީ އަތޮޅަކަށް ކިޔާނަމެކެވެ. ޠަބީޢީ ބޮޑުތިލަދުންމައްޗަކީ އިދާރީ ބޮޑުތިލަދުންމައްޗާ ޚިލާފަށް މާހަގު ނިސްބަތްކުރުމެކެވެ. މާފަހަކުން ކިޔަން ފެށުނު ނަމެކެވެ.

އިދާރީ އެއް އަތޮޅެއްގެ ގޮތުގައި ތިލަދުންމަތި ހިނގަމުން ދިޔައީ އިހު އެވޭލާ ޒަމާނުއްސުރެ ދިވެހިރާއްޖެގައި އެންމެ ގިނަ މީހުން ވަޒަންވެރިވެ ދިރިއުޅޭ އަތޮޅުގެ ގޮތުގައެވެ. އެންމެ އާބާދީ ބޮޑު އަތޮޅުގެ ގޮތުގައެވެ. ދިރިއުޅުމާއި، ރަށްވެހިކަމާއި، މަސައްކަތްތެރިކަމާއި، ވިޔާފާރި އާއި އިޤުތިޞާދީ ހަރަކާތްތައް އެންމެ ބޮޑު އަތޮޅުގެ ގޮތުގައެވެ. ބައިނަލްއަޤުވާމީ ވިޔާފާރި އާއި ދަތުރުފަތުރާ އެންމެ ބޮޑަށް ގުޅިލާމެހިފައިވާ އަތޮޅުގެ ގޮތުގައެވެ. ދުނިޔޭގެ ވިޔާފާރި އާއި ދަތުރުފަތުރުގެ އެންމެ ޤަދީމީ އަދި އެންމެ މައި އެއް މަގުގެ މަތީގައި އޮތް އަތޮޅުގެ ގޮތުގައެވެ. އިޖުތިމާޢީ، އިޤުތިޞާދީ ހަރަކާތްތަކުގައި އަންހެނުންގެ ދައުރު އެންމެ ފުޅާ އަތޮޅުގެ ގޮތުގައެވެ. ދައުލަތަށް ދައްކާ ވާރު އެންމެ ގިނައިން ދައްކާ އަތޮޅުގެ ގޮތުގައެވެ. ދައުލަތުގެ ސިޔާސަތު ތަންފީޒުކުރުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އަތޮޅުގެ ގޮތުގައެވެ. ސަގާފީ ގޮތުންނާއި ޤައުމީ ގޮތުން، ތަރުބިއްޔަތާއި، ތަހުޒީބާއި ޙަޟާރަތުގެ ގޮތުން އެންމެ އުޖާލާ އަތޮޅުގެ ގޮތުގައެވެ.

"ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު" ގެ ލިޔުންތެރިޔާ، މަރުޙޫމު މުޙައްމަދު އިބްރާހީމް ލުޠުފީ (1995) ތިލަދުންމަތީގެ އިހަވަންދިއްޕޮޅުގެ ތަޢާރަފުގައި ވިދާޅުވެފައިވަނީ، "ޤައުމަށްޓަކައި ކުރެވުނު ގިނަ ހަނގުރާމަތަކުގެ އަސަރު ބޮޑަށް ފޯރީ އުތުރުގެ އަތޮޅުތަކަށެވެ. މަލާބާރީންގެ ދުއްތުރާތައްވެސް ބޮޑަށް ފޯރީ ރާއްޖޭގެ އުތުރަށެވެ. ޢަރަބީން ބޮޑަށް މަސްހުނިވާން ދިމާވީވެސް އުތުރުގެ އަތޮޅުތަކަށެވެ. އިސްލާމުދީން ރާއްޖެއަށް ތަޢާރަފް ވުމަށްފަހުގައިވެސް ޢަރަބި ދުނިޔޭގެ އީރާނާއި، ޔަމަނު ކަރައާއި މެދުއިރުމަތީ ޤައުމުތަކުންނާއި މަލާބާރު ކަރައާއި އިރުމަތީ އެފްރިކާއިން ރާއްޖެއަށް ދުރުވި ޢިލްމުވެރިންނާއި ސައްޔިދު ބޭކަލުން ގިނައިން ދުރުވެ އުޅުއްވީ އުތުރުގެ އަތޮޅުތަކުގައެވެ" (ސ. 88).

ކޮންމެއަކަސް، ޠަބީޢީ ހުވަދު އަތޮޅަށް ވުރެ ބޮޑު ޠަބީޢީ އަތޮޅެއް މިރާއްޖޭގެ އުތުރުގައި އެބައޮތްކަން ދިވެހި ނިޔަމިންނާއި ދަތުރުވެރިންނަށް ކުރީއްސުރެ އެނގޭކަމުގައި ވެއެވެ. އަދި ކުރެހިފައިވާ ދިވެހިރާއްޖޭގެ ޗާޓުތަކުން ވެސް އެކަން ހާމަވެފައި ވެއެވެ. މީގެ 183 އަހަރު ކުރިން (1839 ގައި) މޮރަސްބީ ކުރެއްސެވި ޗާޓުން ވެސް މެއެވެ. އަދި ދިވެހި ހިސާބު ޢިލްމުވެރިޔާ ހިމިތީ އިސްމާލުކަލޭފާނުގެ ތުއްތު މީގެ 70 އަހަރު ކުރިން (1949 ގައި) ކުރެއްސެވި ޗާޓުން ވެސް މި ޙަޤީޤަތް ހާމަވެއެވެ.

ދުނިޔޭގެ ރެކޯޑެއް

ދުނިޔޭގެ އެންމެ ބޮޑު އަތޮޅުގެ ގޮތުގައި "ގިނެސް ވޯލްޑް ރެކޯޑު" ފޮތަށް އަދި ވެސް އަރުވާފައި އޮތީ ބޮޑުތިލަދުންމައްޗާއި ހުވަދު އަތޮޅަށް ވުރެ ކުޑަ އަތޮޅެއް ކަމުގައިވާ މާޝަލް އައިލެންޑްސްގެ ކުވާޖަލެއިން އަތޮޅެވެ. މިއަތޮޅުގެ ބޮޑުމިނެއް ކަމުގައި ދުނިޔޭގެ ރެކޯޑު ފޮތުގައި ވަނީ 2،850 އަކަ ކިލޯމީޓަރެވެ. މިއީ ޠަބީޢީ ބޮޑުތިލަދުންމަތި އަތޮޅަށް ވުރެ 830 އަކަ ކިލޯމީޓަރާއި 1،000 އަކަ ކިލޯމީޓަރާ ދެމެދުގެ ކުޑަކުޑަ އަތޮޅެކެވެ. ޢިލްމީ ޙަޤީޤަތަކީ މިއެވެ. ޠަބީޢީ ބޮޑުތިލަދުންމަތި އަތޮޅު ދުނިޔޭގެ ސަތަހައިގެ މަތީގައިވާ އެންމެ ބޮޑު އަތޮޅުގެ ގޮތުގައި ދުނިޔޭގެ ރެކޯޑުފޮތަށް އެރުވުމުގެ މަސައްކަތް މިވަނީ މިރާއްޖޭން ކުރަން ޖެހިފައި ނޫންބާވައެވެ؟ މިކަމުގައި އުތުރުގެ 4 އަތޮޅުގެ އަތޮޅު ކައުންސިލުން އިސްނަންގަވައިގެން ކުރިއަށް ނުކުމެވަޑައިގަތުން ކިހިނެއް ވާނެބާވައެވެ؟
ހަވާލާ:

- މުޙައްމަދު އިބްރާހީމް ލުޠުފީ. (1995). ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު 1 + 2 ވަނަ ބައި.

- އެޗް.ސީ.ޕީ.ބެލް. (1940). ދަ މޯލްޑިވް އައިލެންޑްސް. މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ، އެންޑް އެޕިގްރަފީ.

- ދިވެހިރާއްޖޭގެ ތާރީޚުލިޔާ ކޮމިޓީ. (1990). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

- ދިވެހި ތާރީޚު. (1981). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.

- މޮރަސްބީ. (1839). ނޯޓިކަލް ޑިރެކްޝަންސް ފޯރ ދަ މޯލްޑިވާ އައިލެންޑްސް އެންޑް ދަ ޗާގެސް އާރކިޕެލަގޯ.

- ދަނބިދޫ ލޯމާފާނު

- Spalding, M. D., Ravilious, C., Green, E. P. (2001). World Atlas of Coral Reefs. Prepared at UNEP World Conservation Monitoring Centre. University of California Press, Berkeley, USA.

- Naseer, A., & Hatcher, B. G. (2004). Inventory of the Maldives’ coral reefs using morphometrics generated from Landsat ETM+ imagery. Dalhousie University, Halifax, Canada.

- WorldAtlas. The Largest Atolls In The World. Retrieved October 04, 2022, from https://www.worldatlas.com/articles/the-largest-atolls-in-the-world.html

- Guinness World Records. Largest atoll. Retrieved October 04, 2022, from https://www.guinnessworldrecords.com/world-records/66691-largest-atoll