ގިނަބަޔަކު އެއްވެ އުޅޭ ތަންތަނުގައި މާސްކް އަޅަން އެޗްޕީއޭއިން އިލްތިމާސް ކޮށްފި އެވެ.

ކޯވިޑް ކޭސްތައް އިތުރުވަމުން ދާތީވެ، އާންމުން އެންމެ ގިނައިން އެއްވެ އުޅޭ ތަންތަނުގައި މާސްކް އަޅައިގެން އުޅުމަށް އިލްތިމާސްކޮށް ނެރުނު ބަޔާނެއްގައި އެޗްޕީއޭއިން ވިދާޅުވީ މިދިޔަ ހަފްތާގައިި ރާއްޖޭން 400 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ.

Ad
rt

އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ މި މަހުގެ ދެވަނަ ހަފްތާއަށް ވުރެ ތިންވަނަ ހަފްތާގައި ރާއްޖޭގައި ކޯވިޑް ކޭސްތައް 185 ޕަސެންޓު އިތުރުވެ، ހޮސްޕިޓަލްގައި އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، އެ ބައްޔަށް ފަރުވާ ހޯދަމުން ދިޔަ ތިން މީހަކު މި މަހު މަރުވެފައިވާ ކަމަށެވެ.

ކޯވިޑްގެ އިތުރުން، އަރިދަފުސް ރޯގާ އާއި މި ދުވަސްވަރު ފެތުރޭ އެހެނިހެން ބަލިތަކުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި، ފިޔަވަޅު އަޅައި، ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން ވަނީ ވޭތުވެދިޔަ މަސްތަކުގައި ކޯވިޑް-19 ގެ ކޭސްތައް ރާއްޖޭގައި މަދުވެފައި އޮތުމަށް ފަހު، އަނެއްކާވެސް ގިނަވަމުން ދާތީ އެކަމަށް އާންމުން ސަމާލުވެ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލާފައެވެ.