ތިލަދުންމަތީ އުތުރުބުރީ މޮޅަދޫއަކީ ހއ. އަތޮޅުގެ ބިންބޮޑެތި ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. ޤުދުރަތީގޮތުން އިހަވަންދިއްޕޮޅު އަތޮޅުގެ ރަށެކެވެ. ދިވެހިރާއްޖޭގެ އެންމެ އުތުރުން މީހުން އާބާދުވެފައިވާ ރަށްތަކަށް ބަލާނަމަ، ތިންވަނައަށް މީހުން ދިރިއުޅޭ ރަށެވެ.

އެންމެ ކައިރީގައި އޮންނަނީ މޮޅަދޫއާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެއްކަމަށްވާ ގާމަތިކުޅުދޫއެވެ. މީހުންދިރިއުޅޭ ރަށްތަކުގެ ތެރެއިން މޮޅަދޫއާއި އެންމެ ކައިރީގައިވަނީ މޮޅަދޫގެ އުތުރުން ހއ. އުލިގަމެވެ. އަދި ހުޅަނގު ދެކުނުން ހއ. އިހަވަންދޫ އެވެ. އެގޮތުން ހއ. އިހަވަންދޫއަކީ މޮޅަދޫ ރައްޔިތުން އެކިއެކި މުހުތާދުތަކުގައި އެންމެ ގިނައިން ޒިޔާރަތްކުރާ އެއްރަށެވެ. ޚާއްޞަކޮށް ތަފާތު ބާވަތްތަކުގެ މުދާ މޮޅަދޫއަށް އެންމެ ގިނައިން އެތެރެކުރަނީ އިހަވަންދޫއިންނެވެ.

Ad
rt

މޮޅަދޫއަކީ މީގެކުރިން ދަތުރުފަތުރު ކުރުމަށް ވަރަށް އުނދަގޫ ރަށެކެވެ. ޙާއްޞަކޮށް ހުޅަނގު މޫސުމުގައި މޮޅަދޫއަށް އަރައި ފަބައި އުޅުމަކީ ވަރަށް ދަތިކަމެކެވެ. އިރުވައި މޫސުމުގައިވެސް ރަށުގެ ފަޅުތިލަކަމަށްބުނެ، އަތޮޅު ފެރީވެސް އޭރު މޮޅަދޫގެ ފާލަންކައިރިއަށް އައިސް ކައިރި ނުކުރެއެވެ.

މޮޅަދޫއަށް އަރާފައިބަން ބޭނުން ކުރަމުން އައި ފާލަން، 2018 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: މޮޅަދޫ ފޭސްބުކް ޕޭޖް

ފެރީން ދަތުރުކުރަން ބޭނުންނަމަ، ޖެހެނީ ފެރީ މޮޅަދޫ ބޭރުގައި ފެރީ މަޑުކުރުމުން ކުޑަ ޑިންގީއެއްގައި ގޮސް ފެރީއަށް އަރާށެވެ. ދަތުރުކުރާ މީހުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހެއެވެ. އެތައް ވަގުތެއް އެކަމަށް ހޭދަކުރަން ޖެހެއެވެ. ކަނޑުގަދަނަމަ، މިތަކުލީފުތައް އެތައްގުނައަކަށް ބޮޑުވެގެންދެއެވެ. ފެރީން ގެންނަ ތަކެތި ރަށަށް ބާލަން ވެސް އެހާމެ ދައްޗެވެ.

ބަނދަރެއް ނެތުމުގެ ސަބަބުން މާލެ ދަތުރުކުރާ ބޯޓެއްވެސް މީގެ ތިން އަހަރު ކުރިއަށް ޖެހިލާނަމަ، މޮޅަދޫއަށް ނާންނާނެއެވެ. ރަށުގެ ޢުމުރާނީ ތަރައްޤީއަށް ބޭނުންވާ ތަކެތިވެސް ގެނައުމަކީ ވަރަށް ގިނަ ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެކެވެ. މިހެންވުމުގެ ސަބަބުން ރަށުގެ ވިޔަފާރިވެރިންނަށް ވެސް ފިހާރަތަކަށް ބޭނުންވާ މުދާ ގެނެވެން އޮންނަގޮތަކީ ހަމަ ފެރީއެވެ.

ދެން ރަށުން ފުރައިގެންދާ އުޅަދުފަހަރެވެ. މާލެއިން މުދާ އެތެރެ ނުކުރެވުމުގެ ސަބަބުން މުދަލުގެ އަގު ކައިރި އެހެން ރަށްރަށާއި އަޅާބަލާއިރު މޮޅަދޫގައި އިންތިހާއަށް ބޮޑެވެ. އޭރު މޮޅަދޫ ރައްޔިތުން ރަށުގެ ފިހާރަތަކުން ގަންނާނީ ކޮންމެހެން ގަންނަންޖެހޭ، އެވަގުތަކު ރަށުންބޭރުން ގެންނަން އުދަގޫ ކުދިކުދި އެއްޗެއްސެވެ. ގިނަމީހުން ގެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ހުންނަނީ އިހަވަންދޫއިން ގަނޑުކޮށް ގެނެސްފައެވެ. އެހެންކަމުން ރަށުގެ ގިނަ ވިޔަފާރިތައް ވަނީ ކުރިއެރުމެއް ނުލިބި ބަނގުރޫޓުވެފައެވެ.

މޮޅަދޫގައި ތަރައްގީ ކުރާންފެށި ބަނދަރަށް އެންމެ ފުރަތަމަ ފެރީ ކައިރި ކުރީ 1 ޖޫން 2020 ގައި، މިއީ އެރަށަށް ތާރީޚީ ދުވަހެއް، ފޮޓޯ: އެމްޕީ ޝިފާޢު

އެހެންނަމަވެސް، މިހާރު އެއީ މާޒީއެވެ. މިހާރު މޮޅަދޫ ބަނދަރަކީ އަވައްޓެރި ރަށްރަށާ އަޅާބަލާއިރު ނަލަ ޗާލު ހިތްފަސޭހަ، ޖާގަތަނަވަސް ބަނދަރެކެވެ. މީގެ ތިން ސަތޭކަ އަހަރު ކުރީއްސުރެ މީގެ ތިން އަހަރު ކުރިއާ ހަމައަށް މޮޅަދޫ ރައްޔިތުން އުފުލި ދަތިއުނދަގޫތަކަށް މިހާރު މިވަނީ ދާއިމީ ހައްލެއް ލިބިފައެވެ. މިހާރު އެންމެ ފަސޭހައިން އަތޮޅު ފެރީއަަށް ކައިރިކުރެވޭ މިސަރަޙައްދުގެ އެއްރަށަކީ މޮޅަދޫއެވެ. ފެރީއިން ދަތުރުކުރާ މީހުންނަށް އަރައި ފައިބަން އެހާމެ ފަސޭހައެވެ. މުދާ އަރުވައި ބާލަންވެސް ނުލާހިކު ފަސޭހައެވެ. މާލެ ދަތުރުކުރާ ބޯޓެއްވެސް މިހާރު މޮޅަދޫއަށް ބަރާބަރަށް ދަތުރުކުރެއެވެ. ރަށަށް ބޭނުންވާ ސާމާނު އެތެރެކުރަން މިހާރު އެއްވެސް ދައްޗެއް ނެތެވެ.

މޮޅަދޫގައި ތަރައްގީކޮށްފައިވާ ޒަމާނީ ބަނދަރު، މި މަޝްރޫޢުގައި ސޮއި ކުރީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 8 ވަނަ ދުވަހު، މިއީ 26.9 މިލިއަން ރުފިޔާގެ މަޝްރޫޢުއެއް، ފޮޓޯ: އަހްމަދު ޝާހިދު

ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު މުދާ ރަށަށް ގެނެވެއެވެ. ތަކެތީގެ އަގުތައްވެސް ކުރިއާއި އަޅާބަލާއިރު އެހެން ރަށްރަށެކޭ ތަފާތެއް ނެތެވެ. ރަށުގެ ރައްޔިތުން ފިހާރަތަކުން ވިޔަފާރިކުރާ މިންވަރު ވަރަށް ބޮޑުތަންވަނީ އިތުރުވެފައެވެ. ކުރިން ދެފިހާރަ ހުރި މޮޅަދޫގައި ދާދިފަހުން މިވަނީ ތިންވަނަ ފިހާރައެއްވެސް ހުޅުވާފައެވެ. ބަނދަރުގެ މަސައްކަތް ނިމިފައިވާ އިރު، އަދި ރަސްމީކޮށް މޮޅަދޫގެ ބަނދަރު ހުޅުވާފައި ނުވި ނަމަވެސް ރައްޔިތުންނަށް ވަނީ ބަނދަރުގެ ދޮރު ހުޅުވިފައެވެ.

މޮޅަދޫ ބަނދަރުގެ އަމަލީ މަސައްކަތް ފެށުނީ 2020 ވަނަ އަހަރު، މިއީ މޮޅަދޫ ރައްޔިތުންގެ ދިގު އިންތިޒާރެއްގެ ނިމުން، ފޮޓޯ: އަހްމަދު ޝާހިދު

ބަނދަރާއެކު ބޮޑެތި ލުއި ފަސޭހަ ތަކެއް ރައްޔިތުންނަށް ލިބިގެން ދިޔަނަމަވެސް މިފަދަ ޢުމުރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢު ތަކުން އެހެން ރަށް ރަށަށް ވެސް ކުރާފަދަ ނޭދެވޭ ބައެއް އަސަރު ތަކުން މޮޅަދޫވެސް ސަލާމަތެއް ނުވިއެވެ. އެގޮތުން ތިމާވެށީގެ ބޮޑެތި ގޮންޖެހުންތަކާއި މޮޅަދޫވެސް ވަނީ ކުރިމަތި ލާން ޖެހިފައެވެ. އެގޮތުން ރަށްގިރުމަކީ މޮޅަދޫއަށްވެސް މިހާރު ކުރިމަތިލާން ޖެހިފައިވާ އެންމެ ބޮޑު އެއް މައްސަލައެވެ. ރަށުގެ މޫނުމަތީގައިވާ ރީތި ދޮންވެލި ގޮނޑުދޮށުން ބޮޑު ބައެއް މިހާރު ވަނީ ގިރާލާފައެވެ. ހުޅަނގު މޫސުމުގެ ބިޔަ ބޮޑެތި ރާޅުތަކުގެ ޝިކާރައަކަށް މިހާރު ވެފައިވަނީ މޮޅަދޫގެ ނަލަ ރީތި ދޮންވެލި ގޮނޑުދޮށެވެ. އަވަސް މުސްތަޤުބަލެއްގައި އެކަށީގެންވާ ފިޔަވަޅު ތަކެއް ނޭޅިއްޖެނަމަ ރަށުގެ އެންމެ ހިތްގައިމު ރީތިނަލަ ގޮނޑުދޮށަށް ވެދާނެ ގޮތަކާ މެދު މޮޅަދޫގެ ކޮންމެ ރައްޔިތަކު ވެސް އިންތިހާއަށް ކަންބޮޑުވެ އެވެ.