ތ. ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް އަލުން ފެށުން ލަސްވާތީ، އެކަން ބަލައިދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް ނައިބު ރައީސް އަދި އެ ޕާޓީގެ ޕީޖީ ލީޑަރ، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ރައްޔިތުންގެ މަޖިލީހުގެ ދެ ކޮމިޓީއަކަށް މައްސަލަ ހުށަހަޅުއްވައިފިއެވެ.
މިމައްސަލައިގައި ރިޔާޟް ސިޓީ ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށާއި، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.
އެމްއެންޕީން ބުނީ މި މައްސަލަ ހުށަހެޅީ މިދިޔަ ބުދަ ދުވަހު ކަމަށެވެ. މި މައްސަލަ ހުށަހަޅުއްވަމުން ރިޔާޟް ފާހަގަކުރައްވާފައިވާ ގޮތުގައި ތ. އަތޮޅަކީ މަސްވެރިކަން ފިޔަވައި އިޤްތިޞާދީ އެހެން މައިގަނޑު ޞިނާޢަތްތަކެއް ނެތް ސަރަޙައްދަކަށްވާއިރު، މަސްވެރިން ބާނާ މަސްކޮޅު ފަސޭހައިން ކިރާލެވޭނެ ވަޞީލަތެއް ފަހިވެފައި އޮތުމަކީ މި ސަރަޙައްދުގެ މަސްވެރިންނަށާއި ރައްޔިތުންނަށް ނުހަނު ފަސޭހަވެ، ސަރަޙައްދުގެ އިޤްތިޞާދަށް ބޮޑު މަންފާއެއް ކުރާނެ ކަމެއް ކަމުގައެވެ. އަދި ފުނައްޑޫގެ މި މައްސަލައަކީ ތ. އަތޮޅުގެ އިޤްތިޞާދާ ނުހަނު ބޮޑަށް ލާމެހިފައިވާ ކަމެއް ކަމުގައި ފާހަގަ ކުރައްވާފަ ވެއެވެ.
މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށް ފޮނުއްވި ސިޓީގައި ރިޔާޟް އެދިވަޑައިގެންފައި ވަނީ ފުނައްޑޫ މަސް ފެކްޓްރީ ގެ މަސައްކަތް އަލުން ފެށުމަށް މިފްކޯއާ ޙަވާލުކުރެވިފައިވާއިރު، އެ މަސައްކަތް ލަސްވާތީ މިފްކޯގެ ޒިންމާ މިކަމުގައި އަދާކުރައްވާތޯ ބައްލަވައިދެއްވުމަށެވެ.
އޭގެ އިތުރުން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުއްވި ސިޓީގައި ރިޔާޟް އެދިވަޑައިގެންފައިވަނީ ފުނައްޑޫ މަސް ފެކްޓްރީ ގެ މަސައްކަތް އަލުން ފެށުމަށް މިފްކޯއާ ޙަވާލުކުރެވިފައިވާއިރު، އެ މަސައްކަތް ލަސްވާތީ މިކަމުގައި ސަރުކާރުން އަދާކުރަންޖެހޭ ޒިންމާ އަދާކުރައްވާތޯ ބައްލަވައިދެއްވުމަށެވެ.
ރިޔާޟް ވަނީ މި މައްސަލާގައި މަޖިލީހުގެ ތަޅުމުގައި ވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ފިޝަރީޒް މިނިސްޓަރާއި ސުވާލު ވެސް ކުރައްވާފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!