އަޅުގަނޑުމެން ދިވެހިންގެ ސަގާފަތަށް ބަލާއިރު މުރަނގަފަތް އެންމެ ގިނައިން ބޭނުންކުރަނީ ތެލުލައިގެން އެކިއެކި ކާނާއާއި އެކުއެވެ. ނުވަތަ މުރަނގަފަތުގެ ބަތް ކައްކައިގެންނެވެ.
ބައެއްމީހުން އެ ފަތުގައި ބިސްގަނޑު އަޅައިގެން ނުވަތަ ބަތާއި ގަރުދިޔަ މޮޑެގެން ކާއިރު އެކީގައި ކައި އުޅެއެވެ. ނަމަވެސް މުރަނގަފަތު ސައި ވެގެން މިދިޔައީ ހަމަގައިމުވެސް އަޅުގަނޑަށް އައު އެއްޗަކަށެވެ. އެހެންކަމުން މުރަނގަފަތު ސަޔާއި ބެހޭގޮތުން ހޯދި ހޯދުންތައް ތިރީގައި ހިއްސާކޮށްލާނަމެވެ.
މުރަނގަފަތަކީ ދަގަނޑުގެ މިންވަރު ގިނަ ކަމަށް މަޝްހޫރު ބޯވެލިފަތަށްވުރެ 3 ގުނައަށް އިތުރަށް އަޔަން ހުންނަ ފަތެކެވެ. އަދި އިންތިހާއަށް ކެލްސިޔަމް އާއި އެކި ޒާތްޒާތުގެ ވިޓަމިންސް ލިބެންހުންނަ މިފަތަކީ ހަންގަނޑު ސާފްކޮށްދިނުމާއި، ޢުމުރަށްވުރެ ޒުވާންކަމަށް ދައްކުވައިދޭ ބީޓާ ކެރޮޓީން ކިޔާ މާއްދާއެއްވެސް ގިނައިން ހުންނަ ފަތެއްވެސްމެއެވެ. ޙަޤީޤީ ޢުމުރު ފޮރުވުމަށް އެދޭ ބޭފުޅުންނާއި ބޭކަނބަލުންނަށް އިޚްތިޔާރުކޮށްލަން ތަނަވަސް ބުއިމެއްކަމަށް ބެލެވެއެވެ.
ހެނދުނު ހެނދުނާ މުރަނގަފަތް ސައިތައްޓެއް ބުއިމުން އަނގައިގައި ހުންނަ ބެކްޓީރިޔާތައް މަރުވެ، އަނގައިން ނުބައިވަސް ދުވުމުން ދުރުކޮށްދޭކަން ފާހަގަކޮށްލެވެއެވެ. އެންޓިފަންގަލް މާއްދާތަށް ގިނައިން ހުންނަ މި ފަތުގެ ސަބަބުން އަނގައިގައި ޖެހޭ ބެކްޓީރިއަލް އަދި ފަންގަލް ބަލިތަކުން ރައްކާތެރިކޮށްދޭ ކަމަށްވެސް ގިނަ ދިރާސާތަކުން ދައްކައިދެއެވެ.
ހަކުރުބައްޔާއި، ކޮލެސްޓްރޯލް އިތުރުވުމާއި، ލޭގެޕްރެޝަރ މަތިވުމަކީ އަޅުގަނޑުމެންގެ މި ކުޑަކުޑަ މުޖްތަމަޢުންވެސް ގިނަ ޢަދަދަކަށް ފެންނަ ބަލިތަކެއްކަން ހިތާމަޔާއިއެކު ޤަބޫލުކުރަން މިވަނީ މަޖުބޫރުވެފައެވެ.
އެހެނަސް، މުރަނގަފަތަކީ އޭގެ އަސަރުން ލޭގެ ޕްރެޝަރ ދަށްކޮށްދޭން އެހީވެދޭ، ކޮލެސްޓްރޯލް ބައްޔަށްވެސް ސައްޙަ ފަރުވާއެއްކަމަށް ދިރާސާވެރިން ރަޢުޔުނެރޭ ފަތެކެވެ. އަދި ޓައިޕް 2 ޑައިބެޓީސް ހުންނަ ބޭފުޅުން، ދުވާލެއްގެ މައްޗަށް 8 ގްރާމްގެ މުރަނގަފަތް ބޭނުން ކުރުމުން ހަށިގަނޑުގައި އުފެދޭ ގުލޫކޯޒް ގެ މިންވަރު 28 އިންސައްތައަށް ތިރިކޮށްދޭކަމަށްވެސް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.
މިފަތާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާތަށް މަދުކަމުގައި ވީނަމަވެސް، މިފަތުން ގިނަ ޢަދަދަކަށް އެންޓި-އިންފްލެމޭޓޮރީ މާއްދާތަކާއި، އެންޓައި-އޮކްސިޑަންޓްސް އަދި އިތުރު އެހެނިހެން ތަފާތު މާއްދާތަކުގެ ސަބަބުން ހަށިގަނޑުގެ އެތެރޭފައި އުފެދޭ އިންފެކްޝަންތަށް ނައްތާލުމަށް އެހީވުމާއި އަދި ކެންސަރ ބަލީގައި ހަށިގަނޑުގައި އުފެދޭ ކެންސާރ ސެލްތަކް ނައްތާލުމުގައި ބައެއްވާކަމަށް ރިސާރޗަރުން އިއްތިފާގުވެފައިއެވެ.
މީގެ އިތުރުން މިފަތުން ހަށިގަނޑުގެ ހޯމޯން މިންވަރު އެއްހަމައެއްގައި ހިފަހައްޓައިދިނުމުގެ ސަބަބުން، ތައިރޮއިޑް ބަލިތަށް ތަހަންމަލް ކުރާ މީހުންނަށާއި، ޕީސީއޯއެސް ފަދަ އަންހެނުންގެ ބަލިތަށް ހުންނަ ބޭކަނބަލުންނަށް މިފަތުގެ ސައިވެގެން ދަނީ މުހިންމު ބުއިމަކަށެވެ. ނަމަވެސް، މާބަނޑުމީހުންނާއި ދަރިމައިވުމަށް މަސައްކަތްކުރާ ބޭކަނބަލުން މިފަތާއި ދުރުވުމަށް ޑޮކްޓަރުން ލަފާދެއެވެ.
މި ހުރިހާ ފައިދާތަކެއް ކިޔާލުމުން، މުރަނގަފަތް ސައިތައްޓެއް ގިރާލަން ބޭނުންވެދާނެތީ، އެ ފަތުގެ ޕައުޑަރއެއް އަމިއްލައަށް ހަދާލާނޭގޮތް ހިއްސާ ކޮށްލާނަމެވެ. މުރަނގަފަތް ކޯޅިއެއް ލިބިއްޖެނަމަ، އެފަތްތައް ވަކިކުރުމަށްފަހު އިރުގެ ސީދާއަވި ނުޖެހޭނޭހެން އެ ފަތްތަށް ހިއްކާލާށެވެ. އެއަށްފަހު މިކްސަރަކުން ފުނޑުކޮށްލުމުން އެ ނިމުނީއެވެ. ދެން މާމުޔާއި އިނގުރު ސައިތައްޓަކަށް ބައި ސައިސަމްސާ އެޅުމުން ފުދޭނެކަމަށް ބެލެވެއެވެ.
މި ސައިތަށި ބޯލަން އެންމެ ފަހި ވަގުތަކީ ހެނދުނުގެ ވަގުތުކަމުގައި ވީނަމަވެސް، ހެނދުނުގެ ކޮފީ ތަށި ގުރުބާން ކޮށްލަން ބޭނުން ނުވާނަމަ، ކޮފީ ހަދާފެން ކައްކާއިރު މިފަތް އަޅައި ކައްކާލުމަށްފަހު، ކޮފީތައްޓަށްވެސް ފުރާނާލެވިދާނެއެވެ. މިފަތުގައި ވަކި ޚާއްސަ ރަހައެއް ނުހުރުމުގެ ސަބަބުން އެއްވެސް ބުއިމަކަށް ހިތްނުތަނަވަސް ވާފަދަ ބަދަލެއް އައުން ވަރަށް ނާދިރެވެ.
ރޯގާއެއް ހުންނަނަމަ އިނގުރާއި މާމުއިސަޔަށް އެޅިދާނެއެވެ. ހެނދުނުގެ ކޮފީއަށްވެސް އެޅިދާނެއެވެ. އާއިލާއާއިއެކު ބާއްވާ ހަވީރު ސަޔަށްވެސް އަޅަންވީއެވެ. މުހިންމީ އިސްލާހުކުރަނިވި ސިއްޙަތަކަށްޓަކައި ޢަމަލީގޮތުން ބައިވެރިވުމެވެ. ބޭނުންވަނީ ކުޑަކުޑަ ހިތްވަރެއްތާއެވެ!
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!