ޔޫރޮޕާ ލީގުގައި އިޒްރޭލުގެ ހަޕޮއެލް ބިއާ-ޝެވާއާ ދެކޮޅަށް ތުރުކީގެ ބެޝިކްތާޝް ކުޅުނު މެޗުގައި، ފަލަސްތީނުގެ ދިދަ ވިހުރުވި ތުރުކީގެ ސަޕޯޓަރުންނާއި ޖޯޖިއާގެ ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.
ބުރާސްފަތި ދުވަހު ޖޯޖިއާގެ ބާތޫމީގައި ކުޅުނު މި މެޗުގައި ހިނގި މި ހަމަނުޖެހުންތަކާ ގުޅިގެން ގާތްގަނޑަކަށް 30 މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނު ނަމަވެސް، އަލުން ކުޅުން ފަށައި ބެޝިކްތާޝް ވަނީ 2-1 އިން މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ދެ ޓީމު 0-0 އިން އެއްވަރުވެފައި އޮއްވައި މެޗު ހުއްޓާލަން ޑެންމާކުގެ ރެފްރީ މޯޓެން ކްރޯގް ނިންމީ، ޖޯޖިއާގެ ފުލުހުން ސަޕޯޓަރުން ތިބި ސަރަހައްދަށް ވަދެ އިސްތަންބޫލްގެ ކްލަބުގެ ސަޕޯޓަރުންނާ ދެކޮޅަށް ޕެޕާ ސްޕްރޭ ބޭނުންކުރުމާ ގުޅިގެން ކަމަށް ތުރުކީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ސަލާމަތީ އަދި ރައްކާތެރިކަމުގެ ސަބަބުތަކަށްޓަކައި އިސްތަންބޫލްގައި މި މެޗު ނުބޭއްވޭނެ ކަމަށް ތުރުކީގެ ކަމާބެހޭ އިދާރާތަކުން ބުނުމާ ގުޅިގެން ޔޫއެފާއިން މި މެޗު ބާތޫމީއަށް ބަދަލުކުރިއިރު، ހަޕޮއެލް އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު ދެ މެޗާ ހިލާފަށް މި މެޗު ބަލަން ސަޕޯޓަރުންނަށް ސްޓޭޑިއަމަށް ވަނުމުގެ ހުއްދަ ދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ބެޝިކްތާޝް ކްލަބުން ވަނީ، މެޗުގެ ކުރިންނާއި މެޗުގެ ތެރޭގައި އެ ޓީމުގެ ސަޕޯޓަރުންނާ ދެކޮޅަށް ޖޯޖިއާގެ ފުލުހުން ހައްދުފަހަނަޅާފައިވާ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. "އަޅުގަނޑުމެންގެ ސަޕޯޓަރުންނާ ދެކޮޅަށް ސަލާމަތީ ބާރުތަކުން މިންވަރަށް ވުރެ އިތުރަށް ބާރުގެ ބޭނުންކުރި ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" އެ ކްލަބުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ހާދިސާތަކުގެ އަސަރުކުރި އެންމެހައި ސަޕޯޓަރުންނަށް އަވަސް ޝިފާއަކަށް އެދޭ ކަމަށް ވެސް އެ ކްލަބުން ބުންޏެވެ.
ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ ބެޝިކްތާޝްގެ ސަޕޯޓަރުންނާ މެދު އަމަލުކުރި ގޮތް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި އެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ސަޕޯޓަރުންނާ މެދު އަމަލުކޮށްފައިވަނީ ބަލައިގަނެވޭނެ ގޮތަކަށް ނޫން ކަމަށާއި އެއީ ތަފާތުކުރުމެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގުކުރުމަށް އެދި ބާރުއަޅާނެ ކަމަށް ވެސް ފެޑެރޭޝަނުން ބުނެފައިވެއެވެ.
ބެޝިކްތާޝްގެ ސަޕޯޓަރުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ކުށްވެރިކޮށް ތުރުކީގެ ސުޕަ ލީގުގެ ގިނަ ކްލަބުތަކަކުން ވެސް ވަނީ އަޑުއުފުލައިފައެވެ. އޭގެ ތެރޭގައި ޓްރެބްޒޮންސްޕޯ، ފެނަބާޗޭ، ގަލަތަސަރާއި، އާޒުރުމްސްޕޯ، ބަޝަކްޝެހިރް އަދި ސަމްސުންސްޕޯ ހިމެނެއެވެ. އަދި ތުރުކީގެ ދައުލަތުގެ އަނަދޯލޫ އެޖެންސީން ރިޕޯޓުކުރި ގޮތުގައި، މެޗު ފެށުމުގެ ކުރިން ބެޝިކްތާޝްގެ ކުޅުންތެރިން ވަނީ އިޒްރޭލުގެ ހަޕޮއެލް ޓީމުގެ ކުޅުންތެރިންނާ ސަލާމްކުރުމަށް އިންކާރުކޮށްފައެވެ.
މެޗަށް ފަހު ބެޝިކްތާޝް އިން 'އެކްސް' ގައި އާންމުކުރި ވީޑިއޯއެއްގައި ފެންނަ ގޮތުގައި، އެ ޓީމުގެ ކުޅުންތެރިން ވަނީ ބެނާއެއް ހިފައިގެން ތިބި ސަޕޯޓަރުންތަކެއްގެ ފަހަތުގައި ތިބެ ފޮޓޯއަކަށް ހުއްޓިފައެވެ. އެ ބެނާގައި ލިޔެފައިވަނީ "އިސްތިއުމާރާ ދެކޮޅަށް ތެދުވޭ. ފަލަސްތީނަށް މިނިވަންކަން" މިހެންނެވެ.
މި ހާދިސާއާ ގުޅިގެން ޑިޕްލޮމެޓިކް ފެންވަރުގައި ވެސް ވާހަކަތަކެއް ވަނީ ދެކެވިފައެވެ. އެގޮތުން ތުރުކީގެ ދާޚިލީ ވަޒީރު މުސްތަފާ ޗިފްތުޗީ ވަނީ މެޗަށް ފަހު ޖޯޖިއާގެ ދާޚިލީ ވަޒީރާ ފޯނުން ގުޅުއްވައި މި މައްސަލައިގައި ތުރުކީގެ ކަންބޮޑުވުން ހިއްސާކުރައްވާފައެވެ. ތުރުކީގެ ދާޚިލީ ވުޒާރާއިން ބުނީ، ތުރުކީގެ ސަޕޯޓަރުންނާ ދެކޮޅަށް ހައްދުފަހަނަޅާފައިވާ ބާރުގެ ބޭނުންކުރުމާ ގުޅިގެން ޗިފްތުޗީ ކަންބޮޑުވުން ފާޅުކުރެއްވި ކަމަށާއި، އަދި އެ ސަޕޯޓަރުން އެނބުރި ތުރުކީއަށް ރައްކާތެރިކަމާއެކު ދިއުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް ފިޔަވަޅުތައް އަޅައިދިނުމަށް އެދިވަޑައިގެންނެވި ކަމަށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މި މަޝްވަރާތަކުގައި ޖޯޖިއާގެ ދާޚިލީ ވަޒީރު ސުލްހާން ތަމަޒަޝްވިލީ ވިދާޅުވީ، ސަޕޯޓަރުން ގެންގުޅުނު ފަލަސްތީނުގެ ދިދަތައް އަތުލީ ޔޫއެފާގެ އޮފިޝަލުން ކަމަށެވެ. އަދި ދިދަތައް އަތުލުމުގައި ޖޯޖިއާގެ ދައުލަތުގެ އެއްވެސް އިދާރާއެއްގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!