ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް އަމާޒުކޮށް ކުށްވެރި ބަޔަކު ދިން ސައިބާ ހަމަލާއެއްގައި، ހުއްދަނެތި ބައެއް ޒާތީ އަދި ވިޔަފާރީގެ މައުލޫމާތުތަކަކަށް ވަދެފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
ނަމަވެސް، މި ހަމަލާގައި އެ އިދާރާއިން ދޫކޮށްލާފައިވާ "ފީފާ ފޯވާޑް އެންޓަޕްރައިޒް" މަޝްރޫއާ ގުޅޭ އެއްވެސް ފައިލަކަށް ނުވަދެވޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފީފާގެ ތަރުޖަމާނަކާއި ހަވާލާދީ ބޭރުގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި، ކުށްވެރި ސައިބާ ހަމަލާއެއްގެ ޝިކާރައަކަށް ފީފާ ވެފައިވާކަން ޔަގީންކޮށްދޭ ކަމަށާއި، އޭގެ ސަބަބުން ވަކި މިންވަރެއްގެ ޒާތީ އަދި ވިޔަފާރީގެ މައުލޫމާތުތަކަކަށް ހުއްދަނެތި ވަދެވިފައިވާ ކަމަށެވެ. އަދި ޤާނޫނާ ހިލާފަށް މައުލޫމާތު، ހާއްސަކޮށް ޒާތީ ޑޭޓާ ހޯދައި އާންމުކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މި އަމަލަކީ ޒާތީ މިނިވަންކަމަށް އަރައިގަތް ވަރަށް ސީރިއަސް އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ފީފާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި މައްސަލައިގައި ޤާނޫނު ތަންފީޒުކުރާ އިދާރާތައް ހިމެނޭހެން، ކަމާބެހޭ އިދާރާތަކާ ގުޅިގެން ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.
މި ހަމަލާގެ ސަބަބުން އަސަރުކުރީ ކިތައް މީހުންނަށް ނުވަތަ ކޮން ޖަމިއްޔާތަކަކަށް ކަމެއް، އަދި ހަމަލާ ދިނީ ކޮން އިރަކު ކަމެއް ފީފާއިން ހާމައެއް ނުކުރެއެވެ. މީގެއިތުރުން ވަގަށް ނަގާފައިވަނީ ކޮން ކަހަލަ ވިޔަފާރި މައުލޫމާތުތަކެއް ކަމެއް އަދި އާންމުކުރި ކަމަށް ބުނި ޑޭޓާތައް އިންޓަނެޓުގައި ފެންނަން ހުރީ ކޮން ތަނެއްގައި ކަމެއްވެސް އެ އިދާރާއަކުން ނުބުނެއެވެ.
މިދިޔަ ހަފުތާގައި "ހޭންޑްސަމް ބޯއި ހެކިން ކްލަބް" ނަމަކަށް ކިޔާ ގްރޫޕަކުން ވަނީ އެކްސްގައި ފީފާގެ ފައިލްތަކެއް ކަމަށް ބުނާ ސްކްރީންޝޮޓެއް ހިއްސާކޮށްފައެވެ. އަދި އޭގެ ތިން ދުވަސް ފަހުން، ފީފާގެ އެތެރޭގެ 12 ގިގަބައިޓަށް ވުރެ ގިނަ ލިޔެކިޔުންތައް ލީކުވެފައިވާ ކަމަށް ބުނެ ކޮށްފައިވާ ޕޯސްޓަކަށް ޖަވާބު ދެމުން، އެ ގްރޫޕުން ވަނީ އެ ހަމަލާގެ ޒިންމާ އުފުލާފައެވެ.
މި މައްސަލައިގެ މައުލޫމާތު އެނގޭ ފަރާތަކުން ރޮއިޓާސް ނޫސް އެޖެންސީއަށް މައުލޫމާތު ދިން ގޮތުގައި، މި ހަމަލާގެ އަސަރުކޮށްފައިވަނީ ފީފާގައި ރައްކާކޮށްފައިވާ ޖުމްލަ ޑޭޓާގެ 0.1 އިންސައްތައަށް ވުރެ ކުޑަ މިންވަރަކަށެވެ. އަދި ދި އެތުލެޓިކް ނޫހަށް ފީފާގެ މަސްދަރަކުން ކިޔައިދިން ގޮތުގައި، ހެކަރުން ސިސްޓަމަށް ވަދެފައިވަނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ނޫން ކަމަށާއި، އެކަން ކޮށްފައިވަނީ މުވައްޒަފުންގެ ގޮތުގައި ހެދިގެން އޮޅުވާލައިގެންނެވެ.
ވޯލްޑް ކަޕް ހިމެނޭހެން ފީފާގެ މުބާރާތްތައް ހިންގުމަށް އަލަށް އުފައްދާ ޔުނިޓެއްގެ 20 އިންސައްތަ ހިއްސާ އަމިއްލަ އިންވެސްޓަރުންނަށް ވިއްކައިގެން 4.2 ބިލިއަން ޑޮލަރު ހޯދުމަށް ފީފާއިން ކުރިން އޮތީ ރާވާފައެވެ. ނަމަވެސް، އާންމުންގެ ބޮޑެތި ފާޑުކިޔުންތަކާ ގުޅިގެން ވޯލްޑް ކަޕްގެ ހިއްސާ އަމިއްލަ ފަރާތްތަކަށް ވިއްކުމުގެ ވިސްނުން ދޫކޮށްލާފައިވާ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ މިދިޔަ ޖުލައި މަހު ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!