މާފަރު ސުކޫލުން ގަތްކަމަށް ބުނާ 80 ޓަނުގެ ހިލަވެެއްޔަށްވާ 31،120 ރުފިޔާ، މާފަރު ސުކޫލުގެ ކުރީގެ ޕްރިންސިޕަލް، އަދި މިހާރުގެ މާފަރު ކައުންސިލް ރައީސް މުޙައްމަދު އަދުނާނުގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ހާމަވެއްޖެ އެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ހައްޤުގެ ޤާނޫނުގެ ތެރެއިން، އަމިއްލަ ފަރާތަކުން ހޯދަން އެދުނު މަޢުލޫމާތަކާއި ގުޅިގެން ސުކޫލުން ދޫކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، ހިލަވެލި މާފަރު ސުކޫލަށް ވިއްކި ކަމަށް އިންވޮއިސް ހުށަހަޅާފައިވަނީ ޓެކް ބީމް ނަމަކަށް ކިޔާ ފަރުދީ ވިޔަފާރި އަކުންނެވެ.
ދެ އިންވޮއިންސްއަކަށް ބަހާލައިގެން ބިލްތައް ހުށަހަޅާފައިވާއިރު، 40 ޓަނުގެ ވެއްޔަށްވާ 15،560 ރުފިޔާގެ ފުރަތަމަ އިންވޮއިސް ހުށަހަޅާފައިވަނީ 3 ޑިސެމްބަރ 2019 ގައެވެ. ހަމަ މި އަދަދަށް ދެވަނަ އިންވޮއިސް ހުށަހަޅާފައިވަނީ 5 ޑިސެމްބަރ 2019 ގައެވެ.
ނަމަވެސް، ސުކޫލުން ދޫކޮށްފައިވާ ލިޔުންތަކަށް ބަލާއިރު، މި ދެ ބިލަށްވާ 31،120 ރުފިޔާ، 20 ނޮވެމްބަރ 2019 ގައި ވަނީ މުޙައްމަދު އަދުނާނުގެ އެކައުންޓަށް ޖަމާކޮށްފައެވެ. މި ފައިސާ ޖަމާކޮށްފައިވަނީ، ބޭންކް އޮފް މޯލްޑިވްސް މަނަދޫ ބްރާންޗް މެދުވެރިކޮށެވެ.

މި މުޢާމަލާތާއި ގުޅިގެން ހަދާފައިވާ ޕޭމަންޓް ވައުޗަރ ގައިވާ ގޮތުން، މި ފައިސާ އަކީ ސުކޫލު ބަޖެޓުން ދޫކޮށްފައިވާ ފައިސާއެވެ. ފައިސާ ދޫކުރުމަށްވެސް މުޙައްމަދު އަދުނާން ވަނީ ހުއްދަ ދީފައެވެ.
މި ފައިސާ އާއި ހަވާލުވި ކަމަށް 23 ޑިސެމްބަރ 2019 ގައި ޕޭމަންޓް ވައުޗަރގައި ސޮއިކޮށްފައިވަނީ ވެސް އޭރު ސުކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައި ހުންނެވި މުޙައްމަދު އަދުނާނެވެ.

މި މަޢުލޫމާތުތައް ސުކޫލުން ދޫކޮށްފައިވާއިރު، މި ވެލިތަކަކީ މާފަރު އެއާރޕޯޓު ތަރައްޤީ ކުރި ފަރާތުން ހިލޭ ދީފައިވާ ވެލިތަކެއް ކަމަށް އެރަށުގެ ގިނަ ބެލެނިވެރިން ބުނެއެވެ. އަދި މި ފައިސާ ނަގާފައިވަނީ ކޮރަޕްޝަންއަށް މަގުފަހިވާގޮތަށް ބިލްތައް ހުށަހަޅައިގެން ކަމަށްވެސް ތުޙުމަތު ކުރެއެވެ. މި މައްސަލަ އެޑިއުކޭޝަން މިނިސްޓްރީންނާއި އޭސީސީން މިހާރު އަންނަނީ ބަލަމުންނެވެ.
މިކަމާއި ގުޅޭ އިތުރު ލިޔުންތައް ވެސް މިނޫހަށް ވަނީ ލިބިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!