ގިނަ އަދަދެއްގެ ބަޔަކު ބުލެކްމެއިލް ކުރުމާއި އެއްޖިންސުން ގުޅުން ހިންގި (ލިވާތު) މައްސަލައިގައި އެމްޑީ އަލަމްގީރް ފުލުހުންގެ ހައްޔަރަށް ގެންގޮސްފި އެވެ.

"ތިލަދުން" އަށް މަޢުލޫމާތުދެމުން ފުލުހުން ވިދާޅުވީ އަލަމްގީރް ހައްޔަރު ކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

Ad
rt

ބަނގުލަދޭސް ރައްޔިތެއްކަމަށްވާ އަލަމްގީރް ހައްޔަރުކޮށްފައިވަނީ މާފަންނުގައި އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި އުޅެނިކޮށް އިއްޔެ މެންދުރުފަހުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނީ އެމައްސަލަ އަދިވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެއްޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކުކޮށް ގިނަބަޔަކު ބުލެކްމެއިލް ކުރާ މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ މިދިޔަ މާޗު މަހުގެ ފަހު ހަފުތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ބުލެކްމެއިލްކުރާ ބަޔަކު ދެނެގަނެވިފައިވާ ކަމަށް، މިިދިޔަ މަހުގެ 27 ގައި ފުލުހުން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރުކަމަށް ތުހުމަތުކުރެވޭ މީހަކު އަލަމްގީރް ދިރިއުޅޭ ކޮޓަރީގައި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ. ނާޒިމް ސައްތާރު ވަގުތުން ވަނީ އެއީ އެޑިޓްކޮށްފައިވާ ވީޑިއޯއެއްކަމަށް ބުނެ އެކަމަށް އިންކާރުކޮށްފަ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން، ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހަމަ އެ ކޮޓަރީގައި ހުރި މަންޒަރު ފެންނަ ފޮޓޯއެއް އާންމުވި އެވެ. ކާނަލް ވަނީ އެފޮޓޯއިން ފެންނަނީ އެބޭފުޅާކަމަށް އިޢުތިރާފްވެފަ އެވެ. އެކޮތަރިއަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ބަންގްލަދޭޝްގެ އަލަމްގީރް އެއްބަސްވެ، އޭނާ ދިވެހިންގެ ކިބައިން މާފަށް އެދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މީގެ ދުވަސްކޮޅެއް ކުރިން އާންމުވި އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން އޭނާ ވަނީ ގިނަ ދިވެހި ފިރިހެނުންނާއި އެކު ޖިންސީ ގުޅުން ހިންގި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފަ އެވެ.

ބަރަހަނާ ވީޑިއޯތަކާ ގުޅިގެން ފުލުހުން ވަނީ އަލަމްގީރާއި ނާޒިމް ސައްތާރު އަދި ކާނަލް ނަޝީދުގެ ޕާސްޕޯޓުވެސް ހިފަހައްޓައިފަ އެވެ.