ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ހައިކޯޓުން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް އިސްތިއުފާ ދެއްވާފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.
ވޭތުވެދިޔަ 11 އަހަރު ފަނޑިޔާރުކަމުގެ މަގާމުގައި އަލްއުސްތާޛު ޢަބްދުލް ރައޫފު އިބްރާހީމް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތަށް ހައިކޯޓުން ވަނީ ޝުކުރު ދަންނަވާފައެވެ.
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަޤާމުން އިސްތިއުފާ ދެއްވި ސަބަބެއް ހައިކޯޓުން ހާމަކުރައްވާފައެއް ނުވެއެވެ.
ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފު އިބްރާހީމް މަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް ނެންގެވީ ޤާނޫނު އަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލަގައި ޖޭއެސްސީން ބެއްލެވުމަށްފަހު އޭނާ މަޤާމުން ވަކި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް އިސްތިއުފާ ދެއްވުން pic.twitter.com/kBs3zQFR6F
— High Court of Maldives (@mvhighcourt) May 31, 2022
2011 ވަނަ އަހަރު ހައި ކޯޓަށް އައްޔަންކުރި ރައޫފަކީ ކުރިން ސިވިލް ކޯޓުގެ ރަޖިސްޓްރާގެ މަގާމު އަދާކުރި ބޭފުޅެކެވެ. އޭނާއާ އެކު އޭރު ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރު އަލީ ސަމީރު ވެސް ދާދިފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސަމީރު މިހާރު ހުންނެވީ ޑެޕިއުޓީ ޕީޖީގެ މަގާމުގަ އެވެ.
މިމައްސަލާގައި މަޤާމުން ވަކިކުރަން ޖޭއެސްސީން ނިންމާފައިވަނީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!