ހއ.ދިއްދޫ ޢާލިޔާ ޢަލީ ޢަބްދުﷲ (ވަށަފަރު ކަލޭފާނުދޮންމަނިކު) އަކީ ހއ.އަތޮޅަށް ދިގު މުއްދަތެއްގައި ޚިދްމަތްކުރެއްވި ޢިއްޒަތްތެރިއެކެވެ.

ފާހަގަކޮށްލެވޭ ޝަޚްޞިއްޔަތެކެވެ. ޢަލީ ޢަބްދު ﷲ ގެ ބައްޕާފުޅަކީ ބޮޑުތިލަދުންމަތީގެ މަޝްހޫރު ޝަޚްޞިއްޔަތުންގެ ތެރޭގައި ހިމެނޭ ވަށަފަރު ޢަބްދު ﷲ ކަލޭފާނެވެ.

Ad
rt

އަލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރުގެ ބޯޑިންގ ކަމުގައިވާ ދާރުލްއިޤާމާގައި ބައިތިއްބަވައިގެން ކިޔަވައިދެއްވުމަށް އަތޮޅުތަކުން ކުދިން މާލެ ގެންދެވިއިރު، ތިލަދުންމަތިން ގެންދެވުނު ކުދިންގެ ތެރޭގައި ޢަލީ ޢަބްދު ﷲ ހިމެނުނެވެ. އޭނާ ތަޢުލީމް ޙާސިލްކުރެއްވީ ދާރުލްއިޤާމާގައި ހުންނަވައިގެން މަދަރުސަތުއް ސަނިއްޔާއިންނެވެ. އޭގެފަހުން ދިއްދޫ ކަތީބުކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު ރަށްރަށުގެ ވެރިން ތަމްރީނުކުރުމަށް ސަރުކާރުން ހިންގެވި ތަފާތު ކޯސްތައް ވެސް އޭނާ ވަނީ ފުރިހަމަ ކުރައްވާފައެވެ.

އޭނާ އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، އަތޮޅު ރައްޔިތުންގެ ވޯޓުން އިންތިޚާބުވެގެން ހއ.އަތޮޅު ކޮމިޓީގެ މެންބަރުކަމާއި، ހއ.ދިއްދޫ ކުޑަކަތީބުކަމާއި، ކަތީބުކަން ހިމެނެއެވެ. ޢުމުރުފުޅުން 65 އަހަރުވެ ސަރުކާރުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އަތޮޅު އޮފީހުގެ އެހީތެރިޔާކަމުގެ މަޤާމުގައެވެ. އޭނާ ސަރުކާރުގެ ވަޒީފާގައި ހުންނެވި ދުވަސްވަރު ވަށަފަރު އޮފީހާއި، މުރައިދޫ އޮފީސް ފަދަ ބައެއް ރަށުއޮފީސްތައް ވަގުތީގޮތުން ހިންގަވާފައި ވެއެވެ.

ޢަލީ ޢަބްދު ﷲ (ޢާއްމު ނަމުން ނަމަ ވަށަފަރު ދޮންބެ) އަކީ ހުރިހާ ޢުމުރެއްގެ، ހުރިހާ ފެންވަރެއްގެ އެންމެންނާގުޅޭ އެންމެންގެ އެކުވެރިއެކެވެ. އަދި އޭނާއަކީ ހީވާގިކަމާއި، މުރާލިކަމުގެ ރިވެތި ނަމޫނާއެކެވެ. އޮފީހުގައި ވަރަށް ބުރަކޮށް އުޅުއްވަމުން ވެސް ދިރިއުޅުމަށް އެކި ދުވަސްވަރު އެކި މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. މިގޮތުން ކުރެވުނު މަސައްކަތުގެ ތެރޭގައި ދިއްދޫގައި އެންމެ ފުރަތަމަ ހޮޓަލެއް ހިންގެވީ ވެސް އޭނާއެވެ.

އަޅުގަނޑަށް ދޮންބެއާ އެއް އޮފީހެއްގައި ދުވަސްކޮޅަކު ވަޒީފާ އަދާކުރަން ފުރުޞަތު ލިބުމުން އޭނާ މަސައްކަތް ކުރައްވާގޮތް، ވަރަށް ބޮޑަށް އަޅުގަނޑަށް ފާހަގަކުރެވުނެވެ. "ނުވާނެ، ނުކުރެވޭނެ" ފަދަ ލަފްޒު ތަކަކީ ދޮންބެގެ ބަސް ލިސްޓުގައި ހިމެނޭ ލަފްޒުތަކެއް ނޫނެވެ. އެއީ މަޖާ މިޒާޖެއްގެ، ވަރަށް ގާތް އެކުވެރިއެކެވެ. އޭނާގެ ޙަޔާތުގެ އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެ ގާތްކަން އެގޮތުގައި ދެމިއޮތެވެ.

އަގުހުރި ފިލާވަޅުތަކުން ފުރިފައިވާ 86 އަހަރުގެ ރީތި ޙަޔާތަކަށް ފަހު، ޢަލީ ޢަބްދު ﷲ، 25 ސެޕްޓެންބަރު 2022ގައި، މި ފަނާވަނިވި ދުނިޔެ ދޫކުރެއްވިއިރު، އަނބިކަނބަލަކާ 16 އުފަންދަރިންނާއި، 54 ކާފަދަރިންނާއި، 25 މުނިކާފަދަރިން ދުނިޔޭގައި އެބަ ތިއްބެވިއެވެ. އޭނާގެ ލޮބުވެތި ޢާއިލާއަކީ ޚުލްޤު ހެޔޮ، ބޮޑު ޢާއިލާއެކެވެ. މި ޢާއިލާގެ ތެރޭގައި އަތޮޅާއި ރަށުގެ އިސް މަޤާމުތަކެއް ފުރުއްވަމުން ގެންދަވާ ޢިލްމީ ދަރިންތަކެއް ތިއްބެވިކަން ފާހަގަކޮށްލަމެވެ. ماشاءالله.

الله سبحانه وتعالى، މަރްޙޫމް ޢަލީ ޢަބްދު ﷲ ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތް ލައްވައި، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ! ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ!
امين يا رب العالمين.