އދ.ގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދަށް ގުއަޓަމާލާގެ އެންމެ މަތީ އެއް ޝަރަފު އަރުވައިފިއެވެ.

ގުއަޓަމާލާއިން ޝާހިދަށް އަރުވާފައިވަނީ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޝަރަފުވެރި ޢިއްޒަތެވެ.

Ad
rt

1973 އިން ފެށިގެން ބައިނަލް އަގުވާމީ ފެންވަރުގައި ހާރިޖީ ދާއިރާގައި މުހިންމު ހިދުމަތްތަކެއް ކުރައްވާފައިވާ އިއްޒަތްތެރިންނަށް ގުއަޓަމާލާ އިން ދެމުން ގެންދާ އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް ޢާއްމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް އަރުވާފައި ވަނީ ގުއަޓަމާލާގެ ވެރިރަށް ގުއަޓަމާލާ ސިޓީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އޯޑާ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ އިއްޒަތް ނިސްބަތްވަނީ އެ ގައުމުގައި އުފެދުނު މަޝްހޫރު އެއް ސިޔާސީ ލީޑަރެއް ކަމަށްވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އަލޮންސޯ އަށެވެ.

ދިވެހި ޚާރިޖީ ވަޒީރަށް ގުއަޓަމާލާ އިން އެ އިއްޒަތް އަރުވާފައި ވަނީ ހާރިޖީ ދާއިރާގައި ކުރައްވާފައިވާ ހިދުމަތްތަކާއި، އދ. ގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

އެގޮތުން، ކޮވިޑުން އަރައިގަތުމަށާއި، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އިތުރުން، ޒުވާނުންނަށް ފުރުސަތު ހޯއްދަވައިދެއްވުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ގުއަޓަމާލާގެ އިތުރުން، ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާންގެ އިއްޒަތް ކަމަށްވާ ދަ ޑުއާޗޭ، ސަންޗޭޒް އެންޑް މެލާ އޯޑާ އޮފް މެރިޓް މިދިޔަ މަހު ޝާހިދަށް ވަނީ އަރުވާފައެވެ.

މީގެއިތުރުން މިދިޔަ އޮކްޓޯޯބަރު މަހު ދިވެހި ދައުލަތުން ވެސް ވަނީ ޝާހިދަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ވެސް އަރުވައިފައެވެ.