ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯނީއާއެކު، ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަނީގެ ސޯޝަލް މީޑިއާ އޮފިޝަލް އެކައުންޓުތަކުގައި އިއްޔެ ކުރި ޕޯސްޓެއްގައި ވާގޮތުން މިއީ އިންޑިއާގެ ޓްރެވަލް އެޖެންސީއެއް ކަމަށްވާ "އޭޒް ޔޫ ޕްލޭން" އިން ދޭ ފުރުސަތެކެވެ. އެ ފުރުސަތު މިހާރު އެންމެނަށް ވެސް ހުޅުވާލާފައިވާ ކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
"ޓްރެޒާ އައިލެންޑް ވެކޭޝަން ވިތު ސަނީ ލިއޯން - މޯލްޑިވްސް އެޑިޝަން" ކިޔާ އެ ޕްލޭންގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނީ ރާއްޖޭގެ ރިސޯޓެއްގައި ކަމަށް ވެސް ވަނީ ބުނެފައެވެ. އަދި އޭނާ އާއި އެހެން ސެލެބްރީޓިންނާއި އާޓިސްޓުންނާ ބައްދަލުކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ޕޯސްޓިގައި ބުންޏެވެ.
އެ ޕޯސްޓުގައިވާ ގޮތުން އެ ފުރުސަތު ލިބޭނީ 110 ފަރާތަކަށެވެ. މި ދަތުރު އޮންނާނީ މި އަހަަރުގެ ސެޕްޓެމްބަރު 16 އިން 19އަށެވެ.
ސްޕޮންސަރުންގެ ލިސްޓުގައިވާ ގޮތުން ޗުއްޓީ ހޭދަ ކުރާނީ އެ ރިސޯޓަކީ މާލެ އަތޮޅުގައި އޮންނަ ރެޑިސަން ބްލޫ ރިސޯޓް މޯލްޑިވްސްއެވެ.
އެ ދަތުރުގައި އޮންނާނެ އިވެންޓްތަކުގެ ތެރޭގައި:
- ސަނީއާ އެކު މޯނިން ޔޯގާ.
- ބީޗް ގޭމްސް އާއި ސަނީ ހަމަޖައްސާ ޗެލެންޖުތައް.
- މޮޅުވާ މީހަކަށް ސަނީއާ އެކު ކޮފީ ޑޭޓަކަށް ދާން ފުރުސަތު.
އެ ފުރުސަތު ހޯދުމަށް ޖެހެނީ "އޭޒް ޔޫ ޕްލޭން" ގެ ވެސްބައިޓަށް ގޮސް، ރަޖިސްޓްރީވެ ބުކިން ހައްދާށެވެ.
އެ ދަތުރުގެ ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާނީ ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރާ "ވިޒިޓް މޯލްޑިވްސް"އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!