ށ. ފުނަދޫ ސްކޫލުން ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ އެ ސްކޫލުން މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވީ ފުނަދޫ ސްކޫލަށް 50 އަހަރު ފުރޭ ރަންޔޫބީލް މުނާޞަބާ ފާހަގަކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ފުނަދޫ ސްކޫލްގައި ފާހަގަކުރާ ރަންޔޫބީލްގެ ޙަޤީޤަތަކީ، އެ ރަށުގެ އަލިވާގޭ އަލްމަރްޙޫމް ޢަބްދުﷲ ޢަބްދުލްކަރީމްގެ އަމިއްލަފުޅު އިސްނެންގެވުމަށް، އެ ރަށުގެ ދަރިންނަށް ކިޔަވައިދެއްވުމަށް އޭނާ ވަރަށް އާދައިގެ ގޮތަކަށް ފެށްޓެވި މަސައްކަތެއް ކަމަށެވެ. އަދި އެ މަސައްކަތުގައި މާތް ﷲ ބަރަކާތް ލައްވައި، މިއަދާ ހަމައަށް ތަރައްޤީވެގެން އައުމަކީ، އެ ރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް މަތިވެރި ނަޞީބެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ފުނަދޫ ސްކޫލަށް 50 އަހަރު ފުރިގެން ދިޔައިރު، އެ ސްކޫލް ވަނީ މުޖުތަމަޢަށް ވަރަށް އަގުހުރި ހަދިޔާއެއް ކޮށްދީފައި ކަމަށެވެ.

"އެއީ އިންސާނީ ވަސީލަތްތައް ބިނާކުރުން. ފުނަދޫ ސްކޫލުން ދަރިވަރުވި އެތައް ބަޔަކު، މިރަށާއި މި ސަރަޙައްދުގެ އެކި އިދާރާތަކުގެ އިސް މަގާމުތަކެއްގައި މިހާރު ވެސް އެ ގެންދަވަނީ ޚިދުމަތް ކުރައްވަމުން." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފުނަދޫ ސްކޫލްގެ ބާނީގެ ކާފަ ދަރިފުޅަކީ، އެރަށު ހެލްތު ސެންޓަރުގެ އިސް މަގާމެއް އަދާކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި އެ ސަރަޙައްދުގެ ބޭންކް އޮފް މޯލްޑިވްސްގައި ހުންނަވާ ބޭންކު މެނޭޖަރަކީ، އެ ސްކޫލުން ކިޔަވާ ވިދާޅުވި ބޭފުޅެއްކަން ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.

"މިއަތޮޅާއި މިރަށު ފުލުހުންގެ އެކި މަގާމުތަކުގައިވެސް މި ސްކޫލުން ދަރިވަރުވި ބޭފުޅުން އެބަތިއްބެވި. އަދި މި ސްކޫލްގައިވެސް ކިޔަވައިދެއްވަމުން ގެންދަވާ ގިނަ ޓީޗަރުންނަކީ، އަދި މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުންނަކީ މި ހިޔަލުގެ ދަށުން ނިކުން ދަރިވަރުންކަން އަޅުގަނޑު ފާހަގަކުރަން." ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމް އަދި ދިވެހި މާއްދާއިން ފާސްވާ ޕަސެންޓޭޖް އެންމެ މަތީ ސްކޫލްތަކުގެ ތެރޭގައިވެސް ފުނަދޫ ސްކޫލް ހިމެނިގެންދާ ކަމަށާއި، ނިމިގެންދިޔަ ދިރާސީ އަހަރު، އޯލެވެލް ގަދަ 10ގައި އެ ސްކޫލްގެ 6 ކުއްޖަކު ހިމެނުނުކަން ފާހަގަ ކުރަށްވަމުން މިއީވެސް އެ ސްކޫލުން ހޯދަމުން އަންނަ ކާމިޔާބީތައްކަން ރައީސް ވަނީ ފާހަގަ ކުރަށްވާފައެވެ.

"މި ސްކޫލް އުފަންވި ގޮތާއި ކިޔަވައިދިނުމުގެ ކަންތައް ފެށިގެން އައި ގޮތް އެއީ، އަޅުގަނޑުމެން މިއަދު ދިވެހި ދަރިންނަށް ކިޔަވައިދިނުމަށް މި ގެންގުޅޭ ސިޔާސަތާ ވަރަށް ބޮޑަށް ގުޅިފައިވާ ވިސްނުމެއް. "މަކްތަބަތުލް މުނީރު" ގެ ނަމުގައި މި ސްކޫލް ފެށިގެން އައީ، ކީރިތި ޤުރްއާނާއި، އަޚްލާޤާއި، ހިސާބު ޢިލްމު ކިޔަވައިދޭ ތަނެއްގެ ގޮތުގައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކީރިތި ޤުރްއާނުން އަޅުގަނޑުމެންގެ ހިތްތަކުގެ މިޞްރާބު، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާއަށް ސީދާކޮށްދޭ ކަމަށެވެ. އަދި ހެޔޮ ގޮތުގައި މީސްތަކުންނާ މުޢާމަލާތުކޮށް، މުޖުތަމަޢެއްގެ ގޮތުގައި ގުޅިގެން އުޅުމަށް ހާނުވައިދެނީ އިސްލާމީ އަޚްލާޤް ކަމަށާއި، ހިސާބު ޢިލްމުގެ ޒަރީޢާއިން އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީވެ، އީޖާދީ ވިސްނުންތައް ސިކުނޑީގައި އުފަންކޮށްދޭ ކަމަށެވެ.

"މިއީ، ރާއްޖޭގެ މިއަދުގެ ތަޢުލީމީ ސިޔާސަތު، އެ މައްޗަށް އަޅުގަނޑުމެން ބިނާކުރަމުން އަންނަ މައިގަނޑު ތިން އަސާސް. އާދެ، މީގެ 60 އަހަރު ކުރިން ފަޅުރަށެއްގެ ގޮތުގައި އޮތް މިރަށް، ތަހުޒީބީ ގޮތެއްގައި ކުރިއަރައިގެން އައީވެސް، މިދެންނެވި އަސާސްތަކުގެ މަތީގައި، މިރަށުގައި ތަޢުލީމީ ނިޒާމެއް ބިނާކުރެވުމުން. މި ރަށުގައި މީހުން ވަޒަންވެރިވުމަށްފަހު، ރައްޔިތުން އިސްނަގައިގެން ސްކޫލެއްގެ ޚިދުމަތް ދޭން ފެށުމަކީ، ތަޢުލީމީ ޖީލެއް ބިނާކުރުމަށް މި ރަށުގެ ރައްޔިތުން އިސްކަންދޭ މިންވަރު ހާމަކޮށްދިން ކަމެއް. މި ދިޔަ 50 އަހަރުގެ ތެރޭގައި މި ރަށުގެ ތަރައްޤީގައި އެންމެ މުހިންމު ދައުރެއް އަދާކުރީވެސް، ހަމަ މި ސްކޫލުން ދަރިވަރުވި ބޭފުޅުން." ރައީސް ވިދާޅުވެފައިވެއެވެ.