ކުޅުދުއްފުށީ ގެއެއްގައި ރޯވި އަލިފާނަކީ ގަސްތުގައި ބަޔަކު ކޮށްފައިވާ ފިނޑި އަމަލެއްކަމުގައި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް ބުނެފިއެވެ.
ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ލަތީފް ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގާފައިވާ ކަކާގެޔަކީ ނޮޅިވަރަމް މީހަކު ކުއްޔަށް އުޅެމުން އަންނަ ގެޔެއްކަމަށާއި އެގޭތެރެއިން ފެންނަން ހުރި ކަންކަމަށް ބަލާއިރު އެއީ ބަޔަކު ގަސްތުގައި ކޮށްފައިވާކަމެއްކަން އިނގޭކަމަށެވެ. އަދި ބެލެވޭ ގޮތުގައި އަލިފާން ރޯކޮށްލާފައިވަނީ ފާރުމަތިން ދަނޑިއެއްކަހަލަ އެއްޗެއް ބޭނުންކޮށްގެން ކަން އިނގޭނެ ނިޝާން ތަކެއް ގޯތި ތެރޭގައި ހުރިކަމަށް ބުނެފައިވެއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ލަތީފު ބުނީ މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މިކަން ހަރުކަށި ބަހުން ކުއްވެރިކުރާކަމަށެވެ.
މީގެއިތުރުން ލަތީފްގެ ފޭސްބުކްގައި ބުނެފައިވަނީ މީހަކާ ދޭތެރޭ އޮންނަ ހިތްހަމަ ނުޖެހުމެއް ފާޅުކުރުމަށް މިފަދަ ކަންކަން ކުރުމަކީ ހިތާމަ ހުރި ކަމެއްކަމަށާއި އެފަދަ އަމަލު ކުއްވެރި ކުރާކަމަށެވެ. އަދި މިފަދަ އަމަލުގެ ސަބަބުން ހީވެސް ނުކުރާވަރުގެ ގެއްލުން، ކުށެއް ނެތް ބަޔަކަށްވެސް ލިބިގެން ހިންގައިދާނެ ކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން އެ ގޭ ތެރޭގައި ދުން ބޯވެފައި ހުރުމުގެ ސަބަބުން ސިފައިން ވަނީ ދުން ބޭރު ކުރުމުގެ މަސައްކަތް ކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނި ގޮތުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ އެ ގޭގެ އެތެރޭގައި ބަހައްޓާފައި ހުރި ސައިކަލެއްގަ އެވެ. އަދި ފުލުހުން އެ ސަރަހައްދަށް ދިޔައިރު، ސައިކަލުގެ ރޯވި އަލިފާންގަނޑު ބޮޑުވެ، ކަކާގެ ފުރާޅުގައި ވެސް ރޯވެ، ސައިކަލުގެ ކައިރީގައި ބާއްވާފައި އޮތް ރަށު ޕިކަޕެއްގައި ވެސް އަލިފާން ހިފާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެ އަލިފާން މުޅިން ނިއްވާލެވުނު އިރު އެ އަލިފާނުގެ އަސަރު، ކަކާގެއާ އިންވެގެން ހުރި، ނަހާގެއަށް ވެސް ކޮށްފައިވާ ކަމަށެވެ. މި ހާދިސާ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ ތަހުޤީޤުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!